ވ. އާރަށް ޓޫރިޒަމަށް ކުއްޔަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު އިރުޝާދު ދެއްވާފައި ނުވާ ކަމަށް އެ މަނިކުފާނުގެ ދިފާއީ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ކުއްޔަށް ދީގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް މަނީލޯންޑާ ކޮށްފައިވާ މައްސަލައާއި އެ ރަށް ވިއްކުމުގައި ރިޝްވަތު ހިފި މައްސަލައިގައި ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވި 11 އަހަރު ދުވަހުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލައިގައި، ހައިކޯޓަށް މިއަދު ދިފާއު ހުށަހަޅުއްވަމުންވެ.

ހައިކޯޓުގައި މިއަދު ކުރިއަށް ގެންދިޔައީ އާރަށް ކުއްޔަށް ދިނުމުގައި ޔޫސުފް ނައީމުގެ އަތުން ރިޝަވަތު ނެގި މައްސަލައިގެ އިސްތިއުނާފެވެ.

ޝިޔާޒް ވިދާޅުވީ، އާރަށް ޓޫރިޒަމަށް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ރައީސް ޔާމީން ވިދާޅުވި ކަމަށް، ދަށު ކޯޓުގެ ހުކުމުގައި ބުނާއިރު، އެ މައްސަލައިގައި ހުށަހަޅާފައިވާ ސިޓީތަކުންވެސް އެފަދަ އިބާރާތެއް ފެންނަންވެސް ނެތް ކަަމަށެވެ. އަދި އެ އިބާރާތް ކުރާ އިބާރާތެއް ހިމެނޭ ސިޓީއަކީވެސް ރައީސް ޔާމީނަށް އެނގިވަޑައިގެން ފޮނުވާފައިވާ ސިޓީއެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ރައީސް ޔާމީން ހުންނަވައި، އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޔޫސުފް ނައީމުގެ ހިއްސާ އޮންނަ ކުންފުންޏަކަށް އާރަށް ކުއްޔަށް ދިނުމަށް ނުފޫޒު ފޯރުވުމުގެ މުގާބިލުގައި ޔޫސުފް ނައީމުގެ އެކައުންޓަކުން ރައީސް ޔާމިނަށް ފައިސާ ދީފައިވާ ކަމަށް ދައުވާގައި ބުނެފައިވާއިރު، ޔޫސުފް ނައީމަށް ދައުވާކޮށްފައިވަނީ، އާރަށް ކުއްޔަށް ލިބޭނެ ގޮތަށް އިންތިޒާމު ކޮށްދިމުގެ މުގާބިލުގައި ފައިސާ ދިން މައްސަލައެއްގައި ކަމަށްވެސް ވިދާޅުވިއެވެ.

ޝިޔާޒު ފާހަގަކުރެއްވި ގޮތުގައި އެއީ މުޅިން ދެ ކަމެކެވެ. އެކަމުގައި ނުފޫޒު ފޯރުވަން ކުރީ ކޮންކަމެއްކަން ބަޔާންކޮށްދެވިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމާ ގުޅޭ އިސްްތިއުނާފީ ތިން މައްސަަލައެއް ވަނީ ހައިކޯޓަށް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މަނީ ލޯންޑާކުރުމާއި ރިޝްވަތު ގަބޫލުކުރުުމުގެ މައްްސަލައިގެ އިތުުރުން ރައީސް ޔާމީނަށް ރިޝްވަތު ދިންކަން ސާބިތުވެެގެން ޔޫސުފް ނައީމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފެވެ.