އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް 2023ގެ ފުރަތަމަ މެޗުގައި މިއަދު ނޭޕާލާ ދެކޮޅަށް ކުވައިތުން ހޯދި މޮޅުގައި އެ ފެނުނީ ޓީމުގެ އަސްލު ފެންވަރު ނޫން ކަމަށާއި، އަދި އިތުރަށް ކުޅުން ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެގައުމުގެ ޕޯޗުގަލް ކޯޗު، ރުއި ބެންޓޯ ބުނެފިއެވެ.
ސާފް ޗެމްޕިއަންޝިޕްގައި މުޅިން އަލަށް ވާދަކުރާ ކުވައިތުން މިއަދު ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ހޫނުގައި ފެށި ނަމަވެސް، ބެންގަލޫރަށް މިއަދުވެސް އޮތީ ބަނަކޮށެވެ. ކޮންމެވެސް ވަރަކަށް ވާރޭވެސް މެޗު ތެރެއިން ވެހިފައިވާ އިރު، ފިނިހޫނުމިން އުޅެނީ ގާތްގަނޑަކަށް 25 ޑިގްރީ ސެލްޝިއަސްގައެވެ.
"އަހަންނަށް އެނގޭ އަހަރެންގެ ކުޅުންތެރިން. އަހަރެމެން ނުކުތީ މިއަށްވުރެ ރަނގަޅަށް ކުޅެން. އެކަމަކު މިއަދު މިއީ ޓީމުގެ އެންމެ ރަނގަޅު ކުޅުމެއް ނޫން. މިއަދުގެ މެޗަށް އުނދަގޫތަކެއް ހުރި. ދަތުރުކޮށްފައި، ރަނގަޅަށް މޫސުމަށްވެސް ނުހޭނި ކުޅުންތެރިން ތިބީ. އެހެންވީމަ އެކަން ދެއްކި. މިއަށްވުރެ ރަނގަޅަށް އަދި އަހަރެންގެ ޓީމަށް ކުޅެވޭނެ،" މިއަދުގެ ޕޯސްޓް މެޗު ޕްރެސްގައި ބެންޓޯ ބުންޏެވެ.
ބެންޓޯގެ ނަޒަރުގައި ނޭޕާލުން ކުޅުނު ކުޅުން އޭނާއަކަށް ސަޕްރައިޒެއް ނޫނެވެ. ކުރިން ބެންފިކާއާއި ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު ކޯޗު ބެންޓޯ ބުނީ ހަދަން ނުޖެހޭ ގޯސްތަކެއް ޓީމުން ހެދި ނަމަވެސް، މޮޅުވުމުން ހިތްހަމަ ޖެހޭ ކަމަށެވެ. އެހެންނަމަވެސް ޓީމުން އަދި އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ގަބޫލުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.
"އަހަރެމެން އުންމީދުކުރިން ނޭޕާލުން އެ ކުޅުނު ކުޅުން ކުޅޭނެ ކަމަށް. އެއީ އަހަރެން ފުޓުބޯޅައިގައި އަބަދުވެސް ބުނަމުންދާ ވާހަކައެއް އެއީ، އިދިކޮޅު ޓީމަށް އިހުތިރާމް ކުޑަ ނުކުރެވޭނެ ކަމަށް. އަހަރެން އުންމީދެއް ނުކުރަން ނޭޕާލް ބަލިވާނެ ކަމަކަށް. އަހަރެމެން ޓީމުގެ ފަރާތުން ފެނުނު ހަދަން ނުޖެހޭ ގޯސްތަކެއް ހެދި ތަން. އެކަމަކު އެއީ މެޗުތަކުގައި ވެދާނެ ކަމެއް. އަހަރެން މިހުރީ ހިތްހަމަ ޖެހިފައި. މޮޅުވުމުން ހިތްހަމަ ޖެހުނަސް، މިބުނަނީ އަހަރެމެންނަށް އަދި މިއަށްވުރެ ރަނގަޅު ކުރެވޭނެ ކަމަށް،" މިއަދު ބެންޓޯ ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕްގައި ބެންޓޯގެ ކުވައިތުން ދެން ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އެއީ އަންނަ ހޮނިހިރު ދުވަހުއެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023