- އާބާދީ: 30 މިލިއަން
- ވެރިރަށް: ކަތަމަންޑޫ
- ވަނަން: ދަ ގޯކާލިސް
- އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ: ކިރަން ކުމާރް ލިމްބޫ (84 މެޗު)
- ޓޮޕް ސްކޯރާ: ހަރީ ކަދްކާ އަދި ނިރާޖަން ރަޔަމަޖީ (13 ގޯލު)
ނޭޕާލުން ރަސްމީކޮށް ފީފާގެ މެންބަރު ގައުމަކަށް ވެފައިވަނީ 1970 ވަނަ އަހަރުއެވެ. އޭގެ ފަހުން ފުރަތަމަ ފަހަރަށް ނޭޕާލުން ރަސްމީ މެޗެއް ކުޅެފައިވަނީ 1972 ވަނަ އަހަރު ނޭޕާލާ ދެކޮޅަށެވެ. އެ މެޗުން 6-2 ގެ ނަތީޖާއަކުން ޗައިނާ އަތުން ނޭޕާލް ވަނީ ބަލިވެފައެވެ.
ދެކުނު އޭޝިއާއަށް ނިސްބަތްވާ ނޭޕާލުން ވަނީ ސާފް ޗެމްޕިއަންޝިޕްގެ އިތުރުން އޭއެފްސީ ޗެލެންޖް ކަޕާއި އޭއެފްސީ ސޮލިޑާރިޓީ ކަޕާއި އޭޝިއަން ގޭމްސް އަދި ސައުތު އޭޝިއަން ގޭމްސްގައި ވެސް ވާދަކޮށްފައެވެ. ނޭޕާލުން ވަނީ ސައުތު އޭޝިއަން ގޭމްސްގައި ދެ ރަން މެޑަލް އާއި ދެ ރިހި މެޑަލް އަދި ލޯ މެޑެއްޔެއް ވެސް ހޯދައިފައެވެ.
ނޭޕާލުން ވަނީ ރަސްމީކޮށް ފުޓުބޯޅައިގެ ތެރެއަށް ވަނުމުގެ އަހަރުތަކެއް ކުރިން އެ ގައުމުގައި ފުޓުބޯޅަ ތައާރަފުކޮށްފައެވެ. 1920 ގެ އަހަރުތަކުގައި ފުޓުބޯޅައަކީ ގައުމީ ކުޅިވަރަކަށް ހަދައި، ބައެއް ޑޮމެސްޓިކް މުބާރާތްތައް ވެސް އެ ގައުމުގައި ބޭއްވިއެވެ.
އޭގެ އިތުރުން 1970 ގައި ފީފާގެ މެންބަރު ގައުމަކަށް ވުމުގެ ކުރިން 1960 ގެ އަހަރުތަކުން ފެށިގެން ނޭޕާލުން ދިޔައީ އެޝިއާގެ ބައެއް މުބާރާތްތަކުގައި ވާދަކުރަމުންނެވެ. ފުޓުބޯޅަ ކުރިއެރުވުމަށް ނޭޕާލް ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ގައުމީ ޓީމުތަކާއި ބޭރުގެ ކްލަބުތަކަށް ދައުވަތުދީގެން މުބާރާތެއް ކުރިއަށްގެންދިއުމަށް އޭއެންއެފްއޭ ކަޕްގެ ނަމުގައި މުބާރާތެއް ވެސް ތައާރަފުކޮށްފައެވެ.
ނޭޕާލުން ހޯދި ބައެއް ކާމިޔާބީތަކުގެ ތެރޭގައި އޭއެފްސީ ޗެލެންޖް ކަޕްގެ ނަމުގައި 2006 އިން 2014 ގެ ނިޔަލަށް ބޭއްވި މުބާރާތުގައި ހޯދި ކާމިޔާބީއެއް ހިމެނެއެވެ. ބަންގުލަދޭޝްގައި ބޭއްވި ފުރަތަމަ މުބާރާތުގައި ނޭޕާލުން ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
އެ ފަހަރުގެ މުބާރާތުގައި ނޭޕާލް ހިމެނުނީ ސްރީ ލަންކާ އާއި ބުރުނާއީ އަދި ބޫޓާނާ އެއް ގްރޫޕެއްގައެވެ. ފުރަތަމަ މެޗުގައި ނޭޕާލުން ބޫޓާން ބަލިކުރި އިރު، ދެވަނަ މެޗުގައި ބުރޫނާއީ ވެސް ބަލިކުރިއެވެ. އަދި ފަހު މެޗުގައި ލަންކާ އަތުން ވަނީ އެއްވަރުވެފައެވެ. ސެމީއަށް ނޭޕާލް ދަތުރުކުރީ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ސެމީގައި ނޭޕާލް ބަލިވީ އިންޑިއާގެ 20 އަހަރުން ދަށުގެ ޓީމު އަތުންނެވެ.
އޭއެފްސީ ޗެލެންޖް ކަޕްގެ ބަދަލުގައި ތައާރަފުކުރި އޭއެފްސީ ސޮލިޑާރިޓީ ކަޕްގައި ވެސް ނޭޕާލުން ކާމިޔާބު ހޯދިއެވެ. 2016 ވަނަ އަހަރު މެލޭޝިއާގައި ބޭއްވި ފުރަތަަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނޭޕާލުންނެވެ. އެ މުބާރާތުގައި ނޭޕާލް ހިމެނުނީ ބުރުނާއީ އާއި ޓިމޯ ލެސްޓޭ އާއި ބަންގުލަދޭޝް އަދި ޕާކިސްތާނާ އެއް ގްރޫޕެއްގައެވެ. ނަމަވެސް ބަންގުލަދޭޝް އާއި ޕާކިސްތާނުން ވަނީ ނަން ނަގައިފައެވެ.
އެ މުބާރާތުގެ ގްރޫޕު ސްޓޭޖުގެ ފުރަތަމަ މެޗުގައި ޓިމޯ ލެސްޓޭ އަތުން ނޭޕާލް އެއްވަރުވި އިރު، ދެވަނަ މެޗުގައި ބުރުނާއީ ބަލިކުރިއެވެ. އެއާއެކު ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ނޭޕާލުން ސެމީ ފައިނަލަށް ދަތުރުކުރިއެވެ. ސެމީގައި ލާއޯސް ބަލިކޮށް، ނޭޕާލުން ވަނީ ފައިނަލުގެ ޖާގައެއް ހޯދައިފައެވެ. އަދި ނޭޕާލުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 1-0 ގެ ނަތީޖާއަކުން މަކާއޫ ބަލިކޮށްގެންނެވެ.
މިހާތަނަށް ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ހުރިހާ މުބާރާތެއްގައި ވެސް ނޭޕާލުން ވާދަކޮށްފައިވާ އިރު، އެ ޓީމު ފާހަގަކޮށްލެވެނީ އެ މުބާރާތުގެ ވަރުގަދަ ޓީމުތަކުގެ ތެރޭގައެވެ. ނޭޕާލުން ވަނީ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތުގައި ތިންވަނަ މަގާމު ހޯދައިފައެވެ. ޕާކިސްތާނުގައި ބޭއްވި އެ މުބާރާތުގައި ޖުމުލަ ހަތަރު ޓީމަކުން ބައިވެރިވެފައިވުމުން ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުންނެވެ. މުބާރާތުގައި ބައިވެރިވީ ނޭޕާލްގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ އަދި ޕާކިސްތާނެވެ. އެ މުބާރާތުގައި ނޭޕާލް ކުޅުނު ތިން މެޗުގެ ތެރެއިން ޕާކިސްތާނާއި ލަންކާ އަތުން އެއްވަރުވި އިރު، ބަލިވީ ހަމައެކަނި ޗެމްޕިއަން އިންޑިއާ އަތުންނެވެ.
ސާފް ޗެމްޕިއަންޝިޕް 2011 އިން ފެށިގެން ނޭޕާލް ފެނުނީ ވަރުގަދަކޮށެވެ. އެގޮތުން 2011 އިން ފެށިގެން ބޭއްވި ފަސް މުބާރާތުގެ ތެރެއިން ތިން މުބާރާތެއްގައި ސެމީ ފައިނަލުން ޖާގަ ހޯދި އިރު، އެއް މުބާރާތުގެ ރަނަރަޕްކަން ހޯދިއެވެ. އިންޑިއާގައި ބޭއްވި 2011 ގެ މުބާރާތުގެ ސެމީގައި ނޭޕާލް ބަލިވީ އަފްޣާނިސްތާން އަތުންނެވެ. އަދި އަމިއްލަ ގައުމުގައި ބޭއްވި 2013 ގެ މުބާރާތުގެ ސެމީގައި ވެސް އަފްޣާނިސްތާން އަތުން ނޭޕާލް ބަލިވި އިރު، ބަންގުލަދޭޝްގައި ބޭއްވި 2018 ގެ މުބާރާތުގެ ސެމީގައި ބަލިވީ އެ ފަހަރުގެ ޗެމްޕިއަން ރާއްޖެ އަތުންނެވެ.
ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލްގެ އެންމެ ކާމިޔާބު މުބާރާތަކީ އެންމެ ފަހުން ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި މުބާރާތެވެ. ލީގު ބުރުގައި ނޭޕާލުން ވަނީ ރާއްޖެ އާއި ސްރީ ލަންކާ ބަލިކޮށް، ބަންގުލަދޭޝް އަތުން ވެސް ޕޮއިންޓެއް ހޯދައިފައެވެ. ލީގު ބުރުގައި އެޓީމު ބަލިވީ ހަމައެކަނި އިންޑިއާ އަތުންނެވެ. ލީގު ބުރުގެ ދެވަނަ ހޯދި ނޭޕާލުން ފައިނަލުގައި އިންޑިއާ އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.
އިންޑިއާގައި މިއަދު ފަށާ ސާފް ޗެމްޕިއަންޝިޕްގައި ވެސް ނޭޕާލުން ވާދަކުރާނެއެވެ. ނޭޕާލުން އެ މުބާރާތަށް ނުކުންނާނީ އެންމެ ފަހުގެ ރަނަރަޕްގެ ގޮތުގައެވެ. މުބާރާތުގައި ނޭޕާލް ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ކުވެއިތު އަދި ޕާކިސްތާނާ އެއް ގްރޫޕެއްގައެވެ.
- ނަން: ވިންސެންޒޯ އަލްބާޓޯ އާނޭސޭ
- އުމުރު: 38 އަހަރު
ނޭޕާލްގެ ކޯޗުކަމުގައި ހުރި ވިންސެންޒޯ އަލްބާޓޯ އާނޭސޭއަކީ އިޓަލީއަށް އުފަން ކޯޗެކެވެ. މޮލްފޭޓާ ސްޕޯޓީވާއަށް ކުޅުނު ބައްޕަގެ ފިޔަވަޅުތަކުން ކުރިއަށްދާން ވިންސެންޒޯ ވަނީ ޅައުމުގައި ފުޓުބޯޅައަށް ނުކުމެފައެވެ. އިޓަލީގެ ވެނޭޒިއާގެ ޔޫތު ސިސްޓަމްގެ ތެރެއިން ނުކުމެ، ބައެއް ލޯކަލް ކްލަބުތަކަށް ވިންސެންޒޯ ކުޅުނު ނަމަވެސް، އޭނާ ވަނީ ޒުވާން އުމުރުގައި ކޯޗިންނަށް ފޯކަސް ހިފައިފައެވެ.
ހަގު އުމުރެއްގައި އިޓަލީގެ އިތުރުން އަރްމޭނިއާ ފަދަ ގައުމުތަކުގެ ޒުވާން ޓީމުތަކަށް ވިންސެންޒޯ ކޯޗުކަން ކޮށްދީފައިވާ އިރު، އޭނާ ވަނީ ފަލަސްތީނުގެ އަހްލީ އައްހަލީލާށްވެސް ކޯޗުކަން ކޮށްދީފައެވެ. އެ ކްލަބާއެކު އޭނާ ވަނީ 2016-17 ވަނަ އަހަރުގެ ފަލަސްތީން ކަޕާއި 2017 ވަނަ އަހަރުގެ ވެސްޓް ބޭންކް ކަޕް ކާމިޔާބުކޮށްފައެވެ. އެ ހިސާބުން އޭޝިއާގެ ފުޓުބޯޅައަށް ވަދެ، ވިންސެންޒޯ ވަނީ އިންޑޮނޭޝިއާގެ ފުރަތަމަ ޑިވިޝަން ކްލަބަކަށްވެސް އިރުޝާދު ދީފައެވެ. އެފަހަރު 2019 ވަނަ އަހަރު ބެލީޒޭ ގައުމީ ޓީމަށް ވިންސެންޒޯ އިރުޝާދު ދިން ނަމަވެސް، އޭގެ ފަހުން ފެނުނީ ކްލަބު ފުޓުބޯޅައިންނެވެ.
ހާއްސަކޮށް އިންޑިއާގެ ލީގު ފުޓުބޯޅައަށް ވިންސެންޒޯ އަލެއް ނޫނެވެ. ގޮކުލަމް ކެރެލާއާއެކު އޭނާ ވަނީ ޖެހިޖެހިގެން ދެ ފަހަރަށް އައިލީގު ކާމިޔާބުކޮށްފައެވެ. އެއީ އައިލީގުގެ ތާރީހުގައިވެސް އެފަދަ ފުރަތަމަ ކާމިޔާބީއެވެ. 2021-22 ވަނަ އަހަރު ލީގު ނަގައި، ގޮކުލަމް ކެރެލާއާއެކު ވިންސެންޒޯ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖަށް ނުކުމެ، ވަރުގަދަ އޭޓީކޭ މޯހުން ބަގާންވެސް ބަލިކުރިއެވެ. އެ ކްލަބަށްފަހު އިންޑިއާގެ ސުޕަ ލީގުގެ ނޯތުއީސްޓް ޔުނައިޓެޑްގެ ކޯޗުކަމުގައިވެސް ވިންސެންޒޯ ހުއްޓެވެ. ނޭޕާލް ގައުމީ ޓީމާ ހަވާލުވީ މިއަހަރުގެ މާޗް މަހުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން ބޫޓާނާއި ލާއޯސްއާއެކު ނޭޕާލުން ވާދަކުރި ޕްރައިމް މިނިސްޓަރު ތްރީ ނޭޝަންސް ކަޕް ނޭޕާލުން ވަނީ ކާމިޔާބުކޮށްފައެވެ.
- ނަން: އަންޖަން ބިސްޓާ
- އުމުރު: 25 އަހަރު
- ކްލަބު: މުމްބާއީ ކެންކްރޭ، އިންޑިއާ
ނޭޕާލް ޓީމުގެ ތަރިއަކީ މިވަގުތު އެޓީމުގެ އެންމެ މުހިންމު އެއް ފޯވަޑުގެ ގޮތުގައި ފާހަގަކޮށްލެވޭ އަންޖަން ބިސްޓާއެވެ. އޭނާއަކީ ނޭޕާލްގެ ފުޓުބޯޅަ އެސޯސިއޭޝަންގެ އެޑަމީން ތަމްރީނުވި ކުޅުންތެރިއެކެވެ.
އަންޖަންގެ ފުޓުބޯޅަ ކެރިއަރު 2015 ވަނަ އަހަރު ފެށިގެންދިޔަ އިރު، އޭނާ 2022 ގެ ނިޔަލަށް ފެނިގެންދިޔައީ ނޭޕާލްގެ ދެ ކްލަބަކުންނެވެ. އެއީ އޭޕީއެފް ކްލަބާއި މަނަންގް މާޝްޔަންގްޑީ އިންނެވެ. އެއަށްފަހު ދެން އޭނާ ފެނިގެންދިޔައީ އިންޑިއާގެ ޗާޗް ބޯއީސް ޔުނައިޓެޑް އަދި މުމްބާއީ ކެންކްރޭ އިންނެވެ.
ނޭޕާލްގެ ޒުވާން ގައުމީ ޓީމުތަކަށް ކުޅުނު އަންޖަން، ގައުމީ ސީނިއާ ޓީމުން ފުރަތަމަ ފެނިގެންދިޔައީ 2014 ވަނަ އަހަރު ފިލިޕީންސްއާ ދެކޮޅަށް ކުޅުނު މެޗެއްގައެވެ. މިހާތަނަށް ނޭޕާލަށް އަންޖަން 11 ގޯލު ކާމިޔާބުކޮށްދީފައިވާ އިރު، އޭގެ ތެރެއިން ދެ ގޯލަކީ އެންމެ ފަހުން ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ޖެހި ދެ ގޯލެވެ. އެ ގޯލުތައް އޭނާ ކާމިޔާބުކޮށްފައިވަނީ ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗާއި ބަންގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
- 21 ޖޫން، 15:00، ކުވެއިތު - ނޭޕާލް
- 24 ޖޫން، 19:00، ނޭޕާލް - އިންޑިއާ
- 27 ޖޫން، 15:00، ނޭޕާލް - ޕާކިސްތާން
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023