ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޑް ކާނިވަލް "އާބަންކޯ މޯލްޑިވްސް ފުޑް ކާނިވަލް 2023" މިއަދު ފަށައިފިއެވެ.

ތިންކް އެސޯސިއޭޓްސްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ފުޑް ކާނިވަލްގެ ޓައިޓަލް ސްޕޮންސަރަކީ އާބަންކޯއެވެ. އަދި މެއިން ސްޕޮންސަރަކީ ދިރާގެވެ. މިއަދު ހަވީރު ފެށި މި ކާނިވަލް ރަސްމީކޮށް ފައްޓަވައިދެއްވީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފާއި ދިރާގުގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ފެށި މި ފުޑް ކާނިވަލް މިމަހުގެ 24ގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ކާނިވަލް ކުރިއަށްދަނީ ހަވީރު 4:00 އިން ރޭގަނޑު 12:00 އަށެވެ.

އާބަންކޯ އިން ބުނީ ހަތަރު ދުވަހުގެ މި ކާނިވަލަކީ މަޖާ އަދި އުފާވެރި މާހައުލެއްގައި ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭނެ ގޮތަށް ގޭމްތަކާއި، ތަފާތު ގިނަ މީރު ކާނާތައް އެއްތަނަކުން ކާނިވަލެއްގެ ސިފައިގައި ތަޖުރިބާކޮށްލުމަށް ބޭއްވޭ ކާނިވަލެއް ކަމަށެވެ.

އެގޮތުން ކާނިވަލުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ބިރުވެރި ހޮހަޅަ އަކާއި ތަފާތު ދިވެހި ފަންނާނުންނާއި ލަވަކިޔުންތެރިންގެ ހުނަރު ދައްކާލުމަށް އޯޕަން ސްޓޭޖެއް އަދި ކަލިނަރީ މުބާރަތްތަކެއް ހިމެނެއެވެ. އަދި ކާބޯތަކެތި ވިއްކާ ފަރާތްތައްވެސް އެ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލައި ވިއްކުމަށް ހަމަޖެހިފައިވާ އިރު، ކާނިވަލް ތެރޭގައި އާޓިސަން މާކެޓް، ފުޑް ސްޓްރީޓް، ޓީ އެންޑް ކޮފީ ފެސްޓިވަލް އަދި ޓޭސްޓް ދަ ވޯލްޑްއަށް ބަހާލެވިގެން ސްޓޯލްތައް ހުންނާނެއެވެ.