ބެންގަލޫރުގައި އިންޑިޔާގެ ގައުމީ ފުޓްބޯޅަ ޓީމު މެޗެއް ނުކުޅޭތާ އަހަރުތަކެއްވުމަށްފަހު އެ ސިޓީގައި އިންޑިޔާ ކުޅޭ ފުރަތަމަ މެޗަށްޓަކައި ބެންގަލޫރުގެ ފުޓްބޯޅައަށް ލޯބިކުރާ އެތައް ހާސްބަޔަކު ދަނީ ތައްޔާރުވަމުންނެވެ. އެހެންނަމަވެސް އިންޑިޔާއާ ދެކޮޅަށް މާދަމާރޭ ނުކުންނަ ޕާކިސްތާނު ޓީމަށް އެކަށީގެންވާ ގޮތެއްގައި ވާދަކުރެވިދާނޭކަމާމެދު ސީރިއަސް ސުވާލުތަކެއް މިހާރު ވަނީ އުފެދިފައެވެ. މޮރިޝަސްއިން ފުރައިގެން ޕާކިސްތާނުގެ ޓީމަށް އިންޑިޔާއަށް އާދެވޭނީ މިރޭ (އަންގާރަދުވަހުގެ ރޭ) ދަންވަރު އެކެއްޖަހާއިރުއެވެ. އެވެސް ބެންގަލޫރެއް ނޫނެވެ. ބޮމްބޭއެވެ. ބޮމްބޭގައި ހަތަރުގަޑިއިރު ޓްރާންސިޓް ވެފައި ފަތިހު ފަހެއްޖަހާއިރު ފުރައިގެން ބެންގަލޯރަށް ފޯރާނީ ހެނދުނު އަށެއް ޖަހާއިރުއެވެ. އިންޑިޔާއާ ދެކޮޅަށް މާދަމާރޭ މެޗު ފަށަން ހަމަޖެހިފައިވަނީ ޕާކިސްތާނުގެ ކުޅުންތެރިން ބެންގަލޫރަށް ފައިބާތާ ބާރަގަޑިއިރުވެސް ހަމަނުވެ އިރާކޮޅު ހަތްގަޑިބައިގައެވެ.
ޕާކިސްތާނު ޓީމުގެ މެނޭޖަރު ހަސްނައިން ހައިދަރު މޮރިޝަސްގައި މިއަދު ބައިނަލްއަގުވާމީ މީޑިއާއަށް ދިން އިންޓަރވިޔުއެއްގައި ބުނެފައިވަނީ މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް ނުކުންނަން ޖެހެނީ ސާދަގަޑިއިރުގެ ދިގު ދަތުރެއްގެ ވަރުބަލިކަން ފިލައިނުދަނީސް، އަދި ފުރިހަމަ ކުރަންޖެހޭ ނިދިވެސް ފުރިހަމަނުކޮށް ކަމަށްވާތީ މިއީ ޕާކިސްތާނަށް ކިތަންމެހައިވެސް ބޮޑު ބަދުނަސީބެއް ކަމުގައެވެ. ގެއްލުމެއް ކަމުގައެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން މެޗަށް ތައްޔާރުވެ ހަމަޖެހިލަން އެކަށީގެންވާ ވަގުތު ނުލިބުމާއެކު ބެންގަލޫރުގެ މާހައުލަށް ހޭނިލަންވެސް އެކަށީގެންވާ ވަގުތެެއް ނުލިބި އިންޑިޔާއާ ދެކޮޅަށް ނުކުންނަން ޖެހުމަކީ ހިތަށް ގެންނަން ފަސޭހަނުވާވަރުގެ ބޮޑު ދެރައެއްކަމަށްވެސް ހައިދަރު ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ ދެ މެޗު މާދަމާ ކުޅުމުގެ ކުރިން މިއަދު ޓީމުތަކުގެ ހެޑް ކޯޗުން މީޑިއާއާ ބައްދަލުކުރިއިރު ހާޒިރު ނުވެވުނީވެސް ހަމައެކަނި ޕާކިސްތާނުގެ ކޯޗު ޝަހުޒާދު އަންވަރަށެވެ. ޕާކިސްތާނު ކޮންމެ ހާލަތެއްގައި އޮތަސް މެޗު ފަސޭހަކޮށްނުލާނެ ކަމަށާއި ޕާކިސްތާނަކީ ވަރުގަދަ ޓީމެއް ކަމަށް އިންޑިޔާގެ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަޗް މިއަދު ވަނީ ބުނެފައެވެ. ސްޓިމަޗް ބުނެފައިވަނީ ހުސްވި ހަފުތާގައި މޮރިޝަސްގައި ކުޅުނު ހަތަރު ގައުމުގެ ފުޓްބޯޅަ މުބާރާތަކީ ފީފާގެ ތިން އަހަރުގެ ދިގު ސަސްޕެންޝަނެއްގައި އޮތުމަށްފަހު ޕާކިސްތާނު ކުޅުނު ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތަށްވިޔަސް ކެންޔާ، އަދި ޖިބޫޓީ ފަދަ ވަރުގަދަ ޓީމުތަކާ ވާދަކޮށް މޮޅު ކުޅުމެއް ޕާކިސްތާނު ކުޅެފައިވާ ކަމުގައެވެ. އެހެންވީމާ ފަރުވާ ކުޑަކޮށްލުމުގެ އެއްވެސް ޖާގައެއް އިންޑިޔާއަށް ނެތްކަމަށާއި އެކަން މާދަމާރޭގެ މެޗުން ފެންނާނެކަމަށް ސްޓިމަޗް ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕުގައި މިފަހަރުވެސް އެންމެ ގިނަބަޔަކު ޝައުގުވެރިވާ މެޗަކީ އިންޑިޔާ އާއި ޕާކިސްތާނުގެ މެޗެވެ. މީޑިއާގެ ސަމާލުކަން އެންމެ ބޮޑީވެސް އެމެޗާމެދުގައެވެ. މިއަދުގެ ޕްރެސް ކޮންފަރެންސުންވެސް އެކަންވަނީ ފެނިފައެވެ. ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މި ދެގައުމުގެ ހާލަތު އުޑާބިމާހާ ތަފާތުވިއަސް މި ދެގައުމުގެ ވާދަވެރިކަމާއި ހަތުރުވެރިކަން ބޮޑުކަމުން މިމެޗަށްވެސް ޝައުގުވެރިކަން ބޮޑުވަނީއެވެ. ޕާކިސްތާނާއި އިންޑިޔާ އެންމެފަހުން ބައްދަލުކުރީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީފައިނަލުގައެވެ. އެފަހަރު ތިނެއް އެކަކުން މޮޅުވީ އިންޑިޔާއެވެ. އެމެޗާމެދު އިންޑިޔާގެ ކޯޗު ބުނެފައިވަނީ އެއީ މާޒީކަމަށާއި ކޮންމެ މެޗަކީވެސް އައު ތަޖުރިބާއެއް ކަމުގައެވެ. އެކަމަކު އިންޑިޔާ މިވަގުތު އޮތީ ހުރިހައި ގޮތަކުންވެސް އިތުބާރާއި ޔަގީންކަމުގައި ކަމަށްވެސް ބުންޏެވެ.
ޕާކިސްތާނާއި އިންޑިޔާގެ ތަފާތު މިވަގުތު ވަރަށް ބޮޑެވެ. އެތަފާތު ފެންނަނީ ފީފާ ރޭންކިންގައި އެކަންޏެއް ނޫނެވެ. ޕާކިސްތާނު އޮތީ 195 ވަނައިގައެވެ. އިންޑިޔާ އޮތީ 101 ވަނައިގައެވެ. ހުސްވި ހަފުތާގައި ޕާކިސްތާނު ބައިވެރިވި ހަތަރު ގައުމުގެ ފުޓްބޯޅަ މުބާރާތުގައި ޕާކިސްތާނު ކުޅުނު ތިން މެޗުންވެސްވީ ބައްޔެވެ. މޮރިޝަސް، ކެންޔާ އަދި ޖިބޫޓީއަތުންނެވެ. އަނެއްކޮޅުން އިންޑިޔާ ހުސްވި ހަފުތާގައި ވާދަކުރީ އިންޓަރ ކޮންޓިނެންޓަލް ކަޕުގައެވެ. އިންޑިޔާގެ އޮޑީޝާ ސްޓޭޓްގެ ބުބަނެސްވަރުގައެވެ. ފައިނަލްގައި ލުބުނާނާ ވާދަކޮށް ދޭއްސުމަކުން މޮޅުވެގެން ޗެމްޕިއަންކަން ހޯދީވެސް އިންޑިޔާއެވެ. ބެންގަލޫރަށް އިންޑިޔާގެ ޓީމު އައީ އެ ކާމިޔާބީގެ އުފާ ފާޅުކުރަމުންނެވެ. ފައިނަލްގައި އިންޑިޔާ އަތުން ބަލިވި ލުބުނާނަކީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައިވެސް ވާދަކުރާ ގައުމެކެވެ.
ކަންކަން މިހެން އޮތުމުން އިންޑިޔާއާމެދު އެގައުމުގެ ފޭނުންކުރާ އުންމީދު ވަރަށްވެސް ބޮޑެވެ. ޚާއްސަކޮށް ކަރްނާޓަކާ ސްޓޭޓްގެ ފުޓްބޯޅަ ފެޑެރޭޝަނާއި އެފްސީ ބެންގަލޫރޫއިން މި މުބާރާތް ޕްރޮމޯޓްކުރަނީވެސް އިންޑިޔާގައި ތަށި ބެހެއްޓުމުގެ މުބާރާތެއްގެ ގޮތުގައެވެ. މާދަމާރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަށް ސްޓޭޑިއަމް ފުރައިލުމަކީވެސް ކަރްނާޓަކާ ފުޓްބޯލް ފެޑެރޭޝަނުގެ އުންމީދެކެވެ. މިއަދުގެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވި އިންޑިޔާގެ ނޫސްވެރިންގެ ޚިޔާލުގައި މާދަމާރެއަކީ ހަތްބަޑީގެ ސަލާމަކުން ޕާކިސްތާނު ބަލިވާނެ މެޗެކެވެ. ހަތްބަޑީގެ ސަލާމެކޭ އެބުނަނީ މަދުވެގެން ހަތްގޯލް ޖަހާނެ ވާހަކައެވެ. މި މެޗު ކުޅޭއިރު ސްޓޭޑިއަމްގައި ދައުރު ކުރުމަށް އިންޑިޔާގެ ފޭނުންވަނީ 3300 އަކަފޫޓުގެ ބިޔަ ބެނާރއެއްވެސް ތައްޔާރުކޮށްފައެވެ. މިކަމުގައި އިސްވެ އުޅެނީ އެފްސީ ބެންގަލޫރޫގެ ފޭނުންނެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023