ގދ. ތިނަދޫ ޕިކްނިކް އައިލެންޑް ހެދުމާއި ބިން ހިއްކުން އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު (ފުރަތަމަ ފިޔަވަހި) ގެ މަސައްކަތުގެ 52 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތުގެ 55 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން ތިނަދޫ ޕިކްނިކް އައިލެންޑް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 79.83 މިލިއަން ރުފިޔާއަށް 580 ދުވަހުން ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން 47,243 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާ ބޭސިން ފުންކުރުމާއި 12,335 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި 154 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 227 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާއި 267 މީޓަރުގެ ވެލި ބަރުކޮށްފައިވާ ބޭރު ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތްވެސް ކުރާނެއެވެ.
މީގެ އިތުރުން 22 މީޓަރުގެ ވެލި ބަރުކޮށްފައިވާ އެތެރޭ ރިވެޓްމެންޓެއް ޖެހުމާއި 204 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމާއި 570 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއި މޫރިން ބޯއީސް ހަރުކުރުމުގެ އިތުރުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް ކުރާނެއެވެ. އަދި 20 މީޓަރު ދިގު ތިން މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމާއި 1،365 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި 323 މީޓަރުގެ ކާބް ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
ތިނަދޫގެ ފޭސް ދޭއްގެ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 53.41 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭ ނިންމާ ގޮތަށް މިމަހުގެ އެއްވަނަ ދުވަހުއެވެ.
އެމްޓީސީސީން ބުނެފައިވަނީ އެ މަޝްރޫއުގެ ދަށުން ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ތިން ހެކްޓަރުގެ ސަރަހައްދެއްގައި ބިން ހިއްކުމާއި 32,647 ކިއުބިކް މީޓަރުގެ ވެލި ރިވެޓްމެންޓަށް ބަރުކުރުމާއި 254 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ އިތުރުން 89 މީޓަރުގެ ޕްރީކާސްޓް އާރްސީ ރީޓެއިނިން ފާރެއް ލުމާއި ބަނދަރު ބައްތި ހަރުކުރުމާއި އަދި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި 47 މީޓަރު ދިގު ތިން މީޓަރު ފުޅާ ޓިމްބާ ޖެޓީއެއް ހެދުމާއި ޕިކްނިކް އައިލެންޑްގެ ދެ ހެކްޓަރުގެ ސަރަހައްދެއްގައި ބިން ހިއްކުމާއި ޕިކްނިކް އައިލެންޑްގެ 474 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި ޕިކްނިކް އައިލެންޑްގެ 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
އެ ހުރިހާ މަޝްރޫއުތަކެއްގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށްފަހުއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި