މިއަހަރުގެ ބަޖެޓް ޑެފިސިޓް ސިންގަލް ޑިޖިޓުގައި ހިފެހެއްޓޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި "އަހާ" ފޯރަމްގެ ދިހަވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ، ކޮންމެ އަހަރަކުވެސް ޑެފިސިޓް ކުޑަކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ. ބަޖެޓުގައި މިއަހަރުގެ ޑެފިސިޓް ހަތް ޕަސެންޓުގައި ހިފެހެއްޓުމަށް އަންދާޒާކޮށްފައިވީ ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެ ލަނޑުދަނޑިއަށް ވާސިލުވުމަށް ގޮންޖެހުންތަކާ ކުރިމަތިވިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ހެދި ބޭނުންވި ލެވެލްގައި ހިފެހެއްޓުމަށް ދަތިތަކާ ކުރިމަތިވި ނަމަވެސް، ސިންގަލް ޑިޖިޓުގައި ޑެފިސިޓް ހިފެހެއްޓުމަށް ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5.5 ޕަސެންޓުގައި ހުރި އިރު، މިއަހަރުގެ ބަޖެޓް ޑެފިސިޓަކީ 8.8 ބިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ 6.4 ބިލިއަން ރުފިޔާގެ ޑެފިސިޓަށްވުރެ 2.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ރާއްޖޭގެ ބަޖެޓް ޑެފިސިޓް އެންމެ މައްޗަށް ދިޔައީ 2021 ވަނަ އަހަރުއެވެ. ކޮވިޑާ ގުޅިގެން އެ އަހަރު ޖީޑީޕީގެ ނިސްބަތުން 14 ޕަސެންޓަށް، ނުވަތަ 11 ބިލިއަން ރުފިޔާއަށް ޑެފިސިޓް އެރިއެވެ.
ޒަރީރު ވިދާޅުވީ، މާލީ ހާލަތު ހަމަޔަކަށް އެޅުމަށް ސަރުކާރުން އެޅި ފިޔަވަޅުތައް ރަނގަޅު ކަމަށާއި ދާދިފަހުން މޫޑީސްގެ ރޭޓިން ރަނގަޅުވީވެސް އެކަމާ ގުޅިގެން ކަމަށެވެ. ބޮޑެތި ލޯނުތައް ދައްކައި ފިސްކަލް ނިޒާމް ރަނގަޅު ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތައް ކާމިޔާބު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީތަކުގެ ތެރޭގައި ހިމެނޭ މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ 2 އިން ސީއޭއޭ 1 އަށް، އަދި އިގުތިސާދީ އައުޓްލުކް 'ސްޓޭބަލް' އަށް މިދިޔަ ހަފްތާގައި މަތިކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މޫޑީސްގެ ބަދަލާއެކު ރާއްޖޭގެ ރޭޓިން މިހާރު 2021 ވަނަ އަހަރުގައި ހުރި ލެވެލްގައި ހުރިކަން ޒަރީރު ފާހަގަކުރެއްވިއެވެ. ރޭޓިން ބަދަލުވި ފަހުން ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއަށް މާލީ އެހީތެރިކަން ދިނުމަށް ޕޮޒިޓިވްކޮށް ވިސްނަމުން އަންނަކަން ހާމަކޮށްފައިވާ ކަމަށާއި، އޭގެ ސަބަބުން ސަރުކާރުން ރާވާފައިވާ ކެޕިޓަލް ޕްރޮޖެކްޓްތައް ހިންގުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިދިޔަ ދެ އަހަރު އިގުތިސާދު ރަނގަޅު ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކާއި އިންވެސްޓަރުންނަށްވެސް އިތުރު ޔަގީންކަން ލިބިފައިވާ ކަމަށެވެ.
ދަރަނި މެނޭޖްކުރުމަށް ސަރުކާރުން މިދިޔަ ދެ އަހަރުގެ ތެރޭގައި 1.4 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ. 2013 އިން 2018 އަށް ދަރަނި އަދާކުރުމަށް 400 މިލިއަން ޑޮލަރު ހޭދަކުރި އިރު، 2018 އިން 2023 އަށް 948 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. ދައުލަތުގެ މާލީ ހާލަތު ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުން ކުރިއަށްގެންދާނެކަން ޒަރީރު ފާހަގަކުރެއްވިއެވެ.
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ކޮމެންޓް