ހުޅުމާލޭގައި ދެ ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލެ ފޭސް އެކެއްގެ ހިތިގަސް މަގު ޕްލެޓިނަމް ކައިރީގައި ދެ ކާރެއް ޖެހި އެތަނުން އެއް ކާރު ކޮންޓްރޯލު ނުވެ ގޮސް ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު ހަވީރު 5:47 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެތަނުން އެކަކު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށެވެ. އަދި މަރުވެފައިވަނީ އެތަނުން އެއް ކާރު ދުއްވަން އިން އުމުރުން 65 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވި އަނެއް ދެ މީހުންނަކީ އެކްސިޑެންޓުވި އަނެއް ކާރުގައި ތިބި ދެ މީހުން ކަމަށާއި އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.