ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާ ގުޅިގެން، މަޖިލީހުގެ ރިޔާސަތުން މަޖިލިސް ރައީސް އެކަހެރިވެވަޑައިގެން މަޖިލިސް ކުރިއަށް ނުގެންގޮސް ހުއްޓާލާފައިވާ މައްސަލައިގައި އެންމެ ފަހުގެ ފިޔަވަޅަކީ ސުޕްރީމް ކޯޓަށް ދިއުން ކަމަށް އެމްޑީޕީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، "އަޅުގަނޑުމެންގެ އެންމެ ފަހުގެ ފިޔަވަޅަކީ ސުޕްރީމް ކޯޓަށް ދިއުން، އެހެންނަމަވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން މިއީ ދައުލަތުގެ އެއް ބާރަށްވެފައި މިތަނުން، މިތަނުގެ ކަންކަން ހަމަޖެއްސޭނެ ގޮތެއް ފެނޭތޯ، ދެން އަޅުގަނޑުމެން ދާން އޮންނާނީ ސްޕްރީމް ކޯޓު، އެ ހިސާބަށް ދާން ޖެހުނީމަ އަޅުގަނޑުމެން ދާނަށް ސުޕްރީމް ކޯޓަށްވެސް،" ކަމަށެވެ.

އަސްލަމް ވިދާޅުވީ، މަޖިލިސް ހުއްޓުވާފައި ބޭއްވުމަށް، ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުވެސް ތަން ނުދޭ ކަމަށާއި ނަމަވެސް އެފަދަ ހާލަތެއްގައި ދައުލަތުގެ ކޮންމެވެސް އެއް ބާރަކުން ބަސް ބުނަންޖެހޭ ކަމަށެވެ. އަދި އެކަމުގައި ސަރުކާރާއެކުވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކުވެސް ރަސްމީކޮށް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ތިން ބާރުގެ މައްޗަށް ދައުލަތް ބެހިގެންދާ އިރު، އަދި ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަަށްވިޔަސް ރައްޔިތުންގެ މަޖިލީހަކީ، ވަރަށް ބާރުވެރިކޮށް އޮތް މަޖިލީހެއް ކަމަށެވެ. އަދި ގާނޫނުއަސާސީން މަޖިލީހުގެ ބާރުވެރިކަން ވަަރަށް ސާފުކޮށްދޭ ކަމަށްވެސް ވިދާޅުވިއެވެ.

"ގާނޫނުއަސާސީގެ އަސާސީ ހައްގުތަކުގެ ބާބަށްފަހު ފުރަތަމަ އަންނަ ބާބަކީވެސް ރައްޔިތުންގެ މަޖިލީހުގެ ބާބު، އަދި ރައްޔިތުންގެ މަޖިލީހުގެ ބާބަކީ އެހެނިހެން ހުރިހާ ބާބުތަކަށްވުރެ ޖާގަ ފުޅާކޮށް، ބާރުވެރި ކުރުވައިފައިވާ މުއައްސަސާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ މުއައްސާއެއް،"

އަސްލަމް ވިދާޅުވީ، މަޖިލިސް ތެރެއިން މަޖިލީހުގެ ކަންކަން ހައްލު ނުވެގެން، ކޯޓާ ހިސާބަށް ދާން ޖެހުމަކީ ތަންކޮޅެއް ދެރަވަރުކަމެއް ކަމަށެވެ. އަދި މަޖިލިސް ޖެހޭނީ ހިންގަން ކަމަށާއި، ދައުލަތުގެ އެފަދަ މަގާމުތަކުގައި ތިއްބަވައިގެން އެ މަގާމުތައް އެބިއުސް ކުރުމަކީ ދެރަކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"ދޫދެވިގެން ތިބެވޭނީ މަސްއޫލިއްޔަތުތައް އަދާކުރާހާ ހިނދަކު، ވަކިން ހާއްސަކޮށް ރައީސް ނަޝީދު އަޅުގަނޑުމެން އެދެން، ހަމަ ޕާސަނަލީ އަޅުގަނޑު އެދެން މަޖިލީހުގެ ރައީސަކަށް ހުންނަނަވަން. އެހެންނަމަވެސް އަޅުގަނޑަށް އެގޮތަށް ތާއީދު ކުރެވޭނީ މަޖިލިސް ރައީސްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަަދާކުރައްވަމުން ގެންދެވިނަމަ އަދި ގެންދަވާނަމަ. މިހާރު މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެޖޯރިޓީއަށް ވަރަށް ސާފުކޮށް އެމަނިކުފާނު އެކަން އެ ހަމައިގައި ނުކުރައްވާކަން ގަބޫލުކުރެވި އިތުބާރު ގެއްލިއްޖެ. އެހެންވީމަ އިތުބާރު ގެއްލިފަ ހުންނެވި ރައީސެއް އަދި މަޖިލީހުގެ ރިޔާސަތުގެ ޒިންމާ އަދާކުރެއްވުމެއްނެތި މަޖިލީހުގެ އިދާރީގޮތުން ކުރައްވަންޖެހޭ އެހެން ހުރިހާ ކަންކަމުގައި މަސްއޫލިއްޔަތުގައި ހިމެނިވަޑައިގެން މަސައްކަތްތަކުގައި ޝާމިލުވެ އުޅޭތަން ފެންނަމުން މިދަނީ،" އަސްލަމް ވިދާޅުވިއެވެ.