• އާބާދީ: ހަތް ލައްކަ
  • ވެރިރަށް: ތިމްޕޫ
  • ވަނަން: ޑްރެގަން ބޯއީސް
  • އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ: ޗެންޗޯ ޔެލްޓްޝެން (39 މެޗު)
  • ޓޮޕް ސްކޯރާ: ޗެންޗޯ ޔެލްޓްޝެން (11 ގޯލު)

ބޫޓާން ފާހަގަވެފައިވަނީ ފުޓުބޯޅައިގައި ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ފެންވަރު ދަށް ޓީމުގެ ގޮތުގައެވެ. ބޫޓާނުން 1980 ގެ ކުރީކޮޅު ފުޓުބޯޅައިގެ ތެރެއަށް ނުކުތް އިރު، ފުރަތަމަ ފަހަރަށް މެޗެއް ކުޅެފައިވަނީ ނޭޕާލާ ދެކޮޅަށް 1982 ވަނަ އަހަރުއެވެ.

ފީފާ ރޭންކިންގައި ވެސް ބޫޓާން ފާހަގަކޮށްލެވިފައިވަނީ އެންމެ ދަށް އެއް ޓީމުގެ ގޮތުގައެވެ. ނޮވެމްބަރު 2017 ވަނަ އަހަރުގެ ނިޔަލަށް ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެޓީމަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ހަ މެޗެވެ. ބޫޓާނަށް ބޮޑު މުބާރާތެއްގެ ފައިނަލަށް ދަތުރުކުރެވިފައި ނުވާ އިރު، އެޓީމު ވާދަކޮށްފައިވަނީ ހަމައެކަނި ސައުތު އޭޝިއަން ގޭމްސް އަދި ސާފް ޗެމްޕިއަންޝިޕްގައެވެ.

ބޫޓާނަކީ ފުޓުބޯޅައިގައި ކާމިޔާބު ތާރީހެއް އޮތް ޓީމެއް ނޫނެވެ. ބޫޓާނަށް ފުރަތަމަ ފުޓުބޯޅަ ތައާރަފުވެގެން ދިޔައީ އެ ގައުމުގެ ސްކޫލުތަކުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީ ޓީޗަރުންތަކެއްގެ ފަރާތުން 1950 ގެ އަހަރުތަކުގައެވެ. ބޫޓާނުން 1980 ގެ އަހަރުތަކުގައި ރަސްމީކޮށް ފުޓުބޯޅައިގެ ތެރެއަށް ވަނުމުގެ ކުރިން ނުރަސްމީ މެޗުތަކެއް ވަނީ ކުޅެފައެވެ. ނަމަވެސް އެ މެޗުތަކުގައި ބޫޓާން ޓީމުން ފެނުނު ގިނަ ކުޅުންތެރިންނަކީ އިންޑިއާއަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

ރަސްމީކޮށް ފުޓުބޯޅައަށް ތައާރަފުވުމަށްފަހު، ބޫޓާނުން ބައިވެރިވި ފުރަތަމަ މުބާރާތަކީ ނޭޕާލުން ދައުވަތުދީގެން އެ ގައުމުގައި 1982 ވަނަ އަހަރު ބޭއްވި މުބާރާތެކެވެ. އެއީ ނޭޕާލް ފުޓުބޯޅަ އެސޯސިއޭޝަނުން ބޭއްވި އޭއެންއެފްއޭ ކަޕެވެ. ނަމަވެސް އެ މުބާރާތުގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުން ބޫޓާން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.

ސައުތު އޭޝިއަން ގޭމްސް އިން ބޫޓާންގެ ގައުމީ ފުޓުބޯޅަ ޓީމު ފުރަތަމަ ފެނިގެންދިޔައީ 1984 ގައެވެ. ނަމަވެސް ފުޓުބޯޅަ އިވެންޓުގައި ކުޅުނު ހުރިހާ މެޗަކުން ބޫޓާން ވަނީ ބަލިވެފަައެވެ. ބަންގުލަދޭޝް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވި އިރު، ނޭޕާލް އަތުން ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ. އަދި ރާއްޖެ އަތުން ބަލިވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. އެއާއެކު ބޫޓާނުން ގްރޫޕު ސްޓޭޖު ނިންމާލީ ގޯލެއް ވެސް ކާމިޔާބުނުކުރެވި، ފުލުގައި އޮވެގެންނެވެ.

ބޫޓާންގެ ފުރަތަމަ ސައުތު އޭޝިއަން ގޭމްސް ގޯސްކޮށް ދިޔަ ނަމަވެސް، އެޓީމުން ދިޔައީ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން 1985 ގެ ސައުތު އޭޝިއަން ގޭމްސްގެ ގްރޫޕު ސްޓޭޖުގައި ނޭޕާލަށް ބޫޓާން ބަލިކުރެވިފައިވަނީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. އަދި އެއަށްފަހު ކުޅުނު މެޗުގައި އެފަހަރުގެ ޗެމްޕިއަން އިންޑިއާ އަތުން ބޫޓާން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

އެ ގޭމްސްއަށްފަހު ދެން ބޫޓާން ފެނިގެންދިޔައީ ދެ އަހަރަށްފަހުއެވެ. އިންޑިއާގެ ކޮލްކަތާގައި ބޭއްވި 1987 ގެ ސައުތު އޭޝިއަން ގޭމްސްގައި ފުރަތަމަ ފަހަރަށް ބޫޓާންގެ ގޯލުތަކެއް ފެނިގެންދިޔަ ނަމަވެސް، ގްރޫޕު ސްޓޭޖު ނިންމާލީ ދެ މެޗުން ބަލިވެ، ފުލުގައި އޮވެގެންނެވެ. ފުރަތަަމަ މެޗުގައި ބަންގުލަދޭޝް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވި އިރު، ނޭޕާލް އަތުން ބަލިވީ 6-2 ގެ ނަތީޖާއަކުންނެވެ.

ބޫޓާނުން ވަނީ ފުޓުބޯޅައިގެ ފެންވަރު ރަނގަޅުކުރުމަށް ފުރަތަމަ ފަހަރަށް އެ ގައުމުގައި 1989 ވަނަ އަހަރު ފުޓުބޯޅަ ލީގެއް ތައާރަފުކޮށްފައެވެ. އަދި 1994 ވަނަ އަހަރު ބޫޓާނުން ވަނީ އޭއެފްސީގެ މެންބަރަކަށް ވެފައެވެ. ނަމަވެސް 1987 އަށްފަހު ހަތަރު ސައުތު އޭޝިއަން ގޭމްސްއެއްގައި ބޫޓާން ބައިވެރިވެފައެއް ނުވެއެވެ. ބޮޑު މެދުކެނޑުމަކަށްފަހު ބޫޓާނު ސައުތު އޭޝިއަން ގޭމްސްއިން ފެނިފައިވަނީ 1999 ގައެވެ.

ސާފް ޗެމްޕިއަންޝިޕުން ބޫޓާން ފުރަތަމަ ފެނިގެންދިޔައީ 2003 ވަނަ އަހަރު ބަންގުލަދޭޝްގައި ބޭއްވި މުބާރާތުގައެވެ. އެ މުބާރާތުގައި ބޫޓާން ހިމެނުނީ ބަންގުލަދޭޝާއި ރާއްޖެ އަދި ނޭޕާލާ އެއް ގްރޫޕެއްގައެވެ. ބޫޓާންގެ ފުރަތަމަ މެޗުގައި ރާއްޖެ އަތުން 6-0 ގެ ބޮޑު ތަފާތަކުން ބަލިވި އިރު، ނޭޕާލް އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި ފަހު މެޗުގައި ބަންގުލަދޭޝް އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. ގޯލެއް ވެސް ނުޖެހި ބޫޓާނުން ގްްރޫޕު ސްޓޭޖު ނިންމާލީ ފުލުގައި އޮވެގެންނެވެ.

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާނަށް ގްރޫޕު ސްޓޭޖު ފަހަނައަޅައި ދެވިފައިވަނީ ހަމައެކަނި 2008 ގައެވެ. ރާއްޖެ އާއި ސްރީލަންކާގައި ބޭއްވި އެ މުބާރާތުގައި ބޫޓާން ހިމެނުނީ ލަންކާ އާއި ބަންގުލަދޭޝް އަދި އަފްޣާނިސްތާނާ އެއް ގްރޫޕެއްގައެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި ބޫޓާނުން 1-1 ގެ ނަތީޖާއަކުން ބަންގުލަދޭޝް ހިފެހެއްޓި އިރު، ދެވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން ވަނީ އަމިއްލަ ގައުމުގައި ކުޅެމުންދިޔަ ލަންކާ އަތުން ބަލިވެފައެވެ. އަދި ފަހު މެޗުގައި 3-1 ގެ ނަތީޖާއަކުން އަފްޣާނިސްތާން ބަލިކޮށް، ބޫޓާނުން ވަނީ ގްރޫޕުގެ ދެވަނައިގެ ގޮތުގައި ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފައެވެ. ސެމީގައި އިންޑިއާ އަތުން 2-1 ގެ ނަތީޖާއަކުން ބޫޓާން ވަނީ ބަލިވެފައެވެ. އެފަހަރުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ރާއްޖެއިންނެވެ. އެއީ ރާއްޖެއިން މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ސާފް ޗެމްޕިއަންޝިޕް 2008 ގައި އަފްޣާނިސްތާން އަތުން ލިބުނު މޮޅު ފިޔަވައި، ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އިތުރު މެޗަކުން ބޫޓާން މޮޅުވެފައެއް ނުވެއެވެ. ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން ކުޅުނު ޖުމުލަ 25 މެޗުގެ ތެރެއިން 23 މެޗަކުން ބަލިވެފައިވާ އިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ. އެއްވަރުވެފައިވަނީ ވެސް 2008 ގެ މުބާރާތުގައި ބަންގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެހެންކަމުން ބޫޓާންގެ ސާފް ޗެމްޕިއަންޝިޕްގެ ތާރީހު ވެސް ގޯހެވެ.

އެންމެ ފަހުން ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް 2021 ގައި ބޫޓާނުން ބައިވެރިވެފައެއް ނުވެއެވެ. އެއަށްފަހު މެދުކެނޑުމަކަށްފަހު ބޫޓާން ދެން ފެނިގެންދާނީ އިންޑިއާގެ ބެންގަލޫރުގައި މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕްގައެވެ. އެ މުބާރާތަކީ ބޫޓާންގެ ނުވަވަނަ ސާފް ޗެމްޕިއަންޝިޕެވެ.

  • ނަން: ޕެމާ ޑޯޖީ
  • އުމުރު: 37 އަހަރު

ޕެމާ ޑޯޖީ ވަނީ ކުރިން ޑިފެންޑަރެއްގެ ގޮތުގައި ބޫޓާން ގައުމީ ޓީމަށް ކުޅެފައެވެ. އޭނާ ވަނީ 2005 އިން ފެށިގެން 2013 އަށް ބޫޓާން ގައުމީ ޓީމަށް ކުޅެފައެވެ. އެގާރަ އަހަރަށްފަހު ކުޅުންތެރިއެއްގެ ގޮތުގައި ޑޯޖީ ރިޓަޔާކޮށްފައިވަނީ 2014 ވަނަ އަހަރު ބޫޓާންގެ ކްލަބު ޔީޑްޒިން އެފްސީންނެވެ.

ޑޯޖީގެ ކޯޗިން ކެރިއަރު ފެށިގެންދިޔައީ ބޫޓާންގެ ކްލަބު އެފްސީ ޓާޓޮން އިން 2014 ވަނަ އަހަރުއެވެ. އޭގެ އަހަރެއް ފަހުން އޭނާ ވަނީ ޖަޕާނަށް އުފަން ކޯޗު ނޯރިއޯ ސުކިޓާޓޭގެ އެސިސްޓަންޓެއްގެ ގޮތުގައި ބޫޓާން ގައުމީ ޓީމުގައި މަސައްކަތްކުރަން ފަށައިފައެވެ. މާގިނަ ދުވަސްތަކެއް ނުވެ، ސުކިޓާޓޭގެ ބަދަލުގައި ބޫޓާންގެ ވަގުތީ ކޯޗެއްގެ ގޮތުގައި 2016 ގެ ނިޔަލަށް ޑޯޖީ މަސައްކަތް ކުރިއެވެ. ޑޯޖީ އަލުން ގައުމީ ޓީމަށް އިރުޝާދުދޭން ފެށީ 2019 ވަނަ އަހަރުއެވެ.

  • ނަން: ޗެންޗޯ ޔެލްޓްޝެން
  • އުމުރު: 27 އަހަރު
  • ކްލަބު: މަޗިންދްރަ އެފްސީ

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުޅުމުގެ ސްޓައިލާ އެއްގޮތް ގޮތެއް ހުންނާތީ ޗެންޗޯ މަޝްހޫރުވެގެންދިޔައީ ބޫޓާނީސް ރޮނާލްޑޯގެ ގޮތުގައެވެ. ބޫޓާނަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑާއި އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިޔާގެ ރެކޯޑު ދަމަހައްޓަމުން އަންނަ ފޯވަޑް ޗެންޗޯއަކީ ބޫޓާންގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ.

ޗެންޗޯގެ ފުޓުބޯޅަ ކެރިއަރު ފެށީ 2008 ވަނަ އަހަރު ބޫޓާންގެ ކްލަބު، ޔީޑްޒިން އެފްސީންނެވެ. އެއަށްފަހު ޗެންޗޯ ވަނީ ބޫޓާނުން ބޭރު ގައުމުތަކުގެ ކްލަބުތަކަށް ވެސް ކުޅެފައެވެ. ގައުމުން ބޭރު ކްލަބުތަކަށް ކުޅުނު ބޫޓާންގެ ހަމައެކަނި ކުޅުންތެރިޔަކީ ވެސް އޭނާއެވެ. ޗެންޗޯ ވަނީ ތައިލެންޑްގެ ބުރިރާމް ޔުނައިޓެޑާއި އެގައުމުގެ ސުރިން ސިޓީ އަދި ސަޓުން ޔުނައިޓެޑަށް ވެސް ކުޅެފައެވެ. އޭގެ އިތުރުން އޭނާ ވަނީ ބަންގުލަދޭޝްގެ ޗިޓަގޮންގް އަބަހާނީ އާއި އިންޑިއާގެ ކްލަބުތައް ކަމަށްވާ މިނޭވާ ޕަންޖާބާއި ބެންގަލޫރު އެފްސީ އާއި ނެރޯކާ އެފްސީ އާއި ރައުންޑްގްލާސް ޕަންޖާބް އަދި ކެރެލާ ބްލާސްޓާސްއަށް ވެސް ކުޅެފައެވެ. މިއަހަރު އޭނާ ކުޅެމުންދަނީ ނޭޕާލް ޗެމްޕިއަން މަޗިންދްރާ އެފްސީއަށެވެ.

ބޫޓާން ގައުމީ ސީނިއާ ޓީމަށް 2011 ވަނަ އަހަރު ކުޅެން ފެށުމުގެ ކުރިން ޗެންޗޯ ވަނީ އެ ގައުމުގެ ޒުވާން ގައުމީ ޓީމުތަކަށް ވެސް ކުޅެފައެވެ. ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް ޗެންޗޯ ވަނީ ގޯލެއް ޖަހައިފައެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގައި 2015 ވަނަ އަހަރު ބޫޓާނުން ސްރީލަންކާ ބަލިކުރި މެޗުތަކުގައި ވެސް ޗެންޗޯ ވަނީ ކުޅެފައެވެ. އޭގެ ތެރެއިން ދެވަނަ ލެގު މެޗުގައި ޗެންޗޯގެ ދެ ގޯލު ފެނިގެންދިޔައެވެ. އެއީ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ތާރީހުގައި ބޫޓާނުން ހޯދި ފުރަތަމަ ކާމިޔާބީތަކެވެ.

ބޫޓާންގެ ގައުމީ ޖާޒީގައި ޗެންޗޯ އެންމެ ގިނަ ގޯލު ޖަހާފައިވަނީ ރާއްޖެ ކޮޅަށެވެ. އެއީ ސާފް ޗެމްޕިއަންޝިޕް 2013 ގައި ޖެހި ގޯލަކާއި ވޯލްޑްކަޕް 2018 ގެ ކޮލިފިކޭޝަންގެ ދެ ލެގުގައި ޖެހި ދެ ގޯލެކެވެ. ސާފް ޗެމްޕިއަންޝިޕް 2013 ގެ އިތުރުން ސާފް ޗެމްޕިއަންޝިޕް 2011 ގައި ވެސް ޗެންޗޯ ވަނީ ގޯލެއް ޖަހައިފައެވެ. އެއީ އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

  • 22 ޖޫން، 19:00، ރާއްޖެ - ބޫޓާން
  • 25 ޖޫން، 19:00، ބޫޓާން - ލުބުނާން
  • 28 ޖޫން، 19:00، ބޫޓާން - ބަންގުލަދޭޝް