ސްޕެއިން އަދި ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރިކޭ ފްރާންސް ޗެމްޕިއަން ޕީއެސްޖީއާ ހަވާލުވާން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް އިތުބާރު ނޫސްތައް ބުނެފިއެވެ.
ޕީއެސްޖީއާ މިދިޔަ ސީޒަނުގައި ހަވާލުވެ ހުރި ކޯޗު، ކްރިސްޓޮފާ ގަލްޓިއޭ ކޯޗުކަމުގެ މަގާމުން ވަކިކުރިކަން އަދި އިއުލާނު ނުކުރި ނަމަވެސް، އިތުބާރު ގިނަ ނޫސްތަކަކުން ވަނީ އެކަން ހިނގާނެ ކަމަށް ރިޕޯޓު ކޮށްފައެވެ. މިދިޔަ ސީޒަނުގައި ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވި ގަލްޓިއޭ ސީޒަން ނިންމާލީ ހަމައެކަނި ލީގު ތައްޓާއެކުގައެވެ. ފްރެންޗް ކަޕާއި ޗެމްޕިއަންސް ލީގުވެސް ޕީއެސްޖީއަށް ގެއްލިފައިވާ އިރު، ލީގުގައިވެސް އެ ޓީމުގެ ފަރާތުން އެންމެ އެކަށޭނެ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ.
އެ ސަބަބަށްޓަކައި ގަލްޓިއޭ ވަކިކޮށް، ޕީއެސްޖީއާ ހަވާލުވާނެ އާ ކޯޗެއް ހޯދުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި މަގާމާ ހަވާލުވުން މިހާރު އެންމެ ގާތީ އެންރިކޭއެވެ. އެންރިކޭގެ ކުރިން ޕީއެސްޖީން ވަނީ ޖޯސޭ މޮރީނިއޯއާއި ޖޫލިއަން ނާގެލްސްމަންއަށްވެސް ފާރަލާފައި ކަމަށް ނޫސްތައް ބުނެއެވެ.
ކުރިން ބާސެލޯނާއާއި ރެއާލް މެޑްރިޑް، އަދި ސްޕެއިން ގައުމީ ޓީމަށް ކުޅުމަށްފަހު ކޯޗު ކަމަށް ނުކުތް އެންރިކޭއަކީ ކާމިޔާބު ކޯޗެކެވެ. އޭނާ ވަނީ ބާސާ އާއެކު ލީގާއި ޗެމްޕިއަންސް ލީގުވެސް ކޯޗެއްގެ ގޮތުގައި ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން ސްޕެއިންގެ ގައުމީ ޓީމާ ހަވާލުވެ، ނޭޝަންސް ލީގުގެ ފައިނަލަށްވެސް އެންރިކާ ވަނީ ޓީމު ގެންގޮސްފައެވެ.
އެންރިކޭ، ސްޕެއިންގެ ގައުމީ ޓީމު ނެގުމުގައި ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ބުނެ އޭނާއަށް ފާޑުކިޔުން އަމާޒުވެ، އެންމެފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕަށްފަހު އޭނާ ގައުމީ ޓީމުން ދުރުކުރިއެވެ. ވޯލްޑް ކަޕް ގަދަ 16 އިން ސްޕެއިން ކެޓީ މޮރޮކޯ އަތުން ބަލިވެގެންނެވެ. އޭގެ ފަހުން އެންރިކޭ ހުރީ އެއްވެސް ކްލަބެއް އަދި ގައުމީ ޓީމެއްގެވެސް ކޯޗުކަމާ ހަވާލުނުވެއެވެ. އެންރިކޭ ހޯދަން ޕްރިމިއާ ލީގުގެ ޓީމުތަކުންވެސް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ