ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި މއ. ހަނީސަކްލް/ ހުސައިން ޝިފާއު 37އ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އިރު، އޭނާ ރާއްޖެއިން ބޭރަށް ފުރާފައިވުމުން އިސްތިއުނާފު މައްސަލަ ބޭރުކޮށްލައިފިއެވެ.
ފުލުހުން މިއަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހު ޝިފާއު ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުރަތަމަ ފަހަރު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 30 ދުވަސް ޖަހައިފައެވެ. އެ މުއްދަތު ހަމަވާތީ އޭނާ މެއި މަހުގެ 27 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ.
އެ އަމަރުގައި ބުނެފައިވަނީ ފުލުހުން ހުށަހަޅާފައިވާ ހެކި ގަރީނާއަށް ބަލާއިރު އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.
ކުރިމިނަލް ކޯޓުގެ އެ ހުކުމް ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ހައި ކޯޓުން މިއަދު އެ މައްސަލައިގައި ނިންމި، އިޖުރާއީ ނިންމުމުގައި ބުނީ ޝިފާއުއަށް މިހާރު އުޅޭ އެޑްރެސް ސާފުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފޮނުވުމުން، މެއި މަހުގެ 29 ވަނަ ދުވަހު ޝިފާއު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް އެ އޮފީހުން ބުނެފައިވާ ކަމަށެވެ. އޭގެ ފަހުން އެނާ އެނބުރި ރާއްޖެއަށް އައިސްފައިވާކަން ޕީޖީން ހިއްސާކުރި މައުލޫމާތުން އެނގެން ނެތް ކަމަށެވެ.
ޝިފާއު ދިރިއުޅޭ އެޑްރެސް ނޭނގޭ ކަމަށް ޕީޖީން ބުނެފައިވާތީ ހައި ކޯޓުން ވަނީ ޝިފާއު މިހާރު ދިރިއުޅެމުންދާ އެޑްރެސް ހޯދަން ޕީޖީއަށް އަންގައިފައެވެ. އެ މައުލޫމާތު ސާފުކުރުމަށްފަހު އަލުން ޝިފާއުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު ޕީޖީއަށް އޮންނާނެ ކަމަށް އިޖުރާއީ ނިންމުމުގައިވެއެވެ.
އެހެންވެ ހައި ކޯޓުން ވަނީ ޝިފާއު ބަންދުން ދޫކޮށްލި މައްސަލައިގެ ދައުވާ ފޯމު ބާތިލުކުރުމަށް އިއްތިފާގުން ނިންމައިފައެވެ.
މި މައްސަލަ ނިންމި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސެއިން ޝަހީދު، ފަނޑިޔާރު އަހުމަދު ޝަކީލް އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަހުމަދު ޝަކީލެވެ.
ދައުލަތުން ޝިފާއުއަށް އުފުލި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި ގާނޫނުލްއުގޫބާތުގެ ދަށުން މަކަރާއި ހިލާތް ހެދުމުގެ ހަތް ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ހަތް ދައުވާއެކެވެ.
އެ ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ޝިފާއު އެ ކުށް ހިންގާފައިވަނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމަށްވާ "ކިންގްޑަމް އޮފް ފްރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުން މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް އެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ސައްހަ ނޫން ލިޔުން އުފައްދައި ހުށަހަޅައިގެންނެވެ.
އެގޮތުން މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު 123،844.54 އެމެރިކާ ޑޮލަރު (1.9 މިލިއަން ދިވެހި ރުފިޔާ) އަށް އަރާ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު