މަޖިލީހުގައި މިހާރު އެމަނިކުފާނަށް އިތުބާރު އޮތްކަން އެނގޭނީ ވޯޓު ނެގުމުން ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނަށް މަޖިލިސް މެމްބަރުންގެ އިތުބާރު އެބައޮތް ކަމަށާއި އެންމެ މެމްބަރަކުވެސް އެމަނިކުފާނާ ދެކޮޅުވެވަޑައިނުގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މަޖިލިސްގެ ރިޔާސަތުގައި އިންނަވައިގެން ނަޝީދު ވަނީ މީގެ ކުރިން ވަރަށް ގިނައިން ވިދާޅުވެފައެވެ.

މަޖިލިސް އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ޕެޓިޝަނުގައި ސޮއި ކުރެއްވި 54 މެމްބަރުންގެ ތެރެއިން ވަރަށް ގިނަ މެމްބަރުން އެމަނިކުފާނަށް މެސެޖް ކުރައްވާފައި އެ ޕެޓިޝަނުގައި ސޮއި ކުރެއްވީ "ޕްރެޝަރު" ކޮށްގެން ކަމަށެވެ. އެހެންކަމުން އެބޭފުޅުން އަމަލު ކުރައްވާނެ ގޮތެއް އެނގިވަޑައިގަންނަވާނީ ވޯޓާ ހަމައަށް ދިއުމުން ކަމަށެވެ.

"އިތުބާރު އޮތްތޯ ނުވަތަ ނެތްތޯ އަޅުގަނޑު ހިތުން ދެން އެނގޭނީ ވޯޓަށް އެހީމަ ވޯޓް ގުނީމަ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ނިންމި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ޖަލްސާގައި ތިއްބެވީ 36 މެމްބަރުން ކަމަށާއި ވިޕްލައިން ނެރެފައި އެވަނީ 36 މެމްބަރުންގެ ތާއީދާއެކު ކަމަށެވެ.

އެހެންކަމުން އެކަންކަން އެގޮތަށް ހުރުމުންވެސް އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދަނީ އެންމެ ރަނގަޅަށް ނުވަތަ ސައްހަކޮށްކަން ބެއްލެވުމަށް އުނދަގޫވެވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.