ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނުން ދާކަށް ނުޖެހޭނެ ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން 13 މެންބަރަކު ވަކިވެ ވަނީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފައެވެ. ޑިމޮކްރެޓްސް އުފެއްދުމަށް ގާނޫނުގައި ބުނާ 3،000 މެންބަރުންގެ ސޮއި ހަމަކުރުމަށް ތިން މަސް ދުވަސް އިލެކްޝަނުން ދިނެވެ. އެ އަދަދަށް މެންބަރުން ހަމަކޮށް "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރަން 3،560 ފޯމު އީސީއަށް ހުށަހެޅީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ޕާޓީ ރަޖިސްޓްރީވުން ލަސްވާތީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ވަނީ އިއްޔެ ހަވީރު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ގޮސްފައެވެ.
އީސީގެ ރައީސް ފުއާދު ތައުފީގު ރޭ އެ ބޭފުޅުންނާ ބައްދަލުކުރައްވައި ވިދާޅުވީ ކޮމިޝަންގެ ދެ މެންބަރަކު ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމާ ދެކޮޅަށް ވޯޓު ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދެވެން ނެތް ކަމަށާއި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރުމާ ދެކޮޅަށް ވޯޓު ދެއްވި ދެ މެންބަރުންނަކީ އަލީ ނަޝާތު އަދި މުހައްމަދު އާސިފު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، ދައުލަތުގެ އެއްވެސް ބާރަކުން ސިޔާސީ ޕާޓީއެއް ވުޖޫދުވިޔަ ނުދޭން މަސައްކަތްކޮށްގެން ނުވާނެ ކަމަށާއި ހާއްސަކޮށް އެމްޑީޕީގެ ވެރިކަމެއްގައި އެގޮތަށް އަމަލުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ޒައާމަތުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވިއިރު ކަންކަންވި ގޮތުން މިސާލު ޖައްސަވައި ނަޝީދު ވިދާޅުވީ، މިއަދުވެސް ފެންނަނީ އެ މަންޒަރު ކަމަށެވެ. އެގޮތުން ޅިޔަނުންނާއި ގާތް މީހުން މިނިވަން މުއައްސަސާތަކަށް ލައިގެން އުޅޭ މަންޒަރު މިއަދުވެސް ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އެމްޑީޕީ ފުރަތަމަ ރަޖިސްޓަރީ ކުރީ ސިލޯނުގެ ޕީއޯ ބޮކްސް ނަންބަރެއްގައި ކަމަށެވެ. އަދި އިލެކްޝަނުން ސިޔާސީ ޕާޓީތަކުގެ ދަފްތަރެއް ބަލަހައްޓަން ފެށީ ވަރަށް ފަހުން ކަމަށް ވިދާޅުވިއެވެ.
"ހަގީގަތަކީ ޑިމޮކްރެޓްސްއިން ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރާކަށް އިލެކްޝަންސް ކޮމިޝަނަށް ދާކަށް ނުވެސް ޖެހޭ. އެއްވެ އުޅުމުގެ މިނިވަންކަން އެބައޮތް، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެބައޮތް. ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން އެބައޮތް." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، ޑިމޮކްރެޓްސްއިން އެމްޑީޕީގެ ގިނަ ވޯޓުތައް ހޯދާނެ ކަމަށާއި އެކަމާ ޝައްކު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް ސެޕްޓެމްބަރު 9ގެ އިންތިހާބަށް ފަހު އެމްޑީޕީ ރައީސްގެ ކަސްތޮޅުގައެއް ނޯންނާނެ. އަޅުގަނޑަށް ފެންނަ ގޮތުގައި ޑިމޮކްރެޓުން އެމްޑީޕީގެ ވޯޓާސް ބޭސްއިން ކޮންމެވެސް އެއްޗެއް ނަގާނެ. އެކަށީގެންވާ އަދަދަކަށް ނަގާނެ. ދެން ނެގީމާ އެމްޑީޕީއަކަށް އެ ބޭފުޅުންގެ ރިޔާސީ ކެންޑިޑޭޓަކަށް ކާމިޔާބުކޮށްދެެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުރަސް އެޅުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ އެޅޭނެ ވަރަށް ބޮޑު ޅައެއްޗެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު