ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރަން މި ސަރުކާރުން އެޅި އެންމެ ބޮޑު ފިޔަވަޅަކީ ކައުންސިލްތަކުގެ 33 ޕަސަންޓު އަންހެނުންނަށް ހާއްސަކުރުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަައް އަލުން އެކުލަވާލައި އެލަވަންސް ލިބޭ ގޮތް ހެދުމެވެ. ސިޔާސީ ކަންކަމުގައި ގޮތް ނިންމުމުގައި އަންހެނުންގެ ދައުރު އިތުރުކުރުމުގެ މަގުސަދުގައި ސަރުކާރުން މި ބަދަލު ގެނެސް، ތަންފީޒުކުރަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. ކައުންސިލްތަކުގެ މުސާރަ ބޮޑުކުރުމާއެކު ކައުންސިލްތަކަށް އޮންނަ ޑިމާންޑް ބޮޑެވެ. ބައި-އިލެކްޝަނެއް ބާއްވަން ޖެހޭ ފަހަރެއް މަދުން ނޫނީ ފެނިގެން ގޮސްފައެއް ނުވެއެވެ. ނަމަވެސް އެއާ ހިލާފަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ކޮންމެ މަހަކު ކަހަލަ ގޮތަކަށް ބާއްވަން ޖެހެއެވެ. އެކަން އިލެކްޝަން ކޮމިޝަނާއި ލޯކަލް ގަވަމަންޓް އޮތީރިޓީއަށްވެސް އޮތީ ކަންބޮޑުވާ ކަމެއްގެ ގޮތުގައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ފުރަތަމަ އޮތީ، މުސާރައާއި އެލަވަންސްގެ މައްސަލައެވެ. ކުޑަ މުސާރައަކަށް މަސައްކަތް ކުރަން ދަތިކަމާއި ބަޖެޓުގެ ތާށިކަމުގެ ވާހަކައެވެ. އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި އެ ރަށްރަށުގެ ޑަބްލިޔުޑީސީއާ އެކުގައި ބޭއްވެވި ބައްދަލުވުންތަކުގައިވެސް އެ މެންބަރުން ފާހަގަކުރައްވާފައިވެއެވެ. ރައީސް ސޯލިހު އެންމެ ފަހުން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެ ސިޓީގެ ޑަބްލިޔުޑީސީގެ މައިގަނޑު ކަންބޮޑުވުމަކަށްވެސް އޮތީ އެކަމެވެ. ރައީސް އަރިހުން އެދިވަޑައިގެންނެވީ އެލަވަންސްތައް އިތުރުކޮށްދެއްވުމަށެވެ.

ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއަށް އެންމެ ފުރަތަމަ ދެމުން އައީ، 2،000 ރުފިޔާއާއި 250 ރުފިޔާގެ ސިޓިން އެލަވަންސެކެވެ. ނައިބަކަށް 1،500، އަދި މެންބަރަކަށް 1،000 ރުފިޔާއާއި 250 ރުފިޔާގެ ސިޓިން އެލަވަންސެވެ. ސިޓިން އެލަވަންސަކީ މަހެއްގެ މައްޗަށް ބާއްވަން ޖެހޭ ހަތަރު ބައްދަލުވުމުގެ ތެރެއިން އެ މެންބަރަކު ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް ލިބޭ އެލަވަންސެކެވެ. ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއާއި މެންބަރުންނަށް އިތުރުވަނީ 500 ރުފިޔާއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް އޮންނަ ޝައުގުވެރިކަން ދަށްވެ، ބައި-އިލެކްޝަން ގިނަވުމާއެކު ސަރުކާރުން ވަނީ، އެ ކޮމިޓީތަކުގެ އެލަވަންސްތައް ބޮޑުކޮށްފައެެވެ. އެގޮތުން، ރަށްރަށުގެ ޑަބްލިޔުޑީސީގެ ރައީސަކަށް މިހާރު 4،000 ރުފިޔާއާއި ސިޓީން އެލަވަންސްގެ ގޮތުގައި 500 ރުފިޔާ ލިބެއެވެ. އަދި ނައިބަކަށް 3،000 ރުފިޔާ އަދި މެންބަރަކަށް 2،000 ރުފިޔާއާއި ސިޓިން އެލަވަންސްގެ ގޮތުގައި 500 ރުފިޔާ ލިބެއެވެ. މީގެ އިތުރުން ސިޓީތަކުގެ ޑަބްލިޔުޑީސީގެ ރައީސާއާއި މެންބަރުންނަށް އިތުރު 1،000 ރުފިޔާ މިހާރު ލިބެއެވެ. މިއީ ކުރިން ޑަބްލިޔުޑީސީތަކަށް ލިބޭ އިނާޔަތާއި އަޅައި ބަލާއިރު 50 ޕަސަންޓަށް ވުރެ އިތުރު އަދަދެކެވެ.

ވ. އަތޮޅުގެ ބައެއް ރަށްރަށުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އެތައް ފަހަރަކު ހުޅުވާލުމުންވެސް ކުރިމަތިލާނެ މީހަކު ނުވި ދުވަސްވަރެއްވެސް ދިޔައެވެ. އެ ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރަކު އިންތިހާބުކުރެވުނީ އެކަމަށް ދެތިން ފަހަރަކު ހުޅުވާލި ފަހުންނެވެ. ވ އަތޮޅަކީ ނިސްބަތުންވެސް ރާއްޖޭގައި މީހުން އެންމެ މަދު އަތޮޅެވެ. ބައެއް ރަށްރަށުގައި އުޅޭ އާބާދީ ވަރަށް މަދެވެ. އެ ގޮތަށް އެހެން އަތޮޅުތަކަށްވެސް ދިމާވެފައި އެބަހުއްޓެވެ.

"ޝައުގުވެރިކަން އަދިވެސް އެންމެ ހިތްހަމަ ޖެހޭ ވަރަކަށް ނުފެނޭ. މިކަން ބޮޑަށް މި ފެންނަނީ އާބާދީ ކުޑަ ރަށްރަށުން. މި ސާލަކަށް 200 މީހުން ތިބޭ ރަށެއްނަމަ އޭގެ ތެރެއިން ދެބައި ކުޅަ އެއްބަޔަކީ ފިރިހެނުން. ދެން އަނެއްކާ ކައުންސިލްތަކުގެ 33 ޕަސަންޓް އަންހެނުންނަށް މި އޮންނަނީ. ކުރިމަތިލެވޭ އުމުރުގެ އަންހެނުންނަށް ބަލާއިރު އެ ނިސްބަތްވެސް މަދު، ގިނަ ބަޔަކު މިއުޅެނީ ސިވިލް ސާވަންޓުންނަށް ނުވަތަ ކޮންމެވެސް ވަޒީފާއެއްގައި، އެެހެންވެ، މިވަރު އެލަވަންސަކަށް އަންނަން ގިނަ މީހުން ބޭނުން ނުވަނީ" އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު "ވަން" އަށް ވިދާޅުވިއެވެ.

ނަން ނުޖެހުމަށް ޝަތުރުކޮށް އީސީގެ މެންބަރަކު "ވަން" އަށް ވިދާޅުވީ، ޑަބްލިޔުޑީސީތަކުގެ މައްސަލައަށް އޮތް އެންމެ އެދެވޭ ހައްލަކީ، އާބާދީގެ ނިސްބަތުން ޑަބްލިޔުޑީސީގެ ގޮނޑިތައް ހަމަޖެއްސުން ކަމަށެވެ.

"މިހާރު މި އޮންނަނީ ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުވާ އުސޫލުން. 150 މީހުންގެ އާބާދީއަކަށްވެސް އެބަތިބޭ ފަސް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަސް މެންބަރުން. މިސާލަކަށް އާބާދީ ކުޑަ ތަންތަނުގައި ތިން މެންބަރުން ހަމަޖައްސާފައި އާބާދީ ބޮޑު ތަންތަނުގައި އެއަށް ވުރެ ގިނަ މެންބަރުން ހަމަޖެއްސުމަކީވެސް ކުރެވިދާނެ ކަމެއް. އޭރަށް މީހުން ލިބުމުގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ" އޭނާ ވިދާޅުވިއެވެ.

ގާނޫނީ ގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ހިންގަން އޮންނަނީ ލޯކަލް ކައުންސިލްތަކުގެ ދަށުންނެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ގިނަ މެންބަރުންނަކީ އެހެން ވަޒީފާއެއްގައި އުޅެމުން އެ މަގާމު ފުރާ މީހުންނެވެ. ބައެއް ފަހަރު ޑަބްލިޔުޑީސީއަކަށް މާ ގިނަ މަސައްކަތްތަކެއް މަތިކޮށްފައެއް ނޯވެއެވެ. އަންހެނުންގެ ކޮމިޓީތަކުން ކުރަން ޖެހޭ މަސައްކަތަކީ ހަފްލާތަކަށް ސައިފޮދު ތައްޔާރުކުރުން ފަދަ ކަންކަން ކަމަށް ގަބޫލުކުރާ ކުރުމަށް އަދިވެސް ނިމުމެއް ނާދެއެވެ. އެ ގޮތަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް ފިޔަފަޅައި އަންހެނުންގެ ކޮމިޓީތަކަށް އުނދުއްސައިގަނެވޭނީ ގާނޫނުން އެ މީހުންނަށް ވަކި ކަންކަމެއް މަތިކޮށްގެން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

"މިހާރު ގާނޫނުގައި އޮންނަ ގޮތުން އަންހެނުންގެ ކޮމިޓީތަކަށް އެހާ ބައިވަރު ޒިންމާއެއް ނޯވޭ. އެހެންވީމާ އެ މެންބަރުން ކުރާނެ މާ ބައިވަރު ކަމެއްވެސް ހަގީގަތުގަ ނޯވޭ. ކޮމިޓީތައް އުފެެއްދި މަގުސަދު ހާސިލު ނުވެދާތަން މި ފެންނަނީ" ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕީޖީ މެންބަރަކު ނަން ނުޖެހުމަށް ޝަތުރުކޮށް "ވަން" އަށް ވިދާޅުވިއެވެ.

އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް ގަބޫލުކުރައްވާ ގޮތުގައި އަންހެނުންގެ ކޮމިޓީތަކުގައި މެންބަރުން ހަރުލެއްވޭނީ މެންޑޭޓެއް ކަނޑައަޅައި ބައެއް ޒިންމާތައް މަތިކޮށްގެންނެވެ. ނަމަވެސް، ވަކި އިންސިޓިއުޝަނެއްގެ ގޮތަށް އަންހެނުންގެ ކޮމިޓީތައް ހިންގޭނެ ކަމަށް އޭނާ ގަބޫލެއް ނުކުރައްވައެވެ.

"ޒިންމާތައް މަތިކުރުމުން ފަހަރެއްގައި މީގެ ފައިދާ ފެނިދާނެ. ދެން އަޅުގަނޑު ޕާސަނަލީ ގަބޫލެއް ނުކުރަން އަންހެނުންގެ ކޮމިޓީތައް ފުލްޓައިމްއަށް ބަދަލުކޮށްފައި، ވަކި އިދާރާއެއް ގޮތަށް ހިންގުމެއް. އޭރުން ކައުންސިލްތަކާ ކޮންފްލިކްޓް އެބަވޭ. އޭރުން އެ އުފެދޭ މައްސަލަ ބޮޑުވާނެ" ޝަރީފް ވިދާޅުވިއެވެ.

އަންހެނުންގެ ކޮމިޓީތައް އުފެއްދި މައިގަނޑު މަގުސަދަކީ ގާނޫނީ ގޮތުންނާއި ގޮތް ނިންމުމުގައި އަންހެނުން ބާރުވެރިކުރުމެވެ. ނަމަވެސް މިސްރާބެއް ނެތް އޮޑިއެއްގެ އުސޫލުން މިހާރު ހިންގަމުންދާ އަންހެނުންގެ ކޮމިޓީތައް އިތުރަށް ބާރުވެރިކުރެވޭނީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޒިންމާތައްވެސް މަތިކޮށްގެންނެވެ. އޭރުން އަންހެނުންގެ ކޮމިޓީތަކަށް އޮންނަ ޝައުގުވެރިކަންވެސް އިތުރުކުރެވޭނެއެވެ. އަދިވެސް ހަމަ ސައިމޭޒު ބަލަހައްޓާ އުސޫލުން އޮވެގެން އަންހެނުން ބާރުވެރިއެއް ނުކުރުވޭނެއެވެ.