ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާކަމަށްބުނެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި މައްސަލައިގައި، މެންބަރުން ނަންގަވަމުން ގެންދެވި ނިޒާމީ މައްސަލަތަކާ ގުޅިގެން އިތުރަށް ސާފުކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވެ ޖަލްސާ މެދުކަޑާލައިފިއެވެ.

މަޖިލިސް ޖަލްސާގައި މެންބަރުން ނިޒާމީ ނުކުތާ ނަންގަވަން ފެއްޓެވީ، އިމްތިޔާޒުގެ މައްސަލަ ހުށަހެޅުއްވުމުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި މަޖިލީހުގެ ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހު ތަކާއި، މަޖިލީހުގައި ހުރި މުހިއްމު ބައެއް ބިލުތައް ނިމެންދެން މިމަހުގެ ނިޔަލަށް އޮން، މަޖިލީހުގެ މިދައުރު ދަންމާލުމަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ.

އިދިކޮޅު ބައެއް މެންބަރުން ވިދާޅުވަމުން ގެންދެވީ އިމްތިޔާޒުގެ މައްސަލައިގެ ތެރެއިން އެފަދަ ހުށަހެޅުއްވުމެއް ހުށަނޭޅުއްވޭނެ ކަމަށާއި، ވާހަކަ ދެއްކޭނީ ވެސް އެ މައްސަލައަށް އެކަނި ކަމަށެވެ.

އަނެއްބައި މެންބަރުން ވިދާޅުވީ، މަޖިލީހުގައި މުހިއްމު މަސައްކަތްތަކެއް ހުއްޓައި، އިމްތިޔާޒުގެ މައްސަލައެއް ހުށަނޭޅޭނެ ކަމަށެވެ. އެއީ ޕާޓީތަކުގެ ލީޑަރުންނާއި އަމިއްލަ މެންބަރުން ފިޔަވައި ދެން ތިއްބެވި މެންބަރުންނަށް ލިބޭ ފުރުސަތެއްނޫން ކަމަށާއި، މެންބަރު ޝަރީފަށް އެ ފުރުސަތު ނުލިބޭ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާނާއި، ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، އިމްތިޔާޒުގެ މައްސަލަ ހުށަހެޅުމަށްފަހު އެ މައްސަލައިގައި ނުހިމެނޭ ކަމަކަށް ބަހުސް ނުކުރެވޭނެ ކަމަށެވެ. އެ މައްސަލައާ ނުގުޅޭ މައްސަލައެއްވެސް، އެ މައްސަލައިގެ ބަހުސްގެ ތެރެއިން ހުށަހޭޅޭނެކަމަށްވެސް ވިދާޅުވިއެވެ. "ހުށަހެޅުއްވާފައިވާ މައްސަލައަށް އެކަނި ބަހުސްވެސް ކުރެވޭނީ، އެނޫން ގޮތަކަށް ކުރިއަކަށް ނުގެންދެވޭނެ، އެނޫން ހުށަހެޅުމެއް ހުށަހަޅާކަށް ގަވާއިދު ތަނެއްނުދޭ،" އިލިޔާސް ވިދާޅުވިއެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ، މަޖިލީހުގެ އެޖެންޑާގައި މުހިއްމު ގިނަ ކަންތައްތަކެއް ހުއްޓައި، އެކަންކަން ކުރިއަށް ނުގެންގޮސް އިމްތިޔާޒުގެ މައްސަލަ ކުރިއަށް ގެންދަނީ ކޮން ސަބަކާހުރެކަން ރިޔާސަތުން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، މަޖިލީހުގެ އިމްތިޔާޒުގެ މައްސަލައެއް ހުށަހެޅިއްޖެއްޔާ އެހެން މައްސަލަތައް ބާއްވާފައި އިމްތިޔާޒުގެ މައްސަލަ ކުރިއަށްގެންދަންވާނެ ކަމަށް މަޖިލިސް ގަވާއިދުގައި ބުނާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި އިމްތިޔާޒުގެ މައްސަލ ކުރިއަށް ގެންދަނީ އެގޮތުގެ މަތިން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ނިޒާމީ މައްސަލައެއް ނަންގަވައި، އުޝާމް ވިދާޅވީ، ޖަލްސާގައި ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކަށްވުރެ އިސްކަމެއް، އިމްތިޔާޒު މައްސަލައަށް ދޭން ޖެހޭނެކަމަށް މަޖިލިސް ގަވާއިދުގެ 183 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ސިޔާސީ ޕާޓީތަކަށް ނިސްބަތް ނުވާ މެންބަރުން އެދިއްޖެ ހިނދެއްގައި ކަމަށެވެ. އެހެން މެންބަރަކު އެފަދަ މައްސަލައެއް ހުށަހަޅާނަމަ، މަޖިލީހުގައި ވަކި ވަގުތަކަށް ނިންމަން ކަނޑައަޅާފައިވާ ކަންކަމަށާއި އަދި މަޖިލީހުން ކުރިއަށްއޮތް ދެ ދުވަހަށް ކޮންމެހެން ނިންމުމަށް ހުރި މައްސަލަތަކަށް އުނިކަން ނާންނާނެ ގޮތަށް އިމްތިޔާޒުގެ މައްސަލަ ހުށަހެޅޭނެކަމަށް އެ މާއްދާގެ (ހ) ގައި ބުނެފައިވާއިރު، މައްސަލަ ހުށހެޅުއްވި މެންބަރު ޝަރީފަކީ ސިޔާސީ ޕާޓީގެ ލީޑަރެއްނޫން ކަމަށާއި، އަމިއްލަ މެންބަރެއްވެސް ނޫންކަމަށް އުޝާމް ވިދާޅުވިއެވެ.

ނިޒާމީ މައްސަލައެއް ނަންގަވައި އުޝާމްގެ އެ ވާހަކަތަކަށްް ރައްދު ދެއްވައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ކުއްލި މައްސަލަ ހުށަހަޅަން ރިޔާސަތުން ފުރުސަތު ދިނީ ގަވާއިދުގެ 183 ވަނަ މާއްދާގައި އޮތުމުން ކަމަށާއި، އެ މައްސަލަ ހުށަހަޅައި، މަޖިލީހުގައި އެ މައްސަލަ ކުރިއަށްގެންދަން ވޯޓުން ނިންމާފައިވަނިކޮށް އެގޮތަށް ވާހަކަ ނުދެއްކޭނެ ކަަމަށެވެ.

ނިޒާމީ މައްސަލަތަކާ ގުޅިގެން، ސާފުކުރަންޖެހޭ ކަންތައްތަކެއް ހުރުމުން ކަމަަށް ވިދާޅުވެ އަފީފު މަޖިލިސް ޖަލްސާ މެދުކަނޑާލެއްވީ އެހިސާބުންނެވެ. ވިދާޅުވީ އެކަންކަން ސާފު ކުރެއްވުމަށްފަހު އަލުން ޖަލްސާ ފައްޓަވާނެ ކަމަށެވެ.

އެހެން ދުވަހުގެ ޖަލްސާތަކާ އެއްގޮތަށް މިއަދުގެ ޖަލްސާގައިވެސް އާއްމު އުސޫލުން އެއްބަޔަކު އަނެއްބަޔަކަށް ވަގަށް ގޮވައި ހުތުރު އެއްޗެހި ގޮވަމުން ގެންދިޔައެވެ.