ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މި ވެރިކަން މަގުމައްޗަށް ނުކުމެ ނިންމާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސް އުފެއްދުމަށް، ގާނޫނުގައި ބުނާ 3،000 މެންބަރުންގެ ސޮއި ހަމަކުރުމަށް ތިން މަސް ދުވަސް އިލެކްޝަނުން ދިނެވެ. އެ އަދަދަށް މެންބަރުން ހަމަކޮށް "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރަން 3،560 ފޯމު އީސީއަށް ހުށަހެޅީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ޕާޓީ ރަޖިސްޓްރީވުން ލަސްވާތީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ވަނީ މިއަދު ހަވީރު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ގޮސްފައެވެ.
އީސީގެ ރައީސް ފުއާދު ތައުފީގު މިރޭ އެ ބޭފުޅުންނާ ބައްދަލުކުރައްވައި ވިދާޅުވީ ކޮމިޝަންގެ ދެ މެމްބަރަކު ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމާ ދެކޮޅަށް ވޯޓު ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދެވެން ނެތް ކަމަށާއި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރުމާ ދެކޮޅަށް ވޯޓު ދެއްވި ދެ މެމްބަރުންނަކީ އަލީ ނަޝާތު އަދި މުހައްމަދު އާސިފު ކަމަށެވެ.
"އެބޭފުޅުން ބައްލަވަން ބޭނުންފުޅުވާ ކަންކަން ސީދާ ވިދާޅެއް ނުވޭ. އެބޭފުޅުން ހަޅޭފުޅުލައްވާފައި ވަޑައިގެންފި. ވޯޓު އެއްވަރުވީ. އެހެންވެ، ހުއްދަ ދޭން މިވަގުތަށް ފާސްނުވީ،" ފުއާދު ވިދާޅުވިއެވެ.
އީސީގެ އެ ނިންމުމާ ދެކޮޅަށް އަޑުއުފުލުމަށް ދަ ޑިމޮކްރެޓްސްގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މި ވެރިކަން ނިންމާލަން މަގުމައްޗަށް ނުކުތުމުން ޕެޕާ ސްޕްރޭ ވެސް ޖަހާނެ ކަމަށާއި ނަމަވެސް މި ވެރިކަން ނިންމާލާފައި ނޫނީ ދެން ހުއްޓާނުލާނެ ކަމަށެވެ.
"މިކަން ނިންމޭނީ ކުޑަކުޑަ އުނދަގުލަކާއެކު. ޕެޕާ ސްޕްރޭ ކޮޅެއް ޖެހެން ޖެހޭނެ މޫނަށް. އަޅުގަނޑު މިހުރީ ޖެހެން. ތިބޭފުޅުން ޖެހެންތޯ ތިތިބީ، ޖެހެން ތިބިއްޔާ އެބަޖެހޭ ނުކުންނަން. ނުކުތުމުގެ ރޭވުން އެބަ ގެންނަން ޖެހޭ. އަޅުގަނޑުމެން މި ތަންތަނަށް ގޮސް، މިކަންކަން ނުކޮށެއް އެހާ ފަސޭހަކޮށް އިތުރު ޕާޓީއެއް ރަޖިސްޓްރީކުރުމުގެ ފުރުސަތު ނުދޭން އެ އުޅެނީ. މި ވެރިން ދިގު ދަންމާލައި އަނެއްކާވެސް 30 އަހަރަށް. އަނެއްކާވެސް އަނެއް 30 އަހަރަށް މި ވެރިކަން ދިގު ދަންމާލައިގެން ރައްޔިތުން ހާލުގައި ޖައްސަން. އާދޭސް ކުރުވަން،" އާޒިމް ވިދާޅުވިއެވެ.
"ޕެޕާ ސްޕްރޭ ޖަހަފާނެ، މުގުރުންވެސް ޖަހާފާނެ، ކަރަންޓު ވެސް މިހާރު އެބަހުރި ޖެއްސެން. އެ ހުރިހާ ކަމެއް ކުރާނެ. އެ އަނިޔާއަށް ޖަލަށް ވެސް ދާން ޖެހޭނެ. ހަމަ ޔަގީނުންވެސް އަޅުގަނޑު މިހުރީ ދާން. ތިބޭފުޅުން ވެސް ދާނެކަން ޔަގީން. އެކަން ނުކޮށެއް އެހާ ފަސޭހަކޮށެއް މި ވެރިކަން ނިންމައެއް ނުލެވޭނެ،"
އާޒިމް ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް ކުރެވުނީ "ޅަ ކަމެއް" ކަމަށާއި މިހާރު ފެނިގެން މިދަނީ ވެރިކަން ލިބެންނުޖެހޭ މީހަކަށް ވެރިކަން ލިބުމުން ކަންތައްވާނެ ގޮތްތައް ކަމަށެވެ.
ޑިމޮކްރެޓްސްގެ ބައިވެރިވުން ނޯންނާނެ ވެރިކަމެއް ދެން ރާއްޖެއަށް ނާންނާނެ ކަމަށާއި ރައީސް ސޯލިހު މަސައްކަތް ކުރައްވަނީ އިންތިހާބުގައި އެކަނި ވާދަކުރައްވަން ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ މަގުމައްޗަށް ނުކުމެ މަސައްކަތް ކޮށްފިނަމަ އަންނަ ހަފުތާގެ ތެރޭގައި އީސީން ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން ހުއްދަދޭނެ ކަމަށާއި މަގުމައްޗަށް ނުކުމެ ކުޑަކޮށް މަސައްކަތްކޮށްލީމާ "އެ ހުއްދަ ދޭން ޖެހޭނީ، ހަމަ ދޭން ޖެހޭނީ، ހަމަ ދޭން ޖެހޭނީ" ކަމަށެވެ. އަދި ދަ ޑިމޮކްރެޓްސް ހަރުގޭގައި ކޮންމެ ރެއަކު ބައްދަލުވުން ބާއްވައި، ހަރަކާތްތައް ފުޅާކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު