ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީން މިފަހަރު މަސައްކަތް ކުރަމުންދަނީ، އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ މަތިން ވެރިކަން ހިންގާ ނިޒާމެއް ރާއްޖޭގައި އުފެއްދުން ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން ރޭ ބޭއްވި އަދާލަތު ޕާޓީގެ ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، "2005 ވަނަ އަހަރު އަދާލާތު ޕާޓީ އުފެދިގެން އައި އިރު، އަޅުގަނޑުމެންގެ އެންމެ މުހިއްމު އެއް ސްޓޭޓްމެންޓަކަށް ވެފައި އޮތީ، ނުވަތަ ވާހަކަދައްކަމުންދިޔައީ އަދާލަތު ޕާޓީ މިއުޅެނީ ބަޔަކު ވެރިކަމުން ބައިލާކަށްވެސް ނޫން، ބަޔަކު ވެރިކަމަށް ގެންނާކަށްވެސް ނޫން، ވެރިކަން ކުރާކަށްވެސް ނޫން، މި އުޅެނީ ގައުމު އިސްލާހު ކުރަންށޭ. މިއަދު އަޅުގަނޑުމެންގެ އެ ސްޓޭޓްމެންޓް ބަދަލުކޮށްފި. އަޅުގަނޑުމެން މި އުޅެނީ އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ މަތިން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމެއް ރާއްޖޭގައި އުފައްދަން،" ކަމަށެވެ.

ކަމެއް އިސްލާހު ކުރަން މަސައްކަތް ކުރާ އިރު، އެންމެ މުހިއްމު ކަމަކަށް ކުރަންޖެހޭނެ ކަމަކީ އެކަން ކުރެވޭނެ މަގު ހޯދައި، މަގު ކޮށުން ކަަމަށާއި އެ މަރުހަލާގައި އަދާލަތު ޕާޓީ ދަނީ ކުރިއަށް ކަމަށްވެސް ވިދާޅުވިއެވެ.

އިސްލާހީ މަސައްކަތުގައި އަދާލާތު ޕާޓީން ކާމިޔާބީތަކެއް ހޯދިފައިވާކަން ފާހަގަކުރައްވައި، އިމްރާން ވިދާޅުވީ "އިސްލާހީ މަސައްކަތް އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަރުވަމުން ގެންދިއުމުގައި އެންމެ މުހިއްމު ކަމަކަށް އޮތީ އަޅުގަނޑުމެންގެ، ހާއްސަކޮށް އިލްމުވެރިން އެއް ވިސްނުމެއްގައި އެއްގޮތެއްގައި ސާބިތުވެ ތިބުން، އެ ބޭފުޅުންގެ ފަހަތުގައި އެންމެން އެކަތިގަނޑެއްގެ ގޮތުގައި ސާބިތުވެ ތިބުން، އެކަން އެގޮތަށް ކުރެވުނީމަ ރާއްޖެއަށް ހެޔޮ ބަދަލު އައިސް ރާއްޖެ އިސްލާހު ވާނީ،" ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީގެ ދައުރަކީ ވަރަށް މުހިއްމު ދައުރެއްކަން ފާހަގަ ކުރައްވައި، އިމްރާން ވިދާޅުވީ އެ ޕާޓިގެ އަމާޒާއި މަގުސަދު ބަޔާންކޮށްދެވުނު ވަރަކަށް ތާއީދު ކުރާ މީހުން ސާބިތުކަމާއެކު ތިބުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

"އާދައިގެ ސިޔާސީ ޕާޓީއެއް ނޫން، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ނިޒާމު އޭގެ މައްޗަަށް އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި އަމިއްލަ އާއިލާ އާއި އަމިއްލަ މުޖުތަމައާއި އަމިއްލަ ގައުމު އިސްލާހުކޮށްގެން ނުވަތަ ހާނުވައިގެން ވެރިކަމުގެ ނިޒާމެއް އުފެއްދުމަށް އުފައްދާފަައިވާ ޕާޓީއެއް މިއީ. އެހެންކަމުން އަބަދުވެސް މަސައްކަތްކުރަން ޖެހޭނީ އަމިއްލަ ނަފްސުގެ އިސްލާހަށް، އާއިލާގެ އިސްލާހަށް، މުޖުތަމައުގެ އިސްލާހަށް، މުޅި ގައުމުގެ އިސްލާހަށް،" ކަމަށްވެސް ވިދާޅުވިއެވެ.