ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމެރިކާގެ ސްކެރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ޝާހިދު، ބްލިންކެއާ ބައްދަލުކުރެއްވީ އެމެރިކާގެ ވޮޝިންޓަންގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް މިހާރު އެގައުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި ރާއްޖެ އާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންނާއި އެހެނިހެން ދާއިރާތަކުން ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާނެ ކަމަށެވެ.

ބްލިންކެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝާހިދާ އެކު ބޭއްވި ބައްދަލުވުމުގައި ރާއްޖެ އާއި އެމެރިކާ ދެމެދު ޑިފެންސް ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޑިމޮކްރަސީ ކުރިއެރުވުމަށާއި ކްލައިމެޓް ލީޑާޝިޕުގައި ރާއްޖެއިން ކުރާ މަސައްކަތް ބްލިންކެން ފާހަގަކުރައްވާފައިވާ ކަމަށެވެ.