ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަނބުރާ ގެންދިއުމަކީ، އެފަދަ އަމަލުތައް ކުރާ އެހެން ފަރާތްތަކަށް ދެވުނު ހިތްވަރެއްކަމަށް މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)އިން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަހުގީގަށް ބަޔާން ދީފައިވާ މީހުން މައްސަލަ ކުރިއަށްގެންދަން ބޭނުން ނުވާތީ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ އަނިޔާކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާގެ އިތުރުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދައުވާ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން މި ދައުވާތައް އުފުލީ 2021 ވަނަ އަހަރުއެވެ. ނަމަވެސް އެ ދައުވާތަކުގެ ޝަރީއަތް ނުފެށިވަނިކޮށް އަލީ ވަހީދު ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.

އަލީ ވަހީދަށް ކުރި ދައުވާތައް އަނބުރާ ގެންދިޔުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްއާރްއެމުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ އަނިޔާ ކުރުމާއި ގެވެށި އަނިޔާ ފަދަ ކުށުގެ މައްސަލަތައް ނުބެލި ޝަރީއަތުގެ މަރުހަލާ ދިގުލައިގެން ދިއުމަކީ، އަނިޔާ ލިބޭ މީހުންނާއި ހެކިބަސް ދޭ މީހުންނަށް ވަރަށްބޮޑަށް ފިއްތުންތައް ކުރިމަތިވުމުގެ ސަބަބުން މާޔޫސްވެ މައްސަލަ އިތުރަށް ކުރިޔަށް ގެންދިއުމުގެ ހިތްވަރު އެލިގެންދާނެކަމެއް ކަމަށެވެ. އިންސާފު ހޯދުމަށްކުރާ މަސައްކަތުގައި ޝަރީއަތުގެ މަރުހަލާ ދިގުދެމިގެން ދިއުމަކީ އިންސާފު ނުލިބުންކަމަށް އެމްއާރްއެމުން ބުންޏެވެ.

އެފަދަ މައްސަލަތަކުގައި ހެއްކާއި ގާރީނާ ލިބެނީ މަދު ފަހަރެއްގައި ކަމަށާއި ހެއްކާއިއެކު ޝަރީއަތަށް ހުށަހަޅާ އެފަދަ މައްސަލަތައް ވެސް އަނބުރާ ގެންދާކަމަށްވަންޏާ ގާނޫނާއި ގަވާއިދު ހެދުމުގެ މަގުސަދެއް ނެތްކަމަށް އެމްއާރްއެމުން ބުންޏެވެ. އަދި އެފަދަ މައްސަލަތަކުގައި ހެކިންނަށް ބިރުދެއްކުމުގެ ސަބަބުން، ދައުވާ ކުރަން ބޭނުން ނުވެ މައްސަލަތައް އަނބުރާ ގެންގޮސްފައިވާ ކަމަށާއި އަލީ ވަހީދުގެ މައްސަލާގައި ވެސް އެގޮތަށް ކަންހިނގާފައިވުން އެކަށީގެންވާ ކަމަށް އެމްއާރްއެމުން ބުންޏެވެ.

"ދައުވާ އަނބުރާ ގެންގޮސް، އަނިޔާ ލިބުނު ވިކްޓިމްސަށް އިންސާފު ލިބުމުގެ ފުރުސަތު ގެއްލިގެންދިއުމަކީ މި ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. މިމައްސަލަ ކުރިއަށް ނުގެންދެވުމަކީ ޖިންސީ ގޯނާ އާއި ރޭޕް ފަދަ ބޮޑެތި ކުށްތައް މަދުކޮށް ހުއްޓުވުމުގައި ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ދެރައެކެވެ. އަދި އެފަދަ އަމަލުތަކުގެ ވިކްޓިމުންނަށް ލިބޭ އިތުރު ނިކަމެތި ކަމަކާއި، އެފަދަ އަމަލުތައްކުރާ މީހުންނަށް ލިބުނު އިތުރު ހިތްވަރެއް ކަމުގައި ވެސް ދެކެމެވެ" އެމްއާރްއެމުން ބުންޏެވެ.

ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަކުރުމުގެ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހެކީންނަށް ރައްކާތެރިކަން ލިބޭނެ ނިޒާމެއް ގާއިމު ކުރުމަކީ މުހިންމުކަމެއްކަމަށް އެމްއާރްއެމުން ބުންޏެވެ.

އިންސާފު ލިބުމުގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކުން އަރައިގަނެ، އިންސާފު ލިބުމަށްހުރި ހުރަސްތައް ނައްތާލުމަށް އެޅެން ހުރި ފިޔަވަޅުތައް ވީހާ އަވަހަކަށް އެޅުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާކަމަށް އެމްއާރްއެމުން ބުންޏެވެ.

ދައުލަތުން އަލީ ވަހީދުގެ މައްޗަށް ކުރި ހުރިހާ ދައުވާތަކަށް އޭނާ ވަނީ އިންކާރުކުރައްވައިފައެވެ. އަދި އެ މައްސަލައިގައި އަލީ ވަހީދު ރާއްޖޭން ބޭރަށް ފުރުން ކުރިމިނަލް ކޯޓުން މަނާކޮށްފައި އޮތުމަށްފަހު، އޭނާ ރާއްޖެއިން ފުރަން ހުއްދަ ދިނީ ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނު ވުމުންނެވެ. ޖާމިނު ވުމުގެ އެއްބަސްވުމުގައި އަޑުބަރޭ އިގުރާރުވީ ހަތަރު މަސް ދުވަސް ފަހުން އަލީ ވާހިދު ރާއްޖެ ގެންނާނެ ކަމަށާއި އަދި އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށް ބުނުމުންނެވެ. ނަމަވެސް އަލީ ވާހިދު ކޯޓަށް ހާޒިރު ކުރެވިފައިނުވާތީ އަޑުބަރޭ ވަނީ 15 ދުވަހަށް ޖަލަށްލައިފައެވެ.

އަލީ ވަހީދާ ދެކޮޅަށް ކުރިމިނަލް ކޯޓުގައި އުފުލާފައިވާ ޖިންސީ ކުށުގެ ހަތް ދައުވާގެ ޝަރީއަތުގެ އަޑުއެހުންތަކަށް ހާޒިރުވެފައި ނުވާތީ މިދިޔަ ސެޕްޓެމްބަރު މަހު ކުރިމިނަލް ކޯޓުން ވަނީ އެ ދައުވާތައް އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލައިފައެވެ. ކޯޓުން އެ މައްސަލަ އަނބުރާ ޕީޖީއަށް ފޮނުވީ އަލީ ވަހީދު ކޯޓަށް ހާޒިރުކުރެވޭނެ ގޮތް ވުމުން އަލުން މައްސަލަ ހުށަހެޅުމަށެވެ.

ނަމަވެސް އެ މައްސަލައިގައި ފުލުހުން މެދުވެރިކޮށް ރެޑްނޯޓިސް ނެރެގެން ވެސް އަލީ ވަހީދު ޝަރީއަތައް ހާޒިރު ކުރެވިފައެއް ނުވެއެވެ.

ޕީޖީގެ ބަޔާނުގައި ބުނެފައިވަނީ މި މައްސަލަ އެކަށީގެންވާ އަވަސް މިނެއްގައި ހިންގުމުގެ މުހިއްމުކަމާއި އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަ ނުހިންގިއްޖެ ނަމަ، އަނިޔާ ލިބުނު މީހުންނާއި ހެކިންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލުމުގެ ފުރުސަތު އޮތް މިންވަރު ކުރިމިނަލް ކޯޓާއި ހައި ކޯޓާއި ސްޕްރީމް ކޯޓުގައިވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ.

އެ މައްސަލަ އަލުން ހުށަހެޅުމަށް ފުލުހުންނަށް އަނބުރާ ފޮނުވާލި ފަހުން އެ މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަހުގީގަށް ބަޔާން ދީފައިވާ މީހުން މައްސަލަ ކުރިއަށްގެންދަން ބޭނުންނުވާ ކަމަށް ބަޔާންކޮށް ޕީޖީ އަށާއި ފުލުހުންނަށް ސިޓީ ފޮނުވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

"މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިން މި އޮފީހަށާއި ފުލުހުންގެ ހިދުމަތަށް ފޮނުވަމުން ދިޔަ ސިޓީތަކާ ގުޅިގެން މި އޮފީހުން ވާނީ އެ މީހުންނާ ބައްދަލުކޮށް މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ދެކޭގޮތް ސާފުކޮށްފަ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީޖީގެ ބަޔާނުގައި ބުނެފައިވަނީ މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ހެކިބަސް ކަމަށްވާ އިރު، އެ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތުކުރެވޭނެ އެއްވެސް މަގެއް ނެތް ކަމަށާއި އެހެންވެ އެ މައްސަލައަކީ އަނބުރާ ފޮނުވާލާފައިވާ މައްސަލައެއް ގޮތުގައި 6 ޖޫން 2023 ގައި ކަނޑައަޅާފައިވާ ކަމަށެވެ.

އަދި އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވާން އޭނާއަށް އަމުރުކުރުމުން، އެ އަމުރާ ހިލާފުވެ ކޯޓަށް ހާޒިރުވެފައި ނުވާތީ، އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ސުޕްރީމް ކޯޓުން ވަނީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ވެސް ހުކުމްކޮށްފައެވެ.