ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގެ އިސްތިއުނާފު އަވަސް އަވަހަށް ތާވަލުކޮށް، ގިނަވަގުތުދީގެން ގެންގޮސް އަވަހަށް ނިންމައިދެއްވުމަށް، ރައީސް ޔާމީން ހައިކޯޓުގައި އެދިވަޑައިގެންފިއެވެ.
ޔާމީން އެކަމަށް އެދިވަޑައިގެންނެވީ، ހައިކޯޓުގައި މިއަދު ކުރިއަށްދިޔަ އެ މައްސަލައިގެ އަޑުއެހުމުގެ ތެެރެއިންނެވެ.
ތިން ދުވަސް މަތިން އެ މައްސަލަ ހައިކޯޓުގައި ތާވަލު ކުރި ނަމަވެސް މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ ދެ އަޑުއެހުމެކެވެ. އެ ދެ އަޑުއެހުމުގައި ކުރިއަށްދިޔައީ އާރަށު މައްސަލައިގައި، ރިޝްވަތު ދިން ކަމަށް ސާބިތުވެގެން ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރި، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އިސްތިއުނާފު މައްސަލައެވެ.
ރައީސް ޔާމީނަށް ކުރި ދައުވާ އާއި ޔޫސުފް ނައީމަށް ކުރި ދައުވާ ދަށު ކޯޓުގައިވެސް ކުރިއަށް ގެންދިޔައީ އެކުއެކީގައެވެ. ހައިކޯޓުގައިވެސް އެ ދެ މައްސަލަ ކުރިއަށްގެންދަނީ އެކުއެކީގައެވެ.
ހައިކޯޓުގައި އެ މައްސަލަ ކުރިއަށްގެންދިޔަ ފުރަތަމަ ދުވަހުވެސް، އަދި މިއަދުވެސް މައްސަލަ ކުރިއަށް ގެންދިޔައީ، ރައީސް ޔާމީނާއި އޭނާގެ ދިފާއީ ވަކީލުން ހާޒިރުކޮށްގެންނެވެ.
ނަމަވެސް ރައީސް ޔާމީންގެ މައްސަލަ ނުފަަށައި އެގޮތަށް ޝަރީއަތް ކުރިއަށްދާތީ، މިއަދުގެ އަޑުއެހުމުގައި ފުރުސަތަކަށް އެދިވަޑައިގެން ޔާމީން ވިދާޅުވީ، "އަޅުގަނޑު ހަމަ އިލްތިމާސެއް ދަންނަވާލަން، މިއީ އިސްތިއުނާފީ މައްސަލައަަކަށް ވާތީއާއެކީ، އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް، ތަންކޮޅެއް ވަގުތު ދިގުކޮށް އަވަސް އަވަހަށް ގެންގޮސް ދެއްވައިފިއްޔާ އަޅުގަނޑު ހަމަ ވަރަށް ޝުކުރެވިވާނަން. އެއީ ކުރިމިނަލް ކޯޓުގައި އެބަދޭ ހަމަ ވަރަށް އަވަސް އަވަަހަށް، ހަމަ ވަަރަށް ދިގުކޮށް. އެހެންވީމަ މިއީ އިސްތިއުނާފު މައްސަލައަކަށްވާތީ އަޅުގަނޑު ހަމަ ނިހާޔަތަށް އެދެން މި މައްސަލަ ތަންކޮޅެއް ފްރީކުއެންޓްކޮށް ވަގުތު ދިގުލައިގެންދާގޮތަށް ކުރިއަށް ގެންދެވުން،" ކަމަށެވެ.
ކުރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލައިގެ ގޮތުގައި ޔާމީން ފާހަގަކުރެއްވީ، މ.ފުއްގިރީގެ މައްސަލައަށެވެ.
ޔާމީންގެ ވާހަކައާ ގުޅިގެން، އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި އިންނެވި އިސް ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ، "މި މައްސަލައަކީ، ފުދޭވަރަކަށް ގިނަ ޑޮކިއުމެންޓްތަކެއްވެސް ހިމެނޭ މައްސަލައެއް، ގާތްގަނޑަކަށް މީގެ ކޮންމެ ރިޕޯޓެއްގައި 2000 ސޮފްހާއަށްވުރެ ގިނަ އަދަދަކަށް އެބަ ހިމެނޭ ނަމްބާއޮފް ޕޭޖާސް، އެހެންވީމަ ޝަރީއަތުންވެސް ހަމަ ދިރާސާކުރުމާއެކީގައި އެ ކަންކަމަށް ރިއާޔަތް ކުރުމާއެކީގައި ޝަރީއަތުން މަސައްކަތް މި ކުރަނީ މައްސަލަ ހަމަ ވީހާވެސް އަވަހަކަށް ތާވަލުކޮށް އަޅުގަނޑުމެންނަށް ލިބިފަ އޮންނަ ފުރުސަތުގެ ތެރޭގައި އެކަން ކުރެވޭތޯ،" ކަމަަށެވެ.
ރައީސް ޔާމީންގެ އިސް ވަކީލު ޑރ ޖަމީލް ވެސް ވިދާޅުވީ، ފުއްގިރީގެ މައްސަލަ ދަށު ކޯޓުގައި ކުރިއަށް ގެންދަނީ، މެންދުރު ކުރީގައި ކަމަށެވެ. އެހެންކަމުން މެންދުރު ފަހުގެ ވަގުތުތައް ހުސްކޮށް އޮންނަ ކަމަށާއި، ކުރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ނުގެންދާ ދުވަސްތަކާއެކު މި މައްސަލައިގެ އަޑުއެހުމެއް ދެން ތަރުތީބު ކުރައްވާ އިރު، ވާން އޮތްނަމަ ބްރޭކެއް ނަގައިފައިވެސް ހަތަރުގަޑިއިރަށް މައްސަލަ ކުރިއަށް ގޮނެގޮސްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
"ހަގީގަތުގައި ދަށު ކޯޓުގައި ފަނޑިޔާރު ވަރަށް ގިނަ ވަގުތު އެބަ ކުރިއަށް ގެންދަވާ އަޅުގަނޑުމެން ވަކީލުންގެ އެއްޓީމެއް މި އުޅެނީ، އަޅުގަނޑުމެން ބޮޑަށް ބޭނުންވަނީ އިސްތިއުނާފު މަރުހަލާގައިވާ މައްސަލަ ތަރުތީބު ކޮށްގެން އެ މައްސަލަ ނިމޭނެ ގޮތަަކަށް ގެންގޮސް ދެއްވުމަށް. އާޖެންޓް އިޝޫއެއް ދަށުކޯޓުގައި ނެތްކަންވެސް ފާހަގަކޮށްލަން،"
އެކަމާ ގުޅިގެން ދައުލަތުގެ ވަކީލުންނާއި، ދިފާއީ ވަކީލުންގެ ޝެޑިއުލް އޮތް ގޮތެއް އޮޅުންފިލުއްވައިދެއްވުމަށް ފަނޑިޔާރު އެދިވަޑައިގެންނެވިއެވެ.
ދައުލަތުގެ ވަކީލުންގެ ތެރެއިން ޕަބްލިކް ޕްރޮސިކިއުޓާ އީނާ މޫސާ އާއި ޔޫސުފް ނައީމުގެ ވަކީލު ހަމްޒާ ލަތީފް ވެސް ވިދާޅުވީ، މިމަހުގެ 18 ވަނަ ދުވަހާއި 19 ވަނަ ދުވަހާއި 20 ވަނަ ދުވަހާއި 21 ވަނަ ދުވަސް މެންދުރުފަސް އެބޭފުޅުންނަށް ހުސް ކަމަށެވެ.
ނަމަވެސް އީނާ ވިދާޅުވީ، އެ ދުވަސްތަކުގައި ކުރިމިނަލް ކޯޓުގައި އަޑުއެހުން ތާވަލުކޮށްފައިވަނީ ހެނދުނު 9:00 އަށް ކަމަށާއި، އެއިން ކޮންމެ ދުވަހަކު ހަތަރު ހެކިންގެ ހެކިބަސް ނެގުން އޮތުމުން، އެކަން މެންދުރު ފަހަށް ދެމިގެން ހިނގައިދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ދެވަނަ ފުރުސަތުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ދަށު ކޯޓުގައި ކުރިއަށްދާ މައްސަލައިގައި، މިހާތަނަށް "13 ގަޑިއިރު، އަށް ގަޑިއިރު، ހަ ގަޑިއިރު، ޖުމުލަ 22 ގަޑިއިރުގެ ހެކިބަސް ނަގައިފި،" ކަމަށެވެ. އަދި ކުރިއަށް ވަރަށް ގިނަ ހެކިބަސް ނަގަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. އެ 22 ގަޑިއިރުގެ ހެކިބަސް ނެގިއިރު ވަކީލުންނާ ބައްދަލުކުރުމުގެ ބައި ގަޑިއިރުގެ ފުރުސަތު ލިބިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. އެކަމާ ގުޅިގެން އެތައް ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށާއި، އޭގެ ތެެރެއިން ހައިކޯޓުގައި އޮތް އަޑުއެހުމެއް ކެންސަލްވެފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑު އެދެނީ އިސްތިއުނާފް މަރުހަލާގައި ހުންނަ މީހެއްގެ އިސްތިއުނާފަށް އިސްކަން ދެވެންވާނެ ކަމަށް އަޅުަގނޑު އަމިއްލަ ގޮތުން ގަބޫލުކުރަން، އެއީ އަޅުގަނޑަކީ މިހާރުވެސް އަދަބުގައި ހުރި މީހެއް. ދެން ހިނގާ ޖިިނާއީ ޝަރީއަތުގައި އަނެއްކާވެސް އަޅުގަނޑަށް އަންނާނީ ޖަލު އަދަބެއް، އެހެންވީމަ އަޅުގަނޑަކީ ރާއްޖެ ދޫކޮށްލައިފަ ދެވެން ހުރި މީހެއް ނޫން. އެހެންވީމަ އެ މައްސަލަ އެހާ އަވަސްވެފަ އަޅުގަނޑުގެ އިސްތިއުނާފުގެ ހައްގު އެ މައްސަލައާ ހެދި ލަސްވެގެންދާ ގޮތް ނުވާނެ ގޮތަކަށް މަތީ މަރުހަލާގެ ކޯޓުން ތާވަލު ކުރުމުގައި އިސްކަން ދެއްވޭނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ އަޅުގަނޑު އެދޭގޮތް ދަންނަވާލިން،"
ޔާމީން ވިދާޅުވީ، ދަށުކޯޓުގައި ހިނގަމުންދާ ފުއްގިރި މައްސަލަ އަވަސްކުރަން ނުވަތަ ލަސްކުރަން ބޭނުން ނުވާ ކަމަށް އެ ކޯޓުގައި ދައުލަތުގެ ވަކީލުންވެސް ވިދާޅުވާ ކަމަށެވެ. އެެހެންކަމުން ހައިކޯޓުގެ މައްސަލަ އަވަސް ކުރެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިހާރު ދެ ދުވަސް މި ދިޔައީ އަޅުގަނޑުގެ ފަރާތުން ހުށަހަޅަން ހުރި އިސްތިއުނާފުގެ މައސަލައެއް މިއަދުވެސް ހުށައެއް ނޭޅުނު، އެއީ މި ޝަރީއަތުގެ އަސްލު މައިގަނޑު މައްސަލައަކީ ވެސް އަޅުގަނޑުގެ ފަރާތުން ހުށަހަޅަން ހުރި މައްސަލަ، އަދި އެއަކަށް ވަގުތެއް ނުލިބޭ،"
ފަނޑިޔާރު ވިދާޅުވީ ހައިކޯޓުގައި ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ، މައްސަލައިގެ ޗިޓް ފޮނުވި އިރުވެސް ކުރިމިނަލް ކޯޓުގެ އަޑުއެހުމަށް ރައީސް ޔާމީނަށް ކިޔާފަ އޮތްކަމުގެ މައުލޫމާތު ލިބިފައިވާތީ ކަމަށެވެ. އެ މައުލޫމާތު ލިބުނީ، ޗިޓް ފޮނުވި ފަހުން ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އާއްމުކޮށް މި ކޯޓުގައި އަމަލު ކުރާ އުސޫލަކީ ހައިކޯޓުކަމުގައި ވިޔަސް ދަށުކޯޓުން ވެސް މައްސަލައަކަށް ޝެޑިއުލްކޮށްފަ ޗިޓް ފޮނުވާފައި، މި ކޯޓަށްވުރެ ކުރިން އޮވެއްޖެއްޔާ ކުރިން ޗިޓް ފޮނުވި ކޯޓަކަށް އިސްކަން ދިނުން، އެގޮތުގެމަތިން އެ ދުވަހުގެ ޝަރީއަތުގެ ކަންކަން ދިޔައީ،"
އެެހެންކަމުން އަންނަ ހަފުތާގައި މި މައްސަލައިގެ އަޑުއެހުން ތާވަލުކުރެވޭނެ ގޮތެއް އަންގަވާނެ ކަމަށް ވިދާޅުވެ، މިއަދުގެ އަޑުއެހުން ފަނޑިޔާރު ނިންމަވައިލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު