ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންސާނީ ހައްގުތަކަށް ސަރުކާރުން އަރައިގަންނަމުންދާ ކަމަށްބުނެ އެ ކޯލިޝަނުން ވަނީ ދެ ދުވަހެއްގެ މަތިން އެޗްއާރުސީއެމްއާ ބައްދަލުކުރަން މަސައްކަތްކޮށްފައެވެ. އެޗްއާރުސީއެމްގެ މެމްބަރުންނާއެކު އިއްޔެ ބައްދަލުވުމެއް ހަމަޖެހުނު ނަމަވެސް، ޕީޕީއެމް/ޕީއެންސީން އެ ބައްދަލުވުމަށް ގޮސްފައެއް ނުވެއެވެ. އެހެންވެ އެޗްއާރުސީއެމުން ވަނީ އެ ބައްދަލުވުން މިއަދު ހެނދުނު ބާއްވާގޮތަށް ނިންމައިފައެވެ.
މިއަދު ހެނދުނު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ޔާމީންގެ ޝަރީއަތް 13 ގަޑިއިރަށް ބޭއްވުމަކީ އެއްވެސް ގޮތަކަށް ކުރެވޭނެކަމެއް ނޫން ކަމަށެވެ. އަދި އެހާ ދިގުކޮށް ޝަރީއަތް ބޭއްވި މައްސަލަ މިހާރު އދ. އަށް ވެސް ހުށަހަޅައިފައިވާ ކަމަށް ވިދާޅުވިއެވެ.
މަޖިލީހުގެ ފަރެސްމާތޮޑާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް މީގެ ކުރިން ހިނގާގޮތަށް ކުރިއަށްދާ ނަމަ، އެޗްއާރުސީއެމްގެ މެމްބަރުން މަގާމުގައި ނުތިބޭނެ ކަމަށާއި މަޖިލިސް އަލުން ފެށުމާއެކު އެ މެމްބަރުންގެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ދަންނަވަނީ މަޖިލިސް ފަންކްޝަން ކުރާއިރަށް މި ބޭފުޅުން މިތަނުން ބޭރުކުރާނަން،" އޭނާ ވިދާޅުވިއެވެ.
އެއަށްފަހު އަނެއްކާވެސް ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ޔާމީންގެ ޝަރީއަތް ކުރިއަށްގެންދަނީ އުސޫލުން ބޭރުން ކަމަށް އެޗްއާރުސީއެމުން ވެސް ގަބޫލުކުރާ ކަމަށާއި ނަމަވެސް ސިޔާސީ ނުފޫޒު އޮތުމުން އެ ކޮމިޝަނަށް އެކަމާ ދެކޮޅަށް މަސައްކަތް ނުކުރެވެނީ ކަމަށެވެ.