ސައިކަލަކާއި ބަހެއް ޖެހި ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މިއަދު ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ގުލްހަޒާރުމާހިނގުމާއި ދުނބުރިގަސް މަގު ގުޅޭ ކަންމަތިން ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 8:51 ގައި ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި 19 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެ، ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންނެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ނަމަވެސް އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ އަތަށް ވަނީ ޒަހަމްތަކެއް ލިބިފައެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި، އެކްސިޑެންޓްވީ އާރްޓީއެލް ބަހަކާއި ކަޅުކުލައިގެ ޔަމަހާ ކިންގް 150 ގެ ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި ބަހުގެ އަރިމަތީ ބިއްލޫރިގަނޑު ވަނީ ވަރަށް ބޮޑަށް ތަޅައިގެން ގޮސްފައެވެ. އަދި ސައިކަލަށްވެސް އެކިވަރުގެ ގެއްލުންތަކެއް ވެފައިވެއެވެ.