ރޭ ކުޅުނު ޔޫއެފާ ނޭޝަންސް ލީގު ސެމީ ފައިނަލް މެޗުގައި ނެދަލޭންޑްސް ބަލިކޮށް، ކްރޮއޭޝިއާއިން ފައިނަލްގެ ޖާގަ ހޯދައިފިއެވެ.

ނެދަލޭންޑްސްގެ ޑެ ކުއިޕް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި 4-2 ގެ ނަތީޖާއަކުން ކްރޮއޭޝިއާއިން ނެދަލޭންޑްސް ބަލިކުރީ އިތުރު ވަގުތަށް ކުޅެގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 އިން މެޗުގެ ނަތީޖާ އެއްވަރުވެފައި އޮތުމުން އިތުރު ވަގުތަށް މެޗު ގޮސްފައިވާ އިރު، ނެދަލޭންޑްސްއިން މެޗު އެއްވަރުކުރީ ފުރިހަމަ ވަގުތުގެ ފަހު ސިކުންތު ކޮޅުގައެވެ. އެއީ 96 ވަނަ މިނެޓުގައެވެ.

ރޭގެ މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް އެކަށީގެންވާ ކުޅުމެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ ފުރަތަމަ ހާފުގައި ނެދަލޭންޑްސްއިން ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ޑޮނިޔެލް މާލެސްއެވެ. އެ ގޯލާއެކު ނެދަލޭންޑްސްއިން ހަމަޖެހިލި ނަމަވެސް، ލޫކާ މޮޑްރިޗް ތަފާތު ދައްކަމުންދިޔަ ކްރޮއޭޝިއާއިން ވަނީ ދެވަނަ ހާފަށް ނުކުމެ ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފައެވެ.

ދެވަނަ ހާފުގައި ކްރޮއޭޝިއާގެ އަންދްރޭޖް ކްރެމަރިޗްގެ ޕެނަލްޓީން ނަތީޖާ އެއްވަރުވި އިރު، މާރިއޯ ޕަސަލިޗް ޖެހި ގޯލުން އެޓީމުން ލީޑުވެސް ނެގިއެވެ. އެ ނަތީޖާއާއެކު ކްރޮއޭޝިއާއަށް ފައިނަލް ޔަގީންވި ކަމަށް ބެލެވިފައި އޮއްވާ ނެދަލޭންޑްސްއިން ވަނީ ފަހު ސިކުންތުގައި ލޭންގް ޖެހި ގޯލުން ނަތީޖާ އެއްވަރު ކޮށްފައެވެ.

އިތުރު ވަގުތަށް ގޮސް ކްރޮއޭޝިއާއަށް ލީޑު ނަގައިދިނީ ބަދަލަކަށް ނުކުތް ޕެޓްކޮވިޗް ޖެހި ގޯލުންނެވެ. އެ ލީޑު ފުޅާކުރީ 37 އަހަރުގެ މޮޑްރިޗް ކާމިޔާބު ކޮށްދިން ޕެނަލްޓީގައެވެ. މޮޑްރިޗް ޖެހި ޕެނަލްޓީއަކީ ނެދަލޭންޑްސްގެ ޓައިރެލް މަލާސިއާ އޭނާއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މިއީ ކްރޮއޭޝީއާގެ ތާރީހުގައި އެގައުމުން ކުޅޭ ދެވަނަ ބޮޑު ފައިނަލެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލަށްވެސް ކްރޮއޭޝިއާ ގޮސްފައިވާ އިރު، އެފަހަރު ފައިނަލުގައި ކްރޮއޭޝިއާ އަތުން ފްރާންސް މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.

ކްރޮއޭޝިއާއިން ފައިނަލުގައި ކުޅޭ ޓީމު ޔަގީންވާނީ މިރޭ ސްޕެއިނާއި އިޓަލީ ވާދަކުރާ ސެމީ ފައިނަލް މެޗަށްފަހުއެވެ.