ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސްގެ މައްޗަށް ހުށަހަޅާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވެގެން، އެކަމާބެހޭ ގަރާރު މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު، އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ، ނުވަތަ ގޮތެއް ނިންމޭނީ، މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ނައިބު ރައީސް އީވާ އަބުދުﷲގެ އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާއިރު، އީވާ މަގާމުން ވަކި ކުރުމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސްގެ މުއްދަތު މިދިޔަ އާދިއްތަ ދުވަހަށް ވަނީ ހަމަވެފައެވެ. މަޖިލިސް ގަވާއިދުގައިވާގޮތުން، މަޖިލީހުން އެހެން މަސައްކަތެއް ކުރެވޭނީ، އީވާ މަގާމުން ވަކިކުރުމުގެ މައްސަލައަށް ގޮތެއް ކަނޑައަޅައިގެންކަން ހުރިހާ މެންބަރުންވެސް ގަބޫލު ކުރައްވައެވެ.

ނަމަވެސް އީވާގެ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި މަޖިލީހުގެ އާއްމު ކޮމިޓީ ހަރަކާތްތެރިކުރުވަން ޖެހެއެވެ. އެއީ އެ މައްސަލައިގައި މެންބަރުން ބަހުސްކުރާނެ ވަގުތާއި، ޖަވާބުދާރީވެވަޑައިގަތުމަށް އީވާއަށް ދޭނެ ވަގުތު ކަނޑައަޅާނީ އެ ކޮމެޓީން ކަމަށް މަޖިލިސް ގަވައިދު ބުނާތީއެވެ. އެ ކޮމިޓީ ހުއްޓިފައި އޮތީ، އެމްޑީޕީ މެންބަރުންނާއި، މަޖިލިސް ރައީސަށް ތާއީދުކުރާ "ފިކުރެއްގެ ދިރުން"ގެ މެންބަރުން ހިމެނޭހެން އިދިކޮޅު މެންބަރުންނާ ދެމެދު ހިޔާލު ތަފާތުވުން އުފެދިފައިވާ މައްސަލައިގައެވެ.

މަޖިލިސް ގަވާއިދުގެ 106 ވަނަ މާއްދާ އާއި 149 މާއްދާއަށް ރިއާޔަތްކޮށް އެމްޑީޕީ މެންބަރުން ބުނަނީ ކޮމިޓީތައް މިހާރުވެސް ކުރިއަށްދާން ޖެހޭނެ ކަމަށެވެ.

މަޖިލިސް ގަވާއިދުގެ 106 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، ދާއިމީ ކޮމިޓީތަކަކީ، އަބަދުވެސް ދެމިއޮންނަ، އަދި ވަކި މަސްއޫލިއްޔަތުތަކެއް ހަވާލު ކުރެވިފައިވާ ކޮމިޓީތަކެއް ކަމަށެވެ. 149 ވަނަ މާއްދާގައި ބުނަނީ، މަޖިލީހުން އެކުލަވައިލާ ކޮމިޓީތަކަކީ، އެ ކޮމިޓީތަކުގެ މަސައްކަތްތައް މެދުނުކެނޑޭނެ ގޮތެއްގެމަތީން، އެކަށީގެންވާ ހަލުވިމިނެއްގައި، ހަރަކާތްތެރިވަމުންދާ ކޮމިޓީތަކަކަށް ވާން ވާނެ ކަމަށެވެ.

ނަމަވެސް ފިކުރެއްގެ ދިރުމުގެ މެންބަރުންނާއި، އިދިކޮޅު މެންބަރުން އެކަން ގަބޫލެއް ނުކުރައްވައެވެ. އެ މެންބަރުން ތާއީދު ކުރައްވަނީ، ފިކުރެއްގެ ދިރުމުގެ 12 މެންބަރުން އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެން ކޮމިޓީތަކަށް އައި ބަދަލު، މަޖިލީހުން ފާސްކުރަންދެން ކޮމިޓީތައް ހުއްޓާލުމަށް މަޖިލިސް ރައީސް އެންގެވި އެންގެވުމަށެވެ. އެހެންކަމުން ދެން އޮތް ގޮތަކީ އެ ކޮމެޓީތައް ހަރަކާތްތެރި ކުރުވުމެވެ. މަޖިލީހުގައި ހުއްޓިފައި ހުރި ހުރިހާ މަސައްކަތްތަކެއް ހިނގައިގަންނާނީ ވެސް އޭރުންނެވެ.

އެކަމަށް ޓަކައި، އެމްޑީޕީ މެންބަރުން މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާއަށް ކުރެއްވި އިލްތިމާސާ ގުޅިގެން، މަޖިލީހުގެ ކޮމިޓީތަކަށް ގެނައި ބަދަލު ފާސް ކުރަން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އޮތީ އެޖެންޑާ ކޮށްފައެވެ. ހުށަހަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލައާ ގުޅިގެން، މަޖިލިސް ރައީސް ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވެވަޑައިގެންފައިވާތީ، މަޖިލިސް ރައީސް ހަމަޖެއްސެވި މެންބަރެއްގެ ގޮތުގައި، އެހެން ފަހަރުތަކެކޭވެސް އެއްފަދައިން މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ވެސް ރިޔާސަތު ބެލެހެއްޓެވީ، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

އަފީފު ރިޔާސަތަށް ވަޑައިގެން ޖަލްސާ ފެއްޓެވުމާއެކު، ފިކުރެއްގެ ދިރުމުގެ މެންބަރުންނާއި، އިދިކޮޅު މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވިއެވެ. އިދިކޮޅު މެންބަރުން ހަޅޭލަވަމުން ގެންދެވީ ކޮރަޕްޝަނާއި މަނީލޯންޑާގެ ކުށް ސާބިތުވެގެން 11 އަހަރު ދުވަހަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުލްގައްޔޫމަށް އަނިޔާކުރަމުންދާ ކަމަށާއި، އޭނާ ދޫކޮށްލުމަށާއި ކޯޓުތަކުން ކުރާ ހުކުމްތަކާ ގުޅިގެން އެކަމާ ނުރުހުން ފާޅުކޮށެވެ.

ފިކުރެއްގެ ދިރުމުގެ މެންބަރުން ހަޅޭއްލަވައި އަޑުގަދަކުރައްވަމުން ގެންދެވީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް، ކޮމިޓީތަކަށް ގެނައި ބަދަލު ފާސް ކުރަން އެޖެންޑާކޮށްފައި އޮތުމުންނެވެ. އެ މެންބަރުން ތަކުރާރުކޮށް ފާހަގަ ކުރައްވަމުން ގެންދެވީ، މަޖިލިސް ގަވާއިދުގެ 54 ވަނަ މާއްދާގެ (ށ) އެވެ. އެ މާއްދާގައި ބުނަނީ ޖަލްސާގެ އެޖެންޑާގައި ހިމަނާނީ އެ ޖަލްސާއެއްގައި ނިންމުމަށް އެދި ނުވަތަ ކުރުމަށް އެދި ހުށަހަޅާ ކަންކަން ކަމަށެވެ. އެކަންކަން ސާފުކޮށް އެނގޭނެ މިންވަރަށް އަދި އެކަންކަން ނިންމުމަށް ނުވަތަ ކުރުމަށް އެދޭ ތަރުތީބުވެސް އެޖެންޑާގައި އެނގެން އޮންނަންވާނެ ކަމަށެވެ.

ކޮމިޓީތައް އެކުލަވާލެވިފައިވާގޮތް މެންބަރުންގެ ޕޯޓަލްގައި މަޖިލީހުގެ އިދާރާއިން ވަނީ ހިމަނައިފައެވެ. ނަމަވެސް އެ މެންބަރުން ވިދާޅުވީ، ކޮމިޓީތަކަށް ގެނައި ބަދަލުތައް ރިޕޯޓެއްގެ ގޮތުގައި އެ މެންބަރުންގެ ޕޯޓަލަށް ލާފައި އޮތްނަމަވެސް މަޖިލިސް ގަވާއިދުގައި ބުނާ މިންވަރަށް އެ މެންބަރުންނަށް އެކަންކަން ސާފު ނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އެޖެންޑާއިން ނުނަގައި ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅުއްވަމުން ގެންދެވީއެވެ.

މެންބަރުންގެ ހަޅޭކުގެ ތެރެއިން ނިޒާމީ މައްސަލަ ފާހަގަ ކުރަން ރިޔާސަތުން އެންމެ ފުރަތަމަ ފުރުސަތު ދެއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށެވެ. އެއީ މަޑުއްވަރީ ދާއިރާގެ މެންބަރު، މެންބަރު އާދަމް ޝަރީފް ކުއްލި މައްސަަލަ ހުށަހަޅުއްވަން ފެއްޓެވި ހިސާބުންނެވެ. އޭރު އަދި ކޮމިޓީތަކުގެ މައްސަލަ އޮތީ އެޖެންޑާގެ ފަހަތުގައި 6.1 ވަނަ ނަމްބަރުގައެވެ.

އަލީ އާޒިމަށް ދެއްވި ފުރުސަތުގައި، އަސްލު މައްސަލަ ފާހަގަ ނުކުރައްވައި، އެހެން މެންބަރުންގެ މޭޒު ކައިރިޔަށް ވަޑައިގެން މެންބަރުންނަށް އުނދަގޫ ކުރައްވައި އަޑުގަދަ ކުރައްވައި، މެންބަރުންނާ ޒުވާބު ކުރައްވައި، 20 މިނިޓް ވަންދެން މަޖިލިސް ޖަލްސާ ކުރިއަށް ދިޔަނުދީ ހުރަސް އެޅުއްވިއެވެ. ނިޒާމީ މައްސަލައިގައި، އަލީ އާޒިމް ފުރަތަމަވެސް ބައިވެރިވެވަޑައިގަތީ، ކޯޓުތަކަށް ފާޑު ވިދާޅުވިދާޅުވެ އަޑުގަދަ ކުރައްވަމުން ގެންދެވި، ނައިފަރު ދާއިރާގެ މެންބަރު ޝިޔާމުއާއެވެ.

ދެން ވިދާޅުވީ، "މަޖިލިސް ގަވާއިދުގެ 54 ވަނަ މާއްދާގެ (ށ)"، އެ ހިސާބަށް ވިދާޅުވުމަށްފަހު ދެން ވިދާޅުވީ، މެންބަރުން ޗޯރޭ ކިޔަމުންދާ ކަމަށެވެ. އެއަށްފަހު ނިޒާމީ ނުކުތާގައި ހުންނަވައި މައިކުން ވިދާޅުވީ، "އަޅުގަނޑަށް ނިޒާމީ ނުކުތާ ނުދީ ޖަލްސާ ކުރިއަށް ގެންދަން ލާހިކެއްނޫން،" ކަމަށެވެ. އެއަށްފަހު އަނެއްކާވެސް މަޖިލިސް ގަވާއިދުގެ 54 ވަނަ މާއްދާގެ (ށ) އަށް ވަޑައިގެންނެވިއެވެ. އެ މާއްދާގައި ބުނަނީ ޖަލްސާގެ އެޖެންޑާގައި ހިމަނާނީ އެ ޖަލްސާއެއްގައި ނިންމުމަށް އެދި ނުވަތަ ކުރުމަށް އެދި ހުށަހަޅާ ކަންކަން ކަމަށެވެ. އަލީ އާޒިމް ވިދާޅުވީ އެ މާއްދާ ވަރަށް ސާފު ކަމަށެވެ. އެބަޔާދޭތެރޭ އިތުރު ވާހަކަ ދައްކަވަން ނެތް ނަމަވެސް އެ މާއްދާގައި ދެން ޖެހިގެން އަންނަ ބައިގައި، އެކަންކަން ސާފުކޮށް އެނގޭނޭ މިންވަރަށް އެޖެންޑާގައި އޮންނަންވާނެ ކަމަށް ބުނާ ކަމަށްވެސް ވިދާޅުވިއެވެ.

"ނިޒާމީ މައްސަލަ މިނެގީ ދެ ނުކުތާއެއް އަޅުގަނޑު ފާހަގަކޮށްލަން އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދުކުރަން މިވާހަކަ ނިމުނީމަ، އެއީ ނިޒާމީ ނުކުތާއެެއްތޯ، ނޫންތޯ ވިދާޅުވެދެއްވުމަށް،"

އެހިސާބަށް ދިއުމުން ިރޔާސަތުގައި އިންނެވި ހަސަން އަފީފު ނިޒާމީ މައްސަލަ އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ނަމަވެސް އާޒިމް އަޑުގަދަ ކުރައްވަމުން، އާދަމް ޝަރީފުގެ މޭޒުދޮށަށް ވަޑައިގެން ޝަރީފް މައްސަލަ ހުށަހަޅުއްވަމުން ގެންދަވަނިކޮށް، މައިކު އަތުލައްވައިގެން ވާހަކަ ދައްކަވަން ފެއްޓެވިއެވެ. އެއަށްފަހު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ނިޒާމީ މައްސަލައަށް ފުރުސަތު ނުދެއްވައި ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަފީފު ތަކުރާރުކޮށް ވިދާޅުވީ ޖަލްސާ އަދި އެ މައްސަލައާ ހިސާބަށް ނާންނަ ކަމަށެވެ. އަދި އާޒިމްގެ ގޮނޑިކޮޅަށް ވަޑައިގަތުމަށްވެސް އަފީފު އެދިވަޑައިގެންނެވިއެވެ.

ރިޔާސަތުން އިންޒާރެއްހާހިސާބުވެސް ނުދެއްވައެވެ. އޭގެ ފަހުންވެސް އެހެން މެންބަރުންގެ މޭޒު ކައިރިޔަށް ވަޑައިގެން އަޑުގަދަކުރައްވައި އަލީ އާޒިމް ގެންދެވީ މެންބަރުންނާ ޒުވާބު ކުރައްވައި އުނދަގޫ ކުރައްވަމުންނެވެ. ގަޔަށް އަތްލާ ހިސާބަށްވެސް ދިޔައެވެ. މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވާހަކަދައްކަވަން ފައްޓަވާ ކޮންމެ ފަހަރަކު އެ މޭޒުދޮށަށް ވަޑައިގެން މައިކު އަތުލައްވައެވެ. އެކަމާ ގުޅިގެން ރިޔާސަތުން، ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ދެންނެވީވެސް އެންމެ ފަހަރަކުއެވެ.

އެއަށްފަހު ނިޒާމީ މައްސަލަ ހުށަހަޅުއްވަން އަލީ އާޒިމްގެ ކިބައިން އެދިވަޑައިގަންނަވަމުން ގެންދެވީ އަފީފެވެ. އަފީފު ތަކުރާރުކޮށް އެކަމަށް އެެދިވަޑައިގަތުމުން އަމިއްލަ މޭޒަށް ވަޑައިގެން، "ފިއްޓެ ކަލެއަށް ތިއުޅެނީ މަ ނޭނގިގެން،" ކަމަށް ވިދާޅުވެ އޭނާގެ މޭޒާ ދިމާލުން ފަހަތުގައި ހުރި މޭޒުގައި އިންނެވި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) އަށް އިންޒާރު ދެއްވިއެވެ.

އަނެއްކާވެސް އަލީ އާޒިމް ވިދާޅުވީ، އޭނާ ނިޒާމީ މައްސަލަ ފާހަގަ ކުރެއްވުމުން އެއީ ނިޒާމީ ނުކުތާއެއްތޯ، ނުވަތަ ނޫންތޯ ކަނޑައަޅާނީ ރިޔާސަތުން ކަމަށެވެ. އަފީފް ވިދާޅުވީ، "ނިޒާމީ މައްސަލަ ހުށަހަޅުއްވާ! އަޅުގަނޑު މީނީ އަޑުއަހަން،" ކަމަށެވެ. ނަމަވެސް އެ ފަހަރުވެސް އަލީ އާޒިމް ދެއްކެވީ އެހެން ވާހަކައެކެވެ. ތަކުރާރުކޮށް ވިދާޅުވީ، "ރާޑޯ އަދި އަލަށް ފަޓުލޫނު މިލީ،" ކަމަށެވެ. އެއަށްފަހު މެންބަރަކަށް ނިސްބަތްކުރައްވައި އަވަގުރާނަވެސް ގޮވިއެވެ.

ދެން ވިދާޅުވީ، "އަޅުގަނޑު މިއުޅެނީ ރައްޔިތުންގެ ހައްގުގައި އަޅުގަނޑުގެ ހައްގުގައެއް ނޫން، އަޅުގަނޑު ބޭނުމެއްނުވޭ އަޅުގަނޑުގެ ހައްގުގައި މިތާ ވާހަކަ ދައްކާކަށް، އެހެންނަމަވެސް މިތާ ގިނަ މެންބަރުންތަކެއް ފަހަރެއްގައި ވެދާނެ ސަރުކާރުގަ ތާށިވެފަ ތިބީމަ، އެމީހުންގެ މައްސަލަ ހުންނާނެ ފުލުސް އޮފީހުގަ ކޯޓުގަ، ނޫނީ އެމީހުންގެ ކޮންމެވެސް ބަޔަކު ތިބޭނީ ކޮންމެވެސް ވަޒީފާއެއްގަ އެެހެންވީމާ އެމީހުން ހަޅޭއްލަވައިފާނެ އަޅުގަނޑު ވާހަކަ މިދައްކަނީ ރައްޔިތުންގެ ހައްގުގަ،" ކަމަށެވެ.

ޖަލްސާ ފެށީއްސުރެން 20 މިނެޓު ވަންދެން އަލީ އާޒިމް އެގޮތަށް ކަންތައްތައް ކުރިއަށް ގެންދެވިއިރުވެސް، އަފީފު އިންނެވީ ނިޒާމީ މައްސަލަ ފާހަގަ ކުރައްވަން އަލީ އާޒިމަށް ދަންނަވަ ދަންނަވައެވެ. ނަން އިއްވަވަން ކެރިވަޑައިނުގަތްތާ، އިތުރު އިންޒާރެއްވެސް ނުދެއްވައެވެ. އަފީފު އެހެން މެންބަރުންނަށް ނިޒާމީ ނުކުތާ ނަންގަވަން ފުރުސަތު ދެއްވަން ފެއްޓެވީވެސް، އަލީ އާޒިމްގެ އެ ކަންތައްގަނޑު ނިމުމުންނެވެ. އެ މެންބަރުން ހުރަސް އެޅުއްވުމުން މިއަދުގެ ޖަލްސާ ދެފަހަރެއްގެ މަތީން މެދުކަނޑައިލިއެވެ. ފުރަތަމަ މެދުކަނޑައިލީ 9:35 އެހާކަންހާއިރުއެވެ.

އެއީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އަމީރު، ނެންގެވި ނިޒާމީ މައްސަލައާ ގުޅިގެންނެވެ. އޭނާ އެދިވަޑައިގަތީ، ޕާޓީތަކުގެ އިސް ވެރިންނާ މަޝްވަރާކޮށްގެން ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖެއްސުމަށެވެ. އެ ނިޒާމީ މައްސަލަ ބަލައިގަނެ، އެކަމަށް ޓަކައި ޖަލްސާ މެދުކަނޑައިލުމަށްފަހު ބައިގަޑިއެއްހާއިރުފަހުން، 10:5ގައި ޖަލްސާ އަލުން ފެށިއެވެ.

ޖަލްސާ ހަމަ ފެށުމާއެކު މެންބަރުން އަޑުގަދަކުރައްވައި ހަޅޭއްލަވަން ފެއްޓެވިއެވެ. އިދިކޮޅު މެންބަރުން ހަމަ ފާހަގަ ކުރެއްވީ ކުރިންވެސް ފާހަގަ ކުރެއްވި ކަންތައްތަކެވެ.

އެގޮތުން ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބުއާއި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީވެސް ނިޒާމީ މައްސަލަ ނަންގަވައި، އަލީ އާޒިމް ފާހަގަ ކުރެއްވި އެ މައްސަލަ އެޖެންޑާއިން އުނިކޮށްގެންނޫނީ ޖަލްސާ ކުރިއަށް ނުގެންދެވޭނެކަމަށް އިންޒާރު ދެއްވިއެވެ.

މިފަހަރު ސަރުކާރަށް ނިސްބަތްވާ މެންބަރުންވެސް ނިޒާމީ މައްސަލަ ނެންގެވިއެވެ.

އެގޮތުން ނިޒާމީ މައްސަލަ ނަންގަވައި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، މިވަގުތު މަޖިލިސް ކުރިއަށްދިއުން ނޫން މުހިއްމު ކަމެއް ނެތް ކަމަށެވެ. ކޮމިޓީތަކުގެ މައްސަލަ އެޖެންޑާކޮށްފައި ވަނީ އެކަމަށް ޓަކައި ކަމަށްވެސް ވިދާޅުވިއެވެ. އަދި "މިތާ އެއްބަޔަކު މަސައްކަތް ކުރަނީ، ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ގަދަބާރުން މިނިވަން ކުރަން ކަމަށާއި އަނެއް ބަޔަކު މަސައްކަތް ކުރަނީ ގަދަބާރުން ރައީސް ނަޝީދު މަޖިލިސް ރައީސްކަމުގައި ބެހެއްޓުމަށް،" ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފުގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީވެސް އެމްޑީޕީން ނިޒާމީ މައްސަލަ ނެންގެވިއެވެ.

މުގުނީ ވިދާޅުވީ، އިދިކޮޅު މެންބަރުން އުޅުއްވަނީ ރައްޔިތުންނަށް ހެވެން އެދިގެން ނޫން ކަމަށާއި އެ މަސައްކަތް ކުރައްވަނީ މަޖިލިސް ކޮމިޓީ އެކުލަވައިލައިގެން މަޖިލިސް ރައީސް ބޭރުކޮށްފާނެތީ ކަމަށެވެ. ރިޔާސަތުގައި އިންނެވި އަފީފާ ސުވާލު ކުރައްވަމުން، ރިޔާސަތުގައި އިންނެވީ އިހުތިޔާރަކާއި ބާރުތަކާ އެއްކޮށްތޯ އާއި އެހެން ވެއްޖެނަމަ، އެ ބާރުތައް ބޭނުން ނުކުރައްވަނީ ކީއްވެގެންތޯ، މެންބަރު ޝިފާއު ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީގެ ހައްގުތަކެއްވެސް އޮންނަ ކަމަށާއި މަޖިލީހުގެ ނިޒާމު ހަމަޖައްސަން ޖެހޭނީ އެ ހައްގުތައް ނުގެއްލޭގޮތަށް ކަމަށެވެ. އެގޮތަށް ނިޒާމު ކަނޑައަޅައިގެން ޖަލްސާ ހުއްޓާ ނުލައި ކުރިއަށް ގެންދަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖާބިރު ނެންގެވި ނިޒާމީ ނުކުތާގައި ވިދާޅުވީ، އޭނާއަކީ އަހުލާގު ރަނގަޅު މީހެއްކަން މިއަދުގެ ޖަލްސާގެ ކަންތައް ދިޔަގޮތުން އެނގިއްޖެ ކަމަށާއި ކުރިއަށް އޮތް އިންތިހާބު ރައީސް އިބްރާހިމް ސޯލިހު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށެވެ. ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ ވިދާޅުވީ، މަޖިލީހަށް އަންނަނީ މުސާރަ ހަލާލުކުރަން ކަމަށެވެ. ނަމަވެސް ޒާތީ ޒުވާބެއްގައި ތާށިވެ، މަޖިލިސް ކުރިއަށްނުދާ ކަމަށާއި މިތަނަށް ވަދެވޭތީ ލަދުން ބޯ ހަލާކުވާ ކަމަށެވެ.

ޖަލްސާގެ އެންޖެޑާއާ ބެހޭގޮތުން މެންބަރުން ފާހަގަ ކުރެއްވި މައްސަލައިގައި، އަފީފު ވިދާޅުވީ ޖަލްސާގެ އެޖެންޑާ ކަނޑައަޅަނީ މަޖިލިސް ރައީސް ކަމަށާއި މިއަދުގެ އެޖެންޑާއަކީވެސް އެގޮތަށް އޮތް އެޖެންޑާއެއް ކަމަށެވެ. އަދި "އަޅުގަނޑަށް ގެންދެވޭނީ މަޖިލިސް ރައީސް ދީފައިވާ އެޖެންޑާއެއް،" ކަމަށްވެސް ވިދާޅުވިއެވެ.

އެ މެންބަރުން ނިޒާމީ ނުކުތާ ނަންގަވަމުން ގެންދެވިއިރު، މެންބަރުންގެ ހަޅޭކާއި ޒުވާބުގެ އަޑު ގަދަވެގެން އުނދަގޫވާ ހިސާބަށް ދިޔައެވެ. ރުޅިގަދަވެގެން އިދިކޮޅު ބައެއް މެންބަރުން އެމްޑީޕީ މެންބަރުންގެ މޭޒު ކައިރިއަށް ވަޑައިގެން ޒުވާބު ކުރައްވައި މައިކު އަތުލައްވައި، ހެއްދެވިތަން ފެނުނެވެ. އަވަގުރާނަ ގޮވާ އަޑާއި ވަގަށް ގޮވާ އަޑުވެސް އިވެއެވެ. އޭގެ އިތުރުން، އަހުލާގީގޮތުން ދަށު ދަރަޖައިގައި މުހާތަބުކޮށް ހަޅޭއްލަވަމުން ގެންދެވިއެވެ. ބައެއް މެންބަރުން، ރާ ބައްލަވާ ކަމުގެ ތުހުމަތުތަކެއްވެސް ކުރައްވަމުން ގެންދެވިއެވެ.

އެގޮތަށް މަޖިލިސް ޖަލްސާ ކުރިއަށް ގެންދިޔަ ނުދިނުމަށް މެންބަރުން ކުރެއްވި މަސައްކަތުގެ ތެރެއިން، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުއްލި މައްސަލަ ހުށަހަޅުއްވަން ފެއްޓެވުމުން، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ޝަރީފް ކައިރިއަށް ވަޑައިގެން މައިކު އަތުލެއްވުމުގެ އިތުުރުން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު ވެސް ޝަރީފުގެ މޭޒުކައިރިއަށް ވަޑައިގެން މައިކު ކަނޑުއްވައިލެއްވިއެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވުމުން ވެސް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ޝަރީފްގެ މޭޒުކައިރިއަށް ވަޑައިގެން މައިކު އަތުލެއްވިއެވެ. މި ކަންތައްތަކާ މެދު ވެސް ރިޔާސަތުން ފިޔަވަޅެެއް ނާޅުއްވައެވެ. އެންމެ ފަހުން ޖަލްސާ ކުރިޔަށް ނުގެންދެވިގެން ދެވަނަފަހަރަށް ވެސް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ނިޒާމީ މައްސަލަ ނަންގަވައި، ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރައްވައިގެން މައްސަލަ ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އެ ނިޒާމީ މައްސަލަ ބަލައިގަނެ، ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް އަފީފު އަނެއްކާވެސް 10 މިނެޓަށް ޖަލްސާ މެދުކަނޑާލެއްވިއެވެ. އެއަށްފަހު ޖަލްސާ ފެށުމުން، ޖަލްސާ ކުރިއަށް ގެންދިޔަނުދިނުމަށް، އިދިކޮޅު މެންބަރުންނާއި، ފިކުރެއްގެ ދިރުމުގެ މެންބަރުން، އަޑުގަދަ ކުރައްވަމުން، މަޖިލީހުގެ ރިޔާސަތުގެ ކުރިމަތީގައި އެތުރިވަޑައިގަތެވެ.

އެ މެންބަރުންނަށް ގޮނޑިކޮޅުތަކުގައި އިށީންނެވުމަށާއި، ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް އަންގަވައި، މަޖިލީހުގެ ނިޒާމު ގާއިމު ކުރެއްވުމަށް އަފީފު މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ކުއްލި ފޯންކޯލެއް އައެވެ. އެ ފޯނު ކޯލަށް އަފީފު "އާދެ ނިންމާލަނީމި، ނިންމާލަން މިއުޅެނީ،" ކަމަށް ވިދާޅުވުމަށްފަހު، މަޖިލީހުގެ ނިޒާމު ގެއްލިފައިވާތީ ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށް ވިދާޅުވެ 11:23 ގައި މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިންމަވައިލެއްވިއެވެ.

އިއްޔެގެ ޖަލްސާ ކިތަންމެ ހޫނުވެގެން ދިޔަ ނަމަވެސް އެހެން ދުވަސްތަކާ ހިލާފަށް، އަފީފު ފެނިގެން ދިޔައީ ވަރަށް ހަމަޖެހިވަޑައިގެން ރިޔާސަތުގައި އިންނެވިތަނެވެ. ކޮންމެވެސް ފަރާތެއްގެ އޯޑަރަށް ގަންތައް ކުރިއަށް ގެންދަވަން ހަމަޖެހިފައިވާތީ ކަމަށްވެސް ވެދާނެއެވެ. އަމިއްލަ އިޚުތިޔާރުގައި ކުރައްވާ ކަމެއްގެ ގޮތުގައެއް މަންޒަރެއް ނުފެނުނެވެ. އައި ފޯނަކުން ޖަލްސާ ނިންމަވައިލެއްވީރު، މެންބަރެއްގެ ނަން އިއްޔެ ނީއްވެވީ، އެފަދަ އޯޑަރެއްވެސް ނައިސްގެން ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. ރިޔާސަތުގައި ފެންނާން އިނީ އަފީފު ނަމަވެސް އަސްލު "ބޮސް" އަކީ އެހެން ބެފުޅެއް ކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފައެވެ.