އުމުރުން 19 އަހަރުގެ އިންގްލެންޑް މިޑްފީލްޑަރު ޖޫޑް ބެލިންހަމްގެ ސޮއި ހޯދިކަން ރެއާލް މެޑްރިޑުން މިއަދު ރަސްމީކޮށް އިއުލާނު ކޮށްފިއެވެ.

ރެއާލްއިން މިއަދު ރަސްމީކޮށް ނެރުނު ބަޔާނެއްގައި ބުނީ ބެލިންހަމް ގެންދަން ޑޯޓުމަންޑާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި ބެލިންހަމް ރެއާލްއާ އެކު އެއްބަސްވީ ހަ އަހަރު ދުވަހުގެ އެއްބަސްވުމަކަށް ކަމަށެވެ. ބެލިންހަމް ގެންދިޔަ އަގު ރަސްމީކޮށް ރެއާލްއިން ހާމަކޮށްފައިނުވާ އިރު، ބީބީސީ ސްޕޯޓްސްއިން ބުނީ ބެލިންހަމްގެ ޓްރާންސާގެ އަގު އެކުޖުމުލަ، 115 މިލިއަން ޕައުންޑަށް އަރާނެ ކަމަށެވެ.

ބެލިންހަމް ވޯލްޑް ކަޕްގައި ރަނގަޅަށް ކުޅެފައިވުމާއެކު އޭނާގެ ކްލަބު، ޑޯޓުމަންޑުން ވަނީ ފުރަތަމަވެސް ބޮޑު އަގެއް ޑިމާންޑް ކޮށްފައެވެ. ޑޯޓުމަންޑުން ބެލިންހަމްއަށް 129 މިލިއަން ޕައުންޑް ކިޔާފައިވާ އިރު، ލިވަޕޫލް ފަދަ ކްލަބުތަކުން އޭނާ ހޯދުމުގެ ރޭހުން ބޭރުވީ އަގުބޮޑުވުމުންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ބެލިންހަމް ގެންދަން ރެއާލްއިން ފުރަތަމަ ހުށަހެޅީވެސް ގާތްގަނޑަކަށް 86 މިލިއަން ޕައުންޑްގެ އަގެކެވެ.

އެއަގާއެކުވެސް ޑޯޓުމަންޑުން މަޝްވަރާ ކުރަން ބޭނުންވި އިރު، ދެ ކްލަބަށް އެއްބަސްވެވުނު ޓްރާންސްފާ ފީއަކީ 88.5 މިލިއަން ޕައުންޑެވެ. އެ އަގު ޑޯޓުމަންޑުން ވަނީ އިއުލާނު ކޮށްފައެވެ.

ބެލިންހަމް އުމުރުން 17 އަހަރުގައި ޑޯޓުމަންޑަށް ދިޔައީ އިނގިރޭސި ދެވަނަ ޑިވިޝަނުގައި ބާމިންހަމްއަށް ސީޒަނެއް ކުޅުމަށްފަހުއެވެ. ޑޯޓުމަންޑުން ބެލިންހަމް ގެންދިޔައީ 25 މިލިއަން ޕައުންޑުގެ އަގަކަށެވެ. އެ އަގަކީ 17 އަހަރުގެ ކުޅުންތެރިޔަކަށް ރެކޯޑު އަގެކެވެ. ބެލިންހަމް އެއް ސީޒަނަށް ބާމިންހަމްގައި ކުޅުމަށްފަހު ކްލަބު ދޫކޮށްލުމާ އެކު ބާމިންހަމްއިން އޭނާގެ ޖާޒީ ނަންބަރު ރިޓަޔާކޮށްފައިވާ އިރު، އެކަމަށް ވަނީ ފާޑު ކިޔުންތައްވެސް އަމާޒުވެފައެވެ.

ބެލިންހަމް ނިމިދިޔަ ސީޒަނުގައި ކުޅުނު 42 މެޗުގައި 14 ގޯލު ޖަހައި ހަތް އެސިސްޓް ފުރިހަމަ ކޮށްފައިވެއެވެ. އޭނާއަކީ ނިމިދިޔަ ޖަރުމަނު ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.