ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާއާމެދު ހިތްހަމަނުޖެހިގެން، މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ފިކުރެއްގެދިރުމުގެ މަޖިލިސް މެންބަރުންނާއި އިދިކޮޅު މެންބަރުން ޖަލްސާ ކުރިއަށް ގެންދަން ހުރަސް އެޅުމުން، ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށްގެން ޖަލްސާ ކުރިއަށް ގެންދާނެގޮތެއް ކަނޑައެޅުމަށް މަޖިލިސް ޖަލްސާ މެދުކަނޑާލައިފިއެވެ.

އެ މެންބަރުން ޖަލްސާގެ އެޖެންޑާއާ މެދު ހިތްހަމަޖެހިވަޑައިނުގަތީ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ގެނައި ބަދަލު ފާސް ކުރަން އެޖެންޑާ ކޮށްފައިވާ މައްސަލައާ ގުޅިގެންނެވެ.

މިއަދުގެ ޖަލްސާގައި ފުރަތަމަ ނެންގެވި ނިޒާމީ މައްސަލައާ އެކު، 20 މިނެޓް ދުއްވައިލެއްވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ފާހަގަ ކުރައްވަން އުޅުއްވީ އެ މައްސަލަ އެޖެންޑާ ކޮށްފައިވަނީ އެ މެންބަރުންނާ މަަޝްވަރާ ނުކުރައްވާ ކަމަށެވެ.

ނަމަވެސް ނިޒާމީ މައްސަލައެއް ނައްގަވައި އަލީ އާޒިމް ފާހަގަ ކުރެއްވީ މަޖިލިސް ގަވާއިދުގެ 54 ވަނަ މާއްދާގެ (ށ) އެވެ. އެ މާއްދާގައި ބުނަނީ ޖަލްސާގެ އެޖެންޑާގައި ހިމަނާނީ އެ ޖަލްސާއެއްގައި ނިންމުމަށް އެދި ނުވަތަ ކުރުމަށް އެދި ހުށަހަޅާ ކަންކަމެވެ. އަދި އެ ކަންކަން ސާފުކޮށް އެނގޭނެ މިންވަރަށް އަދި އެ ކަންކަން ނިންމުމަށް ނުވަތަ ކުރުމަށް އެދޭ ތަރުތީބުވެސް އެޖެންޑާގައި އެނގެން އޮންނަންވާނެ ކަމަށެވެ.

އަލީ އާޒިމްގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވެސް އެ މައްސަލަ ފާހަގަ ކުރެއްވިއެވެ.

މެންބަރު ޒާހިރު ވިދާޅުވީ، އަލީ އާޒިމް ދެއްކެވީ ރަނގަޅު ވާހަކައެއް ކަމަށާއި މަޖިލީހުގައި ތިއްބެވި އަމިއްލަ މެންބަރުންނާ މަޝްވަރާ ނުކޮށް ކޮމިޓީތަކުގެ މައްސަލަ އެޖެންޑާ ނުކުރެވޭނެ ކަމަށެވެ.

ބޮންޑެ ވިދާޅުވީ، މަޖިލީހުގެ ގަވާއިދުތަކަށް ބަދަލު ގެނައުމަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް މަޖިލިސް ކޮމިޓީތައް އެކުލަވާލުމަން ހުށަހަޅާފައިވާ ގޮތުން ސަރުކާރު ޖަވާބުދާރި ކުރުވުމުގައި މައްސަލަ ދިމާވާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކޮމިޓީތައް އެކުލަވާލަން ހުށަހަޅާފައިވާ ގޮތް ހިތްހަމަނުޖެހޭކަން ފާޅު ކުރައްވައި ހަސަން ލަތީފް ވިދާޅުވީ، ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ ޖަލްސާގެ ރިޔާސަތުން މަޖިލީހަށް ހުށަހަޅާ އިރު އެކަން އޮތްގޮތް މެންބަރުންނަށް ސާފުވާން ޖެހޭނެ ކަމަށެވެ. އަދި ޕާޓީތައް އެކުލަވާލުމުގައި މަޖިލީހުގައި މެންބަރުން ހިމެނޭ ނިސްބަތުން ޕާޓީތަކަށް ޕަސެންޓް ދެނީ ކޮން ގޮތަކަށްތޯ ވެސް ސުވާލު ކުރެއްވިއެވެ.

ކޮމިޓީތަކުގެ މައްސަލަ އޮތީ އެޖެންޑާގެ 6.1 ގައި ކަމުން ޖަލްސާގައި ރިޔާސަތުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، ޖަލްސާ އެޖެންޑާގެ އެހިސާބަށް ދިއުމުން އެ މައްސަލަ ނެންގެވުމަށެވެ.

އެ މެންބަރުން ނިޒާމީ ނުކުތާ ނަންގަވަމުން ގެންދެވި އިރު، މެންބަރުންގެ ހަޅޭކާއި ޒުވާބުގެ އަޑު ގަދަވެގެން އުނދަގޫވާ ހިސާބަށް ދިޔައެވެ. ރުޅިގަދަވެގެން އިދިކޮޅު ބައެއް މެންބަރުން އެމްޑީޕީ މެންބަރުންގެ މޭޒު ކޮޅުކައިރިއަށް ވަޑައިގެން ޒުވާބު ކުރައްވައި މައިކު އަތުލައްވައި، ހެއްދެވިތަން ފެނުނެވެ. އަދި އަވަގުރާނަ ގޮވާ އަޑާއި ވަގަށް ގޮވާ އަޑުވެސް އިވެއެވެ. އޭގެ އިތުރުން ގަޔަށްބޮލަށް ނޭރުންފަދަ އަހުލާގީގޮތުން ދަށު ދަރަޖައިގައި މުހާތަބުކޮށް ހަޅޭއްލަވަމުން ގެންދެވިއެވެ.

އެގޮތަށް މަޖިލިސް ޖަލްސާ ކުރިއަށް ގެންދިޔަ ނުދިނުމަށް މެންބަރުން ކުރެއްވި މަސައްކަތުގެ ތެރެއިން، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުއްލި މައްސަލަ ހުށަހަޅުއްވަން ފެއްޓެވުމުން، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ޝަރީފް ކައިރިއަށް ވަޑައިގެން މައިކު އަތުލެއްވިއެވެ. އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވުމުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވެސް ޝަރީފްގެ މޭޒުކައިރިއަށް ވަޑައިގެން މައިކު އަތުލެއްވިއެވެ.

މި ކަންތައްތަކާ މެދު ރިޔާސަތުން އެއްވެސް ފިޔަވަޅެއް އަޅުއްވައިފައެއް ނުވެއެވެ.

އެންމެ ފަހުން ޖަލްސާ ކުރިޔަށް ނުގެންދެވޭ ގޮތް ވުމުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ނިޒާމީ މައްސަލަ ނަންގަވައި، ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރައްވައިގެން މައްސަލަ ހައްލުކޮށްގެން ޖަލްސާ ކުރިއަށް ގެންދެވުމަށް ހުށަހެޅުއްވިއެވެ.

އެ ނިޒާމީ މައްސަލަ ބަލައިގަނެ، ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް އަފީފު ޖަލްސާ މެދުކަނޑާލެއްވިއެވެ.