ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އީވާ އަބުދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން އެޖެންޑާކޮށްފައި އޮތް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތަށް ވަޑައިނުގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނެވީ މަޖިލީހުގެ ކުޑަ ދަށުގައިކަމަށް މެންބަރުން ވިދާޅުވެއްޖެއެވެ.

ނަން ނުޖެހުމަށް އެދިވަޑައިގެން ވަން އޮންލައިން އަށް މައުލޫމާތު ދެއްްވަމުން އެ ވަގުތު މަޖިލިސް ތެރޭގައި ހުންނެވި މެންބަރަކު ވިދާޅުވީ، މަޖިލިސް ރައީސް ރިޔާސަތަށް ވަޑައިނުގަންނަވައިގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަން އަމީން އާއްމު ފާތިމަތު ނިއުޝާ އިއުލާނު ކުރެއްވިއިރު، ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނާއެކު އެ މަނިކުފާނު އިންނެވީ ކުޑަ ދަށުގައި ކަމަށެވެ.

އެއަށްފަހު މަޖިލީހުގެ އެހެން މަސައްކަތްތަކުގައި މަޖިލިސް ރައީސް ބައިވެރިވެވަޑައިގަންނަވަމުން ގެންދެވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މަޖިލިސް ގަވާއިދުގައި އެ މަނިކުފާނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާ ނުކުރައްވައި، ގާތް މެންބަރުންނާއެކު އެ މަނިކުފާނު އިންނެވީ ކުޑަ ދަށުގައި،"

މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނަނީ، މަޖިލީހުގެ ނާއިބު ރައީސްގެ މަގާމުން ވަކި ކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ، ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު މިއަދު ވިދާޅުވީ، ނައިބު ރައީސް އީވާ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް، އެ މާއްދާގައި ބުނެފައިވާ ގޮތަށް، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައިދެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިއްޔެ، (12 ޖޫން) ގައި ފޮނުވި ސިޓީއަކުން ދެންނެވި ކަމަށެވެ.

"ނަމަވެސް މިހާރު ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރާ މެދު ވަކިގޮތެއް ކަނޑައަޅައި ނުނިމެނީސް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މައްދާގެ (ބ) ގެ ދަށުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރު އެޖެންޑާ ކުރާ، މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ރައީސް އުޒުރުވެރިވެވަޑައިގަންނަވާކަން އިއްޔެ (12 ޖޫން) ގައި އެމަނިކުފާނު ފޮނުއްވި ސިޓީފުޅުގައި އަންގަވާފައިވޭ،"

އެހެންކަމުން މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާ ގުޅޭގޮތުން ގޮތެއް ކަނޑަނޭޅެނީސް މިޖަލްސާ ކުރިއަށްގެންދެވެން ނެތް ކަމަށް ނިއުޝާ ވިދާޅުވިއެވެ. އޭގެ ފަހުން މިއަދު ޖަލްސާ ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.