Close Election
Close
ކޮލަމް

އެއްގޮތަކީ އެތެރެކުރުން ހުއްޓާލުން އަނެއްގޮތަކީ އިސްޓިކާ ޖެހުން ހުއްޓާލުން!

ސިނާން އަލީ

ހަސަނު: މަ މި ކިޔަނީ، ވަކި މާލޭގެ ވާހަކަ ދައްކާނެ ކަމެއްނެތޭ! މިހާރު ހުޅުމާލޭންވެސް ޕާކުކުރާނެ ތަނެއް ނުލިބެޔޭ، ދެން ކިހިނެއްހޭ ހަދަންވީ!

(ހަސަނު މިއަދު އެހުރީ ހަބޭހަށް ރުޅިގަދަވެފައެވެ. ކޮންމެވެސް ކަންތައްގަނޑެއް ލައިގަތީއެވެ. އެވާހަކަ އިތުރަށް ދައްކައިފިއްޔާ އޭނާ ވާނީ ހައްތަހާ ރުޅިގަދައެވެ. އެންމެ ރަނގަޅު ވާނީ އެއްކޮޅަށް ވާހަކަދެއްކިއްޔާއެވެ.)

މަ: އަސްލުވެސް ހަސަނާ! ތީ ބްރޯ މި މުޅި އަހަރުވެސް ދެއްކި އެންމެ ރަނގަޅު ވާހަކަ. މަ ތިކަމާ 100 ޕަސެންޓު އެއްބަސް.

ހަސަނު: ހެވޭ، މަމި އަހަނީ ކޮބާހޭ ހައްލަކީ! ކިހިނެއްހޭ ދެން ހަދަންވީ! މަގޭ ސައިކަލު ވައްދަންވީ ކޮންތާކަށްހޭ! ކޮންމެހެން މަމިދައްކާ ވާހަކަޔަށް އެއްބަސް ނުވިޔަސް އޯކޭއޭ!

ހަސަނުގެ ރުޅިގަނޑު ފަޅައިގެންދިޔައެވެ. ދެން ބުނާތް އޮތް ވާހަކައިން ވާނެ ގޮތެއްވެސް ނޭނގެއެވެ.

މަ: ހަސަނާ ބްރޯ ކޫލް ވެބަލަ! ތިކަމަށް މަށަށް ފެންނަނީ ދެތިން ހައްލެއް. ކޮންމެ ގޮތެއް ވިޔަސް މިހާރު ތިކަން ތިއޮތް ހިސާބުން އެއްވެސް ސަރުކާރަކަށް ތިކަމެއް ނުވިއެއްނު! ނުވެސް ވާނެ. މަގުތައް އިތުރުކުރެވޭކަށް ނެތެންނު! މަށަށް ފެންނަ އެއް ހައްލަކީ އެތެރެ ކުރެވޭ މިންވަރު ވަގުތުން ވަގުތަށް ކޮންޓްރޯލުކުރުން. އަނެއް ކަމަކީ ހަމަ ވަގުތުން ވަގުތަށް އިސްޓިކާ ޖެހުން ހުއްޓާލުން! ބްރޯގެ އެމްޕީ ކައިރީވެސް މިވާހަކަ ދައްކަންވީ!

ހަސަނު: އޯކޭ! މަމި ނައްޓާލީ. މިވާހަކަ ދެއްކިއިރުވެސް މީ ބޭކާރު ވާހަކައެއްކަން އެނގޭ. މާދަން ހަވީރު ސަޔަށް ގުޅާނަން!

ބޭކާރު ވާހަކައެކޭ ހަސަނު އެ ބުނީ އޭނާ ނާއުއްމީދުވެފައި ހުރީމައެވެ. އެކަމަކު ހަސަން އެ ދައްކަނީ ސީރިއަސް ވާހަކައެކެވެ.

ބޮޑެތި ލޮރީތައް ފުރާ މާލޭ ކަސްޓަމުން ސައިކަލު ނުނެރޭ ދުވަހެއް މަދުވާނެއެވެ. އައްޑީ ސިޓީއާއި ކުޅުދުއްފުށީ ބަނދަރަށްވެސް ސައިކަލާއި ކާރު ކޮންޓެއިނާތައް ހުސްނުކުރާ ދުވަހެއް މަދުވާނެ އެވެ. އެތައް ސަތޭކަޔަކުން، އެތައް ހާހަކުން ކޮންމެ މަހަކު މި އެތެރެވާ ވެހިކަލްތަކުގެ ބޮޑުބައެއް އަރުވަނީ އެންމެ ދެ ކިލޯ މީޓަރުގެ މާލެއަށެވެ.

މާލޭގައާއި ހުޅުމާލޭގައި މިހާރު އޮތީ މާ މޮޅު ގޮތެކެވެ. ކުރީން އޮންނަގޮތުން، ގިނަ މަގުތަކުގައި ކޮންމެވެސް އެއް ފަޅިއެއްގައި ޕާކު ކުރެވޭނެ އެވެ. އެކަމަކު މާލޭގައާއި ހުޅުމާލޭގެ ވެސް ގިނަ މަގުތަކުގައި މިހާރުވަނީ ޕާކިން މަނާ ރޮނގު ދަމައިފަ އެވެ. މާނައަކީ އެ މަގުތަކުގައި މިހާރު ސައިކަލުވެސް ޕާކެއް ނުކުރެވޭނެ އެވެ. ކުރީން ސައިކަލު ޕާކުކުރަން ފަސޭހަކަމާއެކު ޖާގަ ލިބުނަސް، މިހާރު އެއީވެސް ބޮލުރިހުމެކެވެ. ކާރު ޕާކިންއަށް އޮތީ އަދި މާ މޮޅު ގޮތެކެވެ. ކޮންމެ ކާރެއް ރަޖިސްޓަރީކުރާން 60 ހާހުގެ ގަރާޖު ސިޓީއެއް ހުށަހަޅަން ޖެހެ އެވެ. އަނެއްކޮޅުން ހަމަ އެ ކާރުތައް ބާއްވަން މަގުމަތީންވެސް ފޫޓު ކަނޑައި ޖާގަ ވިއްކަނީ އެވެ. މިއީވެސް މަޖާ ކަމެކެވެ. އެއްކަލަ 60 ހާހުގެ ގަރާޖު ވީތަނެއް އެނގޭ މީހަކު ނުހުރެއެވެ. ހޭވެސް އަހައިލާނެ މީހަކު ނުހުރެއެވެ.

އެއްކޮޅުން އެތެރެ ކުރާނެ ވަރަކަށް އެތެރެ ކުރާންވީ އެވެ. އެކަމަށް އެއްވެސް ހުރަހެއް ނެތެވެ. ގަރާގު ސިޓީވެސް ލިބެއެވެ. ހުށަހަޅާ ހުރިހާ އެއްޗެއް ރަޖިސްޓަރީވެސް ކޮށްދެއެވެ. އެކަމަކު މި ހުރިހާ ވެހިކަލްތައް ދުއްވާނީ ކޮންތާކު ހެއްޔެއެވެ؟ އެތެރެކުރާހާ އެއްޗެއް މާލޭގައި ދުއްވާން ހުއްދަ ދޭއިރު، މާލޭގެ ބޮޑުމިނަކީ އެންމެ ދެކިލޯ މީޓަރެވެ. މާލޭގެ ޖުމުލަ ސައިޒުން މަގުތަކަށް ޖެހޭ ނިސްބަތް ކަނޑާލީމާ ވެހިކަލް ބަހައްޓާނޭ ތަނެއް ހުންނާނެ ހެއްޔެވެ؟ އެތެރެކުރުމުގެ ހުއްދަ ދީފައި، ރަޖިސްޓްރީ ކޮށްދީފައި، ހުރިހާ މަގެއް ނޯ ޕާކިންއަށް ހެދީމާ ފުދޭ ހެއްޔެވެ؟ މަގުތައް ހުސްކޮށްފައި ގަރާޖު އޮތް މީހުނަށް މަގުތައް ވިއްކީމާ ވޭ ހެއްޔެވެ؟

ކިތަންމެ ރުޅި ގަދަޔަސް ހަސަނަކީ "އަސްލު" މައްސަލައިގެ ވާހަކަދައްކާ މީހެކެވެ. އޭނާ ރުޅި ގަދަވަނީވެސް ކަންކަން އިސްލާހު ނުވީމައެވެ. ބޮއްސުންލީމަ އެވެ. ޕާކުކުރެވޭނެ ގޮތެއް ނެތީމައެވެ. މީހަކަށް އުނދަގޫ ނުވާނެ ގޮތަކަށް ވިޔަސް، ޒޯނެއްގެ ބޭރުގައި ޕާކު ކޮށްލައިތޯ ބަލަން ފާރަވެރީންގެ ގޮތުގައި ފުލުހުން ތިބޭތީ އެވެ. އެ ޖަހާހާ އިސްޓިކާއަށް ދައްކާނެ ފައިސާ އޭނާ ނުހުންނާނެތީއެވެ. އަމުދުން، މި މައްސަލައަށް ރަނގަޅު ހައްލެއް ހޯދުމުގެ ހެޔޮ ނިޔަތް އެއްވެސް މުއައްސަސާއެއްގައި ނެތުމަކީ ހަސަނުގެ އެންމެ ބޮޑު ޝަކުވާއެވެ.