އިންޑިއާގައި މި މަހުގެ 21 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ އިންޑިއާ އާއި ލުބުނާނުން ވާދަކުރާ ހީރޯ އިންޓަކޮންޓިނެންޓަލް ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ އިންޑިއާއިން ހޯދައިފިއެވެ.
މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އިންޑިއާގެ ބުބަނެސްވާރުގެ ކަލިންގާ ސްޓޭޑިއަމްގައި ކުޅެމުން އަންނަ އިންޓަކޮންޓިނެންޓަލް ކަޕުގައި ވާދަކުރަމުންދަނީ ހަތަރު ގައުމަކުންނެވެ. މީގެ ކުރިން ދެ ފަހަރު ބާއްވާފައި އޮތް މުބާރާތް މި އަހަރުގެ ސާފްގެ ކުރިން ބާއްވަން އިންޑިއާ އިން ތާވަލުކޮށްފައި ވަނީ އެ މުބާރާތަށް ރަނގަޅަށް ތައްޔާރުވުމަށެވެ. މި ފަހަރުގެ މުބާރާތުގައި ސާފްގައި ވާދަކުރާ ލުބުނާނާއި އިންޑިއާގެ އިތުރުން ދެން ވާދަކުރަނީ ވަނުއަޓޫ އާއި މޮންގޯލިއާއެވެ.
މިރޭ އިންޑިއާއިން ވަނުއަޓޫއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ދެމެޗުން ދެ މޮޅު ހޯދައި، އިންޑިއާ ވަނީ މުބާރާތުގެ ފައިނަލް ޔަގީން ކޮށްފައެވެ. އިންޑިއާއިން ފުރަތަމަ ކުޅުނު މެޗުގައި 2-0 އިން މޮންގޯލިއާވެސް ބަލިކޮށްފައިވާ އިރު، ފައިނަލުގެ ފުރުސަތު ދެން އެންމެ ބޮޑުކޮށް އޮތް ލުބުނާނުން ވަނީ ފުރަތަމަ ކުޅުނު މެޗުގައި ވަނުއަޓޫ 3-1 އިން ބަލިކޮށް، މޮންގޯލިއާ ކައިރީ ގޯލެއް ނުޖެހި އެއްވަރު ވެފައެވެ.
އިންޑިއާގެ ގޯލު މިރޭގެ މެޗުގައި އެޓީމަށް ޖަހައިދިނީ ކެޕްޓަން ސުނިލް ޗެތުރީއެވެ. ޗެތުރީ މިރޭގެ ގޯލަށްފަހު އުފާފާޅުކުރީ ބޯޅަ ޖާޒީގެ ދަށަށް ލައިގެން "ފުޓުބޯޅައިގެ ބޭބީ" ސެލެބްރޭޝަނާއެކުގައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޗެތުރީ ބުނީ ސެލެބްރޭޝަނުން ދޭން ބޭނުންވި މެސެޖަކީ އަންހެނުން ބަނޑުބޮޑު ވާހަކަ ކަމަށާއި އޭނާގެ ސަޕޯޓަރުންނަށް އަންހެނުން ބަނޑުބޮޑުކަން އެކަހަލަ ގޮތަކަށް ހާމަކުރަން ނިންމީ އަންހެނުން އެކަމަށް ބޭނުންވެގެން ކަމަށެވެ.
އިންޑިއާއާ ދެކޮޅަށް އިންޓަކޮންޓިނެންޓަލް ކަޕްގެ ފައިނަލުގައި ނުކުންނަ ޓީމެއް އެނގޭނީ ލީގު ބުރުގެ ފަހު މެޗުތަކަށްފަހުއެވެ. އިންޑިއާއިން ދެން ލުބުނާނާ ދެކޮޅަށް ނުކުންނަ އިރު، ވަނުއަޓޫ ދެން ނުކުންނާނީ މޮންގޯލިއާއާ ދެކޮޅަށެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023