ނޭޕާލުގެ އެތައް ރައްޔިތުންނެއްގެ އަދި ކުޅުންތެރިންގެވެސް ހުވަފެނަކީ ސާފް ޗެމްޕިއަންޝިޕްގެ ތަށި ނަމަވެސް އެކަން ކުރުމަށް މިހާރު އޮތީ ޗެލެންޖިން މަގެއް ކަމަށް ކެޕްޓަން ކިރަން ކުމާރު ލިމްބޫ ބުނެފިއެވެ.
ރާއްޖޭ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް ކްލަބަށްވެސް ކުޅުނު ނޭޕާލްގެ ކެޕްޓަން ކިރަންއަކީ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. ރާއްޖޭގައި އެންމެފަހުން 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ނޭޕާލް ގެންގޮސްދިނުމުގައިވެސް ކިރަން މުހިންމު ދައުރެއް އަދާކޮށްފައިވާ އިރު، ނޭޕާލަށް މިހާތަނަށް ސާފް ޗެމްޕިއަންޝިޕް ހޯދިފައެއް ނުވެއެވެ. އަދި ރާއްޖޭގައި ކުޅުނު ފައިނަލަކީ އެ ގައުމުގެ ތާރީހުގައިވެސް ކުޅުނު ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ފައިނަލެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނޭޕާލް ތައްޔާރުވި އިރު، ގައުމީ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފަރިތަކުރުންތަކަށް ކުޅުންތެރިން ނުލިބުމެވެ. ނޭޕާލް ލީގު މިދިޔަ ހޮނިހިރު ދުވަހު ނިމިފައިވާ އިރު، ލީގު ނުނިމެނީސް ތަމްރީނުތަކަށް ކުޅުންތެރިން ފޮނުވަން އޭ ޑިވިޝަން ލީގުގެ ކްލަބުތަކުން ދެކޮޅު ހެދިއެވެ.
ނޭޕާލްގެ އިޓަލީ ކޯޗު ވިންސެންޒޯ އަލްބާޓޯ އަނޭސޭ އާއެކު ގައުމީ ޓީމަށް އަމިއްލަ ގައުމުގައި އެއްކޮށް ކުރެވުނީ އެންމެ ދެ ޕްރެކްޓިހެވެ. ގައުމުގައި އެންމެ ދެ ސެޝަނެއް ކުރިއަށް ގެންދިއުމަށްފަހު ނޭޕާލް މިއަދު ފިލިޕީންސަށް ފުރާނެއެވެ. އެއީ އެ ގައުމުގައި އެކުވެރިކަމުގެ މެޗެއް ކުޅުމަށެވެ.
"ދައުވަތު ދީގެން ސާފްގައި ކުޅޭ ދެ ޓީމުގެ ސަބަބުން މުބާރާތުގެ ފެންވަރު ރަނގަޅުވާނެ. ޓީމުގައި މިހާރު އެބަ ތިބި އާ ވަރަށް ބައިވަރު ކުޅުންތެރިންތަކެއް. އަދި ބައެއް މުހިއްމު ތަޖުރިބާކާރު ކުޅުންތެރިން މިހާރު އެހެން ގައުމުތަކުގައިވެސް ދިރިއުޅެމުން އެބަދޭ. ޓީމު އެކުލަވާލައިގެން ތަމްރީނުތައް ފުރިހަމަކުރަން މި ލިބުނީ ވަރަށް މަދު ދުވަސްކޮޅެއް. އެއީ ޗެލެންޖެއް،" އިންޑިއާ ލީގުގެ ކްލަބް ތަކާއެކުވެސް ކާމިޔާބީތައް ހޯދާފައިވާ ކިރަން ބުންޏެވެ.
ނޭޕާލުން ފިލިޕީންސްގައި އެކުވެރިކަމުގެ މެޗު ކުޅުމަށްފަހު ދެން ތަމްރީނު ކުރާނީ އިންޑިއާގައެވެ. އެ ގައުމުން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް އޭގައި ވާދަކުރަން ތައްޔާރުވާ އިރު، އެ ގްރޫޕްގައި ދެން ހިމެނެނީ ވަރުގަދަ އިންޑިއާއާއި ކުވައިތުގެ އިތުރުން ޕާކިސްތާނެވެ.
"މި ފަހަރު މުޅިން އަލަށް ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިންވެސް ފެންނާނެ. ހާލަތުގެ ގޮތުން މިއީ ޓަފް ފަހަރެއް. މުޅި ގައުމުވެސް އުންމީދު ކުރަނީ ސާފްގެ ތައްޓަށް. އެކަމަކު އެއީ ޗެލެންޖިން ބުރަ މަސައްކަތަކަށް ވާނެ. ނޭޕާލަށް މަސައްކަތްކޮށް އޭޝިއަން ކަޕަށްވެސް ދެވޭނެ. އަދި ސާފްގެ ތަށިވެސް ހޯދޭނެ. އެ އުންމީދު ދޫކޮށެއް ނުލާނަން،" ކިރަން ބުންޏެވެ.
ނޭޕާލުން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ކުވައިތާ ދެކޮޅަށެވެ. އެމެޗު އޮންނާނީ 21 ވަނަ ދުވަހުއެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023