ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
އީވާގެ މައްސަލަ އެޖެންޑާ ކުރުމާމެދު ސަރުކާރަށް ތާއީދުކުރާ އެމްޑީޕީ މެންބަރުންނާއި ސަރުކާރާ ދެކޮޅު މެންބަރުންގެ މެދުގައި އުފެދުނު ބޮޑު ދެކޮޅުވެރިކަމަށްފަހު، އީވާގެ މައްސަލަ މާދަމާއަށް އެޖެންޑާ ކޮށްފައި މިވަނީ، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައެވެ.
މާދަމާގެ އެޖެންޑާގައި އީވާގެ މައްސަލަ ނޫން އެހެންކަމެއް ހިމަނާފައެއް ނުވެއެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މީގެ ކުރިން ވިދާޅުވެފައިވަނީ، އެ މައްސަަލަ އެޖެންޑާ ނުކުރެވި ވަނީ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ބަހުސް ކުރާނެ ވަގުތު ކަނޑައަޅަންޖެހޭ ކޮމިޓީ ކަމަށްވާ މަޖިލީހުގެ އާއްމު ކޮމިޓީ ހުއްޓިފައިވާތީ ކަމަށެވެ.
ކޮމިޓީތައް ހުއްޓިފައި ވަނީ، އެމްޑީޕީން މަޖިލިސް މެންބަރުންތަކެއް ވަކިވުމުގެ ސަބަބުން މަޖިލިސް ތަޅުމުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ އަދަށް އައި ބަދަލުގެ ސަބަބުން ކޮމިޓީތަކުގައި މެންބަރުން ހިމަނަންޖެހޭ ނިސްބަތާމެދު ސިޔާސީ ޕާޓީތަކުގެ މެދުގައި އެއްބަސްނުވެވިގެން ކަމަަށް ނިއުޝާ ކުރިން ވިދާޅުވެފައިވެއެވެ.
ނަމަވެސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ އެންޑާގައި ހިމެނުމަށްޓަކައި މަޖިލިސް މެންބަރުންނަށް މިއަދު ފޮނުއްވި ސިޓީއެއްގައި ނިއުޝާ ވިދާޅުވެފައި ވަނީ، އާންމު ކޮމެޓީން ވަގުތު ކަނޑައަޅާފައި ނުވި ނަމަވެސް އީވާގެ މައްސަލަ އެޖެންޑާ ކުރަން ގަވާއިދު ލާޒިމް ކުރާ ކަމަށެވެ.
އެގޮތުން އިތުބާރު ނެތްކަމުގެ ގަރާރުގެ ބަހުސްގެ ވަގުތު މަޖލިސް ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ކ)ގެ ދަށުން ކަނޑައަޅާފައި ނުވި ނަމަވެސް، އެ މާއްދާގެ ނ ގައި އެ ގަރާރުގެ ނޯޓިސްދޭ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަންވާނެ ކަމަށް ގަވާއިދު ބުނާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރެއްވީ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެ ނޯޓީސްގެ 14 ދުވަހުގެ މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ 50 މެންބަރުންގެ ސޮޔާއެކުގައެވެ.
އެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ނުކުރުމުން، އެމްޑީޕީގެ މެންބަރުން ވަނީ އިހުތިޖާޖުކޮށް، އަޑުގަދަކޮށް މަޖިލިސް ނުބޭއްވޭވަރު ކޮށްފައެވެ. އެންމެފަހުން ޖަލްސާ ކުރިއަށް ނުގެންދެވިގެން މަޖިލިސް ރިޔާތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވަނީ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު