ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނީ އެމްޑީޕީ ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންދިއުމުން ކަަމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ޕީޖީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްއާއި ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފާއި ޖޭޕީގެ މެމްބަރު، ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސެއިންއާއި ދަ ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބައިވެރިވެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އަލީ އާޒިމްއާއި އަލީ ހުސެއިން ވިދާޅުވީ މަޖިލިސް ކުރިއަށް ދެވެން އޮތީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްް ކަމުގެ މައްސަލައާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ތެރެއިން ކޮންމެސް އެއް މައްސަލައެއް އަނބުރާ ގެންދިއުމުން ކަަމަށެވެ.

މަޖިލިސް ރައީސްގެ ވިސްނުންފުޅުވެސް ހުރީ އެގޮތަށް ކަމަށާއި ނަޝީދު ފޮނުއްވި މެސެޖުގައި އެކަން ފާހަގަކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު ރައީސް ނަޝީދުވެސް ގުރޫޕުގައި ލިޔުއްވާފައި އެބަ އޮތް މިސާލަކަށް ސްޕީކާގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާއްވާފައި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަންވީ، އެހެން ނޫނީ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާއްވާފައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ގެންދަންވީ، ކޮންމެވެސް އެކައްޗެއް ނަގާފައި އަނެކައްޗެއް ހިންގަންވީ ނޫންތޯ،" އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ އާޒިމު ވިދާޅުވީ މަޖިލިސް ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެެއްފަހަރާ ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ގޮތެއް ނެތް ކަމަށެވެ.

އެ މެންބަރުން އެހެން ވިދާޅުވެފއިވާއިރު، އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

އީވާގެ މައްސަލަ އެޖެންޑާ ކުރުމާމެދު ސަރުކާރަށް ތާއީދުކުރާ އެމްޑީޕީ މެންބަރުންނާއި ސަރުކާރާ ދެކޮޅު މެންބަރުންގެ މެދުގައި އުފެދުނު ބޮޑު ދެކޮޅުވެރިކަމަށްފަހު، އީވާގެ މައްސަލަ މާދަމާއަށް އެޖެންޑާ ކޮށްފައި މިވަނީ، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައެވެ. މާދަމާގެ އެޖެންޑާގައި އީވާގެ މައްސަލަ ނޫން އެހެންކަމެއް ހިމަނާފައެއް ނުވެއެވެ.