ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓަކު އެއް ވަގުތަކު، އެއް ސަރަހައްދެއްގައި ކެމްޕޭން ހަރަކާތް ހިންގުން އިލެކްޝަން ކޮމިޝަން (އީސީ) އިން މަނާކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ ރިޔާސީ އިންތިހާބުގެ ގަވައިދު އެކުލަވާލައި ގެޒެޓުކޮށްފައެވެ. އެ ގަވައިދުގައިވާ ގޮތުގައި، ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓެއްގެ ޕާޓީއަކުން އެއްވުމެއް ނުވަތަ ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެ ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކަށް ނިސްބަތްވާ ކެންޑިޑޭޓަކު ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު އެ ތަނުގައި ބައްދަލުވުމެއް އިންތިޒާމުކޮށްގެން ނުވާނެއެވެ.
ގަވައިދުގައިވާ ގޮތުގައި އިންތިހާބުގައި ކެމްޕޭން ކުރުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް އަމިއްލަ ފަރުދެއްގެ ގެޔެއްގައި ނުވަތަ ބިމެއްގައި ބަހައްޓައި، ހަރުކޮށް، ތަތްކޮށް، ނުވަތަ ދަމަންވާނީ އެ އިމާރާތެއްގެ ނުވަތަ ބިމެއްގެ ވެރިފަރާތުގެ ހުއްދަ އާއެކުގައެވެ.
ރިޔާސީ އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ.
އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ 23 އިން އޮގަސްޓް ތިނަކަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ.
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓު ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކުރި ނަމަވެސް އެމަނިކުފާނަށް އާރަށް މައްސަލައިގައި އިއްވި 11 އަހަރުގެ ޖަލު ހުކުމާއެކު އެ ފުރުސަތު މިވަގުތު އެމަނިކުފާނަށް ވަނީ ގެއްލިފައެވެ. ނަމަވެސް މަތީ މަރުހަލާގައި އެމަނިކުފާނު މިނިވަންވެވަޑައިގެންފިނަމަ، އެ ފުރުސަތު އަލުން ލިބޭނެއެވެ.
އޭގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވައިގެން އަލަށް އުފައްދަވާ ދަ ޑިމޮކްރެޓްސް ޕާޓީން ވެސް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެކަން ވަނީ އިއުލާން ކޮށްފައެވެ.
ޚަބަރު
ޚަބަރު