ރައްޔިންތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު މަގާމުން ވަކިކުރަން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިމެންދެން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތުން އެ މަނިކުފާނު އެކަހެރިވެ ވަޑައިގެންފިއެވެ.
ރައްޔިރުންގެ މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިއާއު ވަން އަށް މިއަދު ވިދާޅުވީ، މަޖިލިސް ރައީސް ޖަލްސާގެ ރިޔާސަތުން އެކަހެރިވުމާބެހޭ ސިޓީއެއް މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާއަށް ފޮނުއްވާފައިވާ ކަމަށެވެ.
މަޖިލިސް ރައީސް އަމީން އާއްމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، "އެމްޑީޕީ މެންބަރުންތަކެއް ސޮއިކުރައްވައި އަޅުގަނޑުގެ މައްޗަށް މިވަނީ އިތުބާރުނެތްކަމުގެ މައްްސަލައެއް ހުށަހަޅައިފަ، އެ މައްސަލައަށް ވަކި ގޮތެއް ނިމުމާ ހަމައަށް މަޖިލިސް ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް އަޅުގަނޑު އުޒުރުވެރިވަން،" ކަމަށެވެ.
އެމަނިކުފާނު ވިދާޅުވެފައި ވަނީ، މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގެދަށުން، އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް ކަމަށެވެ.
މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން، ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ)ގައިވާގޮތުގެމަތިން މަޖިލީހުގެ ރައީސް ކަނޑައަޅަން ވާނެ ކަމަށެވެ.
މަޖިލިސް ރައީސްގެ އެ ސިޓީފުޅުގައި ވިދާޅުވެފައިވަނީ، އިތުބާރުނެތްކަމުގެ މައްސަލައިގައި ވަކި ގޮތެއް ނިންމުމާ ހަމައަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުން އެއްކިބާވިނަމަވެސް، މަޖިލީހުގެ ގަވާއިދު ބަޔާންކުރާ މިންވަރުގައި، މަޖިލީހުގެ އެންމެހާ ކަންކަން ހިންގުމުގައި ދެމިހުންނަވާނެ ކަމަށެވެ.
"އަޅުގަނޑުގެ އިތުބާރުނެތްކަމުގެ މައްސަލަ ހިނގަމުންދާއިރު، ކަމަނާގެ މަސްއޫލިއްޔަތު ތަކަށާއި ވާޖިބުތަކަށް ކުޑަކޮށްވެސް ހުރަސް އެޅޭ ބާވަތުގެ އެއްވެސްކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" ކަމަށްވެސް އެ ސިޓީފުޅުގައި އަމީން އާއްމަށް މަޖިލިސް ރައީސް ވަނީ ދަންނަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު