ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުން މަޑުޖައްސާލަން އެދިވަޑައިގަތީ އެކަމާ ގުޅޭ ގޮތުން ޕާޓީތަކާ މަޝްވަރާކުރެއްވުމަށް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމުގެ މައްސަަލައަށް މާދަމާ ބަހުސް ފަށާ ގޮތަށް ކުރިން އޮތް ނަމަވެސް މަޖިލީހުގެ އިދާރާއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ދުވަހު ބަހުސް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް އަންގައިފައެވެ. އޭގެ ސަބަބެއް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ އެ މައްސަލައިގައި ބަހުސްކުރާނެ ގޮތެއް އާއްމު ކޮމިޓީން ކަނޑައަޅާފައި ނުވުމެވެ.
މަޖިލިސް އިދާރާގެ އެ ނިންމުމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބުދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނުނިންމައި މަޖިލީހުގައި ދެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ އަސްލަމް ވަނީ މަޖިލީހުގެ އަމީން އާންމު، އަލްއުސްތާޒާ ފާތިމަތު ނިއުޝާއަށް ސިޓީއެއް ފޮނުއްވައިފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އަސްލަމްގެ ސިޓީގެ ޖަވާބުގައި އަމީން އާންމު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ކޮމިޓީތައް އަލުން އެކުލަވާލުމަށް ވޯޓަށް އެހުން މަޑުޖައްސާލީ މަޖިލީހުގެ މެޖޯރިޓީ އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އަސްލަމް އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ.
މިކަމާއި ގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް މިރޭ ވިދާޅުވީ އެ ގޮތަށް އެދިވަޑައިގަތީ އަލުން ކޮމިޓީތައް އެކުލަވާލުމަށް އެހެން ޕާޓީތަކާއެކު މަޝްވަރާ ކުރެއްވުމަށް ކަމަށެވެ.
އެގޮތުން ބައެއް ކޮމިޓީތައް އެކުލަވާލަން ހުށަހަަޅާފައި އޮތް ގޮތުން އެމްޑީޕީއަށް އެ ކޮމިޓީތަކުގެ މެޖޯރިޓީ ގެއްލޭ ކަމަށާއި މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އެމްޑީޕީ ތަމްސީލުވާ ނިސްބަތުން ކޮމިޓީގެ ސްލޮޓް ލިބެން ޖެހޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެއީ ކޮމިޓީތަކުގެ 60 ޕަސެންޓް ކަމަށާއި ހުރިހާ ކޮމިޓީއަކުން އެ އަދަދު ލިބެން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ނާއިބު ރައީސް އީވާ އަބުދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޑުޖައްސާލަން މަޖިލީހުގެ އިދާރާއިން ނިންމި ނިންމުމާ ގުޅިގެން އަސްލަމް ވިދާޅުވީ އަލުން ކޮމިޓީތައް އެކުލަވާލެންދެން ވެސް މިހާރު އޮތް ކޮމިޓީގެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށާއި މަޖިލީހުގެ އާއްމު ކޮމިޓީ އަދިވެސް ދެމި އެބައޮތް ކަމަށެވެ.
"މިހާރު އަލުން އައި ބަދަލާއެކު ކޮމިޓީތައް އަލުން އެކުލަވާލަންޖެހޭ. އެ ކޮމިޓީތައް އަލުން އެކުލަވާލަންދެން މިހާރު ހުރި ކޮމިޓީތައް ދެމި އޮންނާނެ... އާއްމު ކޮމިޓީ ދެމި އެބައޮތް. ވަކިވި މެމްބަރުން ވަކިވިޔަސް ތިބި މެމްބަރުންނާ އެކު އެއީ އާއްމު ކޮމިޓީ،" އަސްލަމް ވިދާޅުވިއެވެ.
މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ އެ ކޮމިޓީން ވަގުތު ކަނޑައެޅުމުންނެވެ.
އާއްމު ކޮމިޓީއަކީ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގެ ބަހުސް ކުރިއަށް ގެންދާނެ ވަގުތާއި އެ ވަގުތުގެ ތެރެއިން ބަހުސް ކުރުމަށް މެންބަރުންނަށް ދޭނެ ވަގުތު ކަނޑައެޅުމާއި އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވާންޖެހޭ ފަރާތަށް ފުރުސަތު ދޭނެ ވަގުތު ކަނޑައަޅާ ކޮމިޓީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު