ދުނިޔޭގެ ތިމާވެށީގެ ދުވާހާ ގުޅިގެން އާބަންކޯއިން އިފުތިތާހުކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭނުގެ ދަށުން ހުޅުމާލެ ސާފުކުރުމަށް މިއަދު ބޭއްވި ބޮޑު ހަރަކާތް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
މިއަދު ހެނދުނު 7:30 - 10:30 އަށް ހުޅުމާލޭގައި ބޭއްވި އެ ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކާއި މާލެ ސަރަހައްދުގެ ސްކޫލްތައް އަދި އެކި ޖަމިއްޔާތަކުން ވަނީ ބައިވެރިވެފައެވެ.
އާބަންކޯ އިން މައުލޫމާތު ދޭ ގޮތުގައި މިއަދުގެ ހަރަކާތުގައި 3،000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.
މި ހަރަކާތުގައި މުޅި ހުޅުމާލޭގެ ފޭސް 1 އަދި 2 ހިމެނޭހެން މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދެއް، ޖުމްލަ ހަތް ބަޔަކަށް ބަހާލައިގެން ވަނީ ސާފުކޮށްފައެވެ.
މި ހަރަކާތަކީ ތިމާވެއްޓަކީ ސާފު އަދި ރައްކާތެރި ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އާބަންކޯއިން ތައާރަފުކޮށްފައިވާ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ބޭއްވުނު މިފަދަ ދެވަނަ ހަރަކާތެވެ.
ކޮކާ ކޯލާ، މޯޕާ، އަދި ވެމްކޯގެ އިތުރަށް އެމްޕީއެލް، އެމްއާރްސީ، ބުރުޒު ކޭޓަރިން، އަދި ވެލިގާ ހާޑްވެއާގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދިޔަ މި ހަރަކާތް ނިންމައިލުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ އިރު، އެ ރަސްމިއްޔާތުގެ ތެރޭގައި އާބަންކޯގެ ފަރާތުން ވަނީ މި ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ހާއްސަ ހަނދާނީ ފިލައެއް އަރުވައިފައެވެ.
އޭގެ އިތުރުން ތިމާވެށީގެ ރައްކާތެރިކަމަށް ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖޭގައި ވެސް ކުރިއަށްގެންދެވޭ ކަމަކަށް ހެދުމަށް އާބަންކޯގެ ފަރާތުން މިއަދު ވާނީ "ދުނިޔެ މަގޭ–ކްލީނަޕް ޗެލެންޖް" ނަމުގައި ހާއްސަ ޗެލެންޗެއް ވެސް ތައާރަފުކޮށްފައެވެ.
މި ޗެލެންޖުގައި ބައިވެރިވާ ކޮންމެ ކުންފުންޏަކުން ވެސް އެއް މަސް ދުވަސް ތެރޭގައި ސާފުކުރުމުގެ ބޮޑު ހަރަކާތެއް ބޭއްވުމަށް ފަހު އެހެން މުއައްސަސާއަކަށް ޗެލެންޖު ކުރާނީއެވެ.
އާބަންކޯއިން މިއަދު ބޭއްވި ހަރަކާތަށްފަހު ޗެލެންޖުކޮށްފައިވަނީ ސްޓެލްކޯއަށެވެ. މި ޗެލެންޖުގެ ރަމްޒެއްގެ ގޮތުގައި ކޮންމެ ކުންފުންޏަކުން ވެސް ސާފުކުރުމުގެ ހަރަކާތަށްފަހު އެ ފަރާތަކުން ޗެލެންޖުކުރާ އިދާރާއަކަށް ރަމްޒީ މަޝަންދަތި އަރުވަން ޖެހެއެވެ. އެގޮތުން މިއަދުގެ ހަރަކާތް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި އާބަންކޯގެ ފަރާތުން ވަނީ ރަމްޒީ މަޝަންދަތީގެ ފިލާ ސްޓެލްކޯއަށް އަރުވައިފައެވެ.
އާބަންކޯ އިން ބުނީ އެ ކޯޕަރޭޝަނުގެ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން މި އަހަރު ތެރޭގައި މިފަދަ އިތުރު ހަރަކާތްތަށް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު