އެތައް ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ރާއްޖޭގެ ކުރީގެ ގައުމީ ކްރިކެޓް ކޯޗް މުހައްމަދު އާސިފް އަމީން ހާންގެ މައްޗަށް 53 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން މިއަދު އިއްވައިފިއެވެ.
ކުޑަކުދިން ހިމެނޭގޮތުން ކޯޗު ކޮށްދިން އެތައް ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި، ހައްޔަރުކޮށް ސައުތު އެފްރިކާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އާސިފް އަމީން ޚާން، އަށް ޕްރޮސިކިއުޓާ ޖެނެރަލް ނުވަ ދައުވާއެއް ކުރިއެވެ. ނަމަވެސް އޭނާގެ މައްޗަށް ސާބިތުވީ ހަތް ދައުވާއެކެވެ.
ސާބިތުވި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ ގޯނާކުރުމުގެ ތިން ދައުވާ އާއި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދެ ދައުވާ އަކާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާއަކާއި ޖާއިޒް މަގުސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ ދައުވާއެކެވެ.
މިދައުވާތަކުގެ ތެރެއިން، ކޮންމެ ދައުވާއަކަށް ހަތް އަހަރުގެ މުއްދަތެއް ޖަހައި، ޖިންސީ ގޯނާކުރުމުގެ ތިން ދައުވާއަށް 21 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދެ ދައުވާގެ ތެރެއިން ފުރަތަމަ ދައުވާއަށް 15 އަހަރު އަދި ދެ ވަނަ ދައުވާ އަށް 17 އަހަރުގެ ޖަލު ހުކުމެއްވަނީ އިއްވައިފައެވެ.
ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާއަށް އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އަދި ޖާއިޒް މަގުސަދެއް ހާސިލު ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ ދައުވާއަށް 22 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.
މި ހުރިހާ އަދަބެއް އެއްކޮށްލުމުން 53 އަހަރާއި ދެ މަހާއި ހަތް ދުވަހުގެ ޖަލު ހުކުމެއް ހިމެނޭތީ، އެ ހުކުމް ބަދަލުވާނީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށެވެ. އެއީ 25 އަހަރު ދުވަސް ޖަލުގައި ތަންފީޒު ކުރުމެވެ.