ގަވާއިދާ ހިލާފަށް ކުނި މެނޭޖުކުރުމުން މާލެ ސިޓީ ކައުންސިލް 45،000 ރުފިޔާއިން ޖޫރިމާނާކޮށްފިއެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް، ކައުންސިލުން ގިނަ އަދަދަކަށް ކުނި އަޅާކަމުގެ ޝަކުވާ ލިބިފައިވާތީ އެ މައްސަލަ ބަލައިފައިވާނެ ކަމަށެވެ.

އެގޮތުން މާލޭގެ މަގުތަކަށް ގަވާއިދާ ހިލާފަށް ކުނި އަޅާފައި ހުންނަކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ލިބުމުން، އެތަން ތަނަށް ގޮސް ކުނި ނަގައި ސާފުކުރަމުގެ މަސައްކަތް ކައުންސިލުން ކުރާ ކަމަށާއި އެގޮތަށް ނަގާ ކުނި ވެމްކޯގެ ސައިޓް ބަންދު ގަޑިތަކުގައި ސިޓީ ކައުންސިލްގެ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ ކަންސިލްގެ ބިމުގައި ބަހައްޓާ، ހެނދުނު އެ ކުނިތައް އުކާލާކަން ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.

އީޕީއޭ އިން ބުނީ، އެ މައްސަލައަކީ ވަރަށް ގިނަ އާންމުންގެ ފަރާތުން އެ އެޖެންސީއަށް ހުށަހަޅާފައިވާ މައްސަލައަކަށް ވުމުން، އީޕީއޭގެ މުވައްޒަފުން އެ ސަރަހައްދަށް ގޮސް ކުނި އަޅާފައިވާކަން ކަށަވަރުކޮށްފައިވާނެ ކަމަށެވެ.

"އެހެންކަމުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު ކުނި މެނޭޖުކުރުމާބެހޭ ގަވާއިދަށް ރިއާޔަތްކޮށް މާލެ ސިޓީ ކައުންސިލްގެ އިދާރާ ޖުމުލަ 45,500.00 ރުފިޔާ އިން 08 ޖޫން 2023 ގައި ވަނީ ޖޫރިމަނާކޮށް، އެ ޖޫރިމަނާގެ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދެއްކުމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާއަށް ވަނީ އަންގާފަ" އީޕީއޭން ބުންޏެވެ.

އެ އެޖެންސީން ބުނީ، މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ ސިޓީ ކައުންސިލްގެ ބިމަށް ކުނިއެޅުމާއި ޖަމާކުރުން ވަގުތުން ހުއްޓާލައި، ސިޓީ ކައުންސިލްގެ އިދާރާއިން ކުނި މެނޭޖުކުރުމުގެ އެއްވެސް ހިދުމަތެއް ފޯރުކޮށްދޭ ނަމަ "ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު"ގެ ދަށުން ނަންގަވަންޖެހޭ ހުއްދަތައް ނެގުމަށާއި ކުނި މެނޭޖުކުރުމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް އަންގާފައިވާނެ ކަމަށެވެ.