ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ނުހަދާނެ ކަން، ޖުމުހޫރީ ޕާޓީގެ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް ރަސްމީކޮށް އަންގަވައިފި އެވެ.
"ވަން"އަށް ކަށަވަރު ވެފައިވާ ގޮތުގައި، ކޯލިޝަން ނުހަދާނެ ކަން ރަސްމީކޮށް އަންގަވައި ގާސިމް ފޮނުއްވި ސިޓީ އެމްޑީޕީއާ ހަވާކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "ވަން" އަށް މިއަދު ވިދާޅުވީ، ގާސިމްގެ ނިންމެވުން ރޭ އެމްޑީޕީއަށް އެންގުމުގެ މައިގަނޑު ސަބަބަކީ، އޭނާއަށް ޖޭޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމުގެ ރަސްމިއްޔާތު މިރޭ ބާއްވަން ނިންމައިފައިވުމެވެ. ކޯލިޝަން ހެދުމަށް ރައީސް ސޯލިހު، ދެއްވާފައިވާ ދައުވަތަށް ޖަވާބެއް ނުދީ، ޖޭޕީގެ ރިޔާސީ ޓިކެޓާ ގާސިމް ހަވާލުވަޑައިގަތުމަކީ ރަނގަޅުގޮތެއް ނޫން ކަމަށް ވާތީ، އިއްޔެ އެކަން ނިންމީ ކަމަށް ވެސް ވިދާޅުވި އެވެ.
"ކޯލިޝަން ހެދުމުގެ ދައުވަތު ޖޭޕީއަށް ދީފައި އޮތީ އެމްޑީޕީން ކަމަށް ވާތީ، ޖޭޕީގެ ލީޑަރު ސޮއިކުރައްވައި އޭގެ ޖަވާބު ހަވާލުކުރީ އެމްޑީޕީއާ. އެއީ ރޭގެ ވަގުތެއްގައި." ޖޭޕީގެ އިސް ބޭފުޅަކު "ވަން" އަށް މިއަދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މި ސަރުކާރުން ކަންކަން ކުރަނީ ވެރިކަމަށް އަންނާން ވީ ވައުދުތަކާ ހިލާފަށް ކަމަށާއި ޖޭޕީއާ މެދު އަމަލުކުރަމުން އަންނަނީވެސް ކޯލިޝަން އެއްބަސްވުމާ ހިލާފަށް ކަމަށެވެ. ކޯލިޝަން ނުހަދަން ނިންމުމުގެ މައިގަނޑު ސަބަބަކީ އެއީ ކަމަށެވެ. އަދި ޕާޓީން ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނެރެން ނިންމައި، އެ ކެންޑިޑޭޓަކީ ގާސިމް އިބްރާހީމް ކަމަށް ނިންމާފައިވާތީ، ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ގާސިމް އެކަމަށް ފުރިހަމަޔަށް އިހުތިރާމުކުރައްވައި އަމަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ޖޭޕީގެ ރިޔާސީ ޓިކެޓު ގާސިމަށް ހަވާލުކުރުމުގެ ރަސްމިއްޔާތު މިރޭ ބާއްވަން އެ ޕާޓީން ވަނީ ނިންމައިފަ އެވެ. ކާނިވާ ސަރަހައްދުގައި އޮންނަ އެ ރަސްމިޔާތުގައި ގާސިމްގެ މެނިފެސްޓޯގެ ބައެއް ކަންކަން ވެސް އިއުލާނުކުރައްވާނެ ކަމަށް ވަން އަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީ
ޖުމްހޫރީ ޕާޓީ