ރާޖޭއިން ފަތުރުވެރިންނަށް ލިބެންހުރި ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ އާއި ދެމެހެއްޓެނިވި ހިދުމަތްތައް ތަޖުރިބާކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ދައުވަތަކަށް ޖަރުމަނުވިލާތުގެ މަޝްހޫރު ނޫސްވެރިންނާއި ބްލޮގަރުން ހިމެނޭ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

ޖަރުމަންގެ ނޫސްވެރިންނާއި ބްލޮގްރުން ޗުއްޓީ ހޭދަކުރީ ލެ މެރިޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އަދި ޑަބްލިއު މޯލްޑިވްސްގައެވެ.

އެމްއެމްޕީއާރްސީން މިއަދު ބުނީ އެ ޓީމު ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ 29 ގައި ކަމަށާއި މިމަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ތަފާތު ތަޖުރިބާތަކާއި ރާއްޖޭގެ މެހެމާންދާރީ އެ ޓީމުން ތަޖުރިބާކުރި ކަމަށެވެ.

އެ ޓީމުގައި ހިމެނެނީ ޖަރުމަންވިލާތުގެ ހަތަރު ޕަބްލިކޭޝަނެއް ތަމްސީލުކުރާ ހަތަރު ނޫސްވެރިންނާއި، ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓްތަކުގެ (ޖަރުމަނުވިލާތް، ސްވިޒަލޭންޑް، އޮސްޓްރިއާ)ގެ އެއް ޕީއާރު ރެޕްރެޒެންޓޭޓިވްކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

އެ ފަރާތްތަކުން ރާއްޖެއިން ލިބެން ހުރި ތަފާތު ހިދުމަތްތަކާއި ޕްރޮޑަކްޓްތައް ތަޖުރިބާކޮށް، އެ ތަޖުރިބާތައް އޮންލައިން އާޓިކަލްތަކާއި ޕަބްލިކޭޝަންތަކާއި ސޯޝަލް މީޑިއާގައި ހިއްސާކުރާނެއެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާސް ކޮންފަރެންސް 2023 ތަޖުރިބާ ކުރުމުގެ ފުރުސަަތު ވެސް އެ ޓީމަށް ލިބުނުކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

މި މީޑިއާ ދަތުރަކީ ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓްތަކަށް ކަނޑައަޅާފައިވާ، އެމްއެމްޕީއާރުސީއިން ގެ މާކެޓިންގ ސްޓްރެޓެޖީގެ ދަށުން ހިންގާ ހަރަކާތެކެވެ. ޖަރުމަންވިލާތަކީ ރާއްޖެއަށް ހަތަރުވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމު ކަމަށާއި އެގޮތުން މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން 61،674 ފަތުރުވެރިން ޒިޔާރަތްކުރި ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.