ރިޔާސީ އިންތިހާބަށް ތިން މަސް ދުވަހަށް ވެފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅީ، ސަރުކާރުން ގަސްތުގައި މަޖިލިސް މަރުތަޅު އެޅުވުމަށް ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ތުހުމަތު ކުރައްވައިފިއެވެ.

މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން އީވާގެ މައްސަލަ ހުށަހެޅީ 50 މެމްބަރެއްގެ ސޮޔާއެކު މިދިޔަ މެއި މަހުގެ ތެރޭގައެވެ. އަދި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ހުށަހެޅީ 54 މެމްބަރުންގެ ސޮޔާއެކުއެވެ.

"އެޑްވާސް ކޯސް އޮން ޕާލިމެންޓަރީ އޯވަސައިޓް އެންޑް ލެޖިސްލޭޓިވް ސްކްރޫޓަނީ"ގެ ބައިވެރިންނާ މަޖިލީހުގައި މިއަދު ހަވީރު ބައްދަލުކުރައްވައި އީވާ ވިދާޅުވީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް އެ މައްސަލަތައް ކުރިއަށް ނުގެންގޮސް މަޖިލީހުގައި އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

"އޭގައި ސްޕީކާ ކުރާނެ ކަމެއް ނެތް، އަޅުގަނޑު ކުރާނެ ކަމެއް ނެތް، ނިއުޝާ ކުރައްވާނެ ކަމެއް ނެތް، ފިލްޒާ ކުރައްވާނެ ކަމެއް ނެތް" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މަޖިލީހަކީ ޖަވާބުދާރީ ކުރުވުމުގެ އެންމެ އިސް މުއައްސަސާ ކަމަށްވާއިރު، ސަރުކާރުން ރާވައިގެން މަޖިލިސް ހުއްޓުވީ ރިޔާސީ އިންތިހާބަށް ތިން މަސް ދުވަހަށް ވެފައި އޮތުމާއެކު ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށެވެ.

މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން އައްޔަން ނުކުރެވި މަޖިލިސް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެކަމާ ގުޅިގެން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ކޮމިޓީތައް އެކުލަވާލުމަށް ދެވެން އޮތް ދުލެއް އެމްޑީޕީން ދީފައިވާ ކަމަށެވެ.

އަލުން ކޮމިޓީތައް އެކުލަވާލުމުގެ މަޝްވަރާތަކެއް މިއަދު ހެނދުނުވެސް ކުރިއަށް ގެންދިޔަ ކަމަށާއި ނަމަވެސް އެ ބައްދަލުވުމުގައި އާންމު ކޮމިޓީ އެކުލަވާލުމާމެދު ހިޔާލު ތަފާތުވެފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. ސަބަބަކީ އެ ކޮމިޓީގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނުމަށް މިނިވަން މެމްބަރަކު ހުށަހެޅުއްވުމުންނެވެ. ނަމަވެސް އެމްޑީޕީން އެއްބަސްވީ، މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތަށް އެ ޕާޓީ ތަމްސީލުވާ ނިސްބަތުން ކޮމިޓީގެ ސްލޮޓް ލިބެންޖެހޭނެ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. އެއީ ކޮމިޓީތަކުގެ 60 ޕަސެންޓް ކަމަށާއި ހުރިހާ ކޮޮމިޓީއަކުން އެ އަދަދު ލިބެން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެގޮތަށް އެމްޑީޕީން ހުށަހަޅާފައިވާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން އެކަމަށް އަދި ޖަވާބެއް ލިބިފައިނުވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް މިދުވަސްކޮޅު އާންމު ކޮމިޓީ މުހިއްމުވެގެން އުޅެނީ، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ އެ ކޮމިޓީން ނިންމާ ނިންމުމެއްގެ މަތިން ކަމަށްވާތީއެވެ.

އާއްމު ކޮމިޓީއަކީ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގެ ބަހުސް ކުރިއަށް ގެންދާނެ ވަގުތާއި އެ ވަގުތުގެ ތެރެއިން ބަހުސް ކުރުމަށް މެންބަރުންނަށް ދޭނެ ވަގުތު ކަނޑައެޅުމާއި އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވާންޖެހޭ ފަރާތަށް ފުރުސަތު ދޭނެ ވަގުތު ކަނޑައަޅާ ކޮމިޓީއެވެ.