ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް އެރުވުމަށް ބޮޑު ޖަލްސާއެއް ބާއްވަން ހަމަޖައްސައިފިއެވެ.

ޖޭޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ރިޔާޒް ރަޝީދު ވިދާޅުވީ، މާދަމާ ރޭގެ ޖަލްސާ އޮންނާނީ ކާނިވާ ސަރަހައްދުގައި ކަމަށާއި އެ ޖަލްސާއަކީ ގާސިމަށް ރިޔާސީ ޓިކެޓު ހަވާލުކުރުމާއި ގާސިމްގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކުރަން ބާއްވާ ޖަލްސާއެއް ކަމަށެވެ.

"މި ޖަލްސާގައި އަޅުގަނޑުމެންނަށް ބެލެވޭ ގޮތުގައި 4،000 އެއްހާ މީހުން ބައިވެރިވާނެ. އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ، އެ ޖަލްސާއަކީ މާލެއިން ބޭރުން މީހުން ނުގެނެސް ބާއްވާ ޖަލްސާއެއް ކަމަށާއި އަދި އެ ޖަލްސާ ވެގެންދާނީ ރިޔާސީ ޓިކެޓެއް އެރުވުމަށް ޕާޓީއަކުން މިހާތަނަށް ބާއްވާނެ އެންމެ ފުރިހަމަ އަދި އެންމެ ބޮޑު ޖަލްސާއަށް ކަމަށެވެ.

"ރަށްރަށުން އަޅުގަނޑުމެން އިންވައިޓުކޮށްގެން ނުގެންނަން. އެކަމު ބައެއް ކައުންސިލަރުންނާއި ޑަބްލިޔުޑީސީ މެންބަރުން އަންނާނެ. ދެން މާމިގިލި އަދި ދިގުރަށް، ފެންފުށިންވެސް ގާސިމްގެ އާއިލީ ބޭފުޅުން އަންނާނެ" ރިޔާޒް ވިދާޅުވިއެވެ.

ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވީ، ގާސިމްގެ މެނިފެސްޓޯގެ ތެރެއިން ކޮންމެވެސް ވައުދުތަކެއް މާދަމާރޭ ގާސިމް އިއުލާނުކުރައްވާނެ ކަމަށެވެ.

އިލްހާމް ވިދާޅުވީ، ގާސިމް ރައްޔިތުންނާ ހަމައަށް ވަޑައިގަންނަވާނީ ހައްލުތަކާއެކުގައި ކަމަށެވެ. އަދި ގާސިމަކީ ރިޔާސީ ރޭހުގައި ހުންނެވި އެންމެ ސީނިއާ ބޭފުޅާ ކަމަށްވެސް ވިދާޅުވިއެވެ.