ހިޔާ ފްލެޓުތަކުގެ އިމާރާތެއްގެ ފާރު ތަޅާލައި ދެ އެޕާޓްމަންޓް އެއްކޮށްލާފައި ހުރި މައްސަލައިގައި އެ ދެ ޔުނިޓަށް ގެނެސްފައި ހުރި ބަދަލުތައް ހައްލު ކުރުމަށް އާބަންކޯ އިން އިތުރު ހަތް ދުވަހުގެ މުއްދަތު ދީފި އެވެ.
ހިޔާ ޓަވަރެއްގެ ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަތަރު ކޮޓަރީގެ އެޕާޓްމަންޓެއް ހަދާފައިވާ ކަމުގެ ރިޕޯޓެއް އާބަންކޯއަށް ލިބުނީ މިދިޔަ މަހުގެ ކުރީ ކޮޅުގައެވެ. އެ ރިޕޯޓް ލިބުމާ ގުޅިގެން އެތަން ބެލުމަށްފަހު އާބަންކޯއިން ވަނީ އެއިން ކޮންމެ އެޕާޓްމެންޓެއް ލިބިފައިވާ ފަރާތް 100،000 ރުފިޔާއިން ޖޫރިމަނާކޮށް، އެޕާޓްމެންޓު ކުރިން ހުރި ގޮތަށް ބަދަލުކުރަން އަންގައިފައެވެ.
ނަމަވެސް އާބަންކޯ އިން ދިން މުއްދަތުގައި ދެ އެޕާޓުމެންޓުގެ ވެރިން ޖޫރިމަނާގެ ފައިސާއެއް ނުދައްކަ އެވެ. އަދި އިމާރާތް ކުރިން ހުރި ގޮތަށް ބަދަލުކޮށްފައި ވެސް ނުވާތީ އާބަންކޯ އިން ވަނީ އެ ދެ ފްލެޓުގެ އެގްރިމަންޓް ބާތިލު ކުރުމަށް ނިންމައި ފްލެޓުތައް ހުސްކުރަން 14 ދުވަހުގެ ނޯޓިހެއް ފޮނުވައިފަ އެވެ. އެ މުއްދަތު ހަމަވީ މިމަހުގެ އެއްވަނަ ދުވަހަށެވެ.
މި މައްސަލާގައި އެ ފްލެޓުތައް ލިބުނު ފަރާތްތަކުން ވަނީ އެތަން އަތުލުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓުގައިވެސް އެދިފަ އެވެ. ނަމަވެސް ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ހުކުމްކޮށްފައެވެ.
އެތަން ހުސްކުރަން ދިން މުއްދަތު ހަމަވެފައިވާއިރު އާބަންކޯއިން ބުނީ އެ ކޯޕަރޭޝަނުން އެންގި ގޮތަށް އެ ފްލެޓުތައް އިޔާދަކުރުމަށް ދިން މުއްދަތު އިތުރު ކޮށްދިނުމަށް އެދި ފުލެޓުގެ ވެރިފަރާތުން އާބަންކޯއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ހުށަހެޅުމުގައި ހިމަނާފައިވާ ސަބަބުތަކަށް ބަލައި ޔުނިޓްތަކަށް ގެނެސްފައިވާ ބަދަލުތައް ހައްލު ކުރުމަށް ހަތް ދުވަހުގެ ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު