ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާތީ ދެން އިތުރަށް އެމަނިކުފާނު ރިޔާސަތުގައި އިންނަވައިގެން ނުވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ނަޝީދު ގާނޫނު އަސާސީ އާއި ގަވައިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާ ކަމަށް ތުހުމަތުކޮށް، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން ވަނީ މިއަދު 54 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅައިފައެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ އާންމު އުސޫލުން މިހާތަނަށް އަމަލުކުރަމުން އައީ ރިޔާސަތުގައި އިންނަވާ ބޭފުޅެއްގެ އިތުބާރުނެތްކަމުގެ މައްސަލައަކާ ކުރިމަތިވެއްޖެނަމަ އެ ބޭފުޅަކު ރިޔާސަތުން ދުރަށް ވަޑައިގަތުން ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުން މި އަންނަ ހޯމަ ދުވަހު މިހާރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް މިހާރު އެ ވަނީ ހުށަހެޅިފައި. އެހެންވީމާ ރައީސް މުހައްމަދު ނަޝީދު އިންނަވައިގެން ނުވާނެ މަޖިލީހުގެ ރިޔާސަތުގައި،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ވެސް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވާތީ އީވާއަށް ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށެވެ.
"ބޭފުޅެއްގެ އިތުބާރު ނެތްކަމަށް އެހާ ބޮޑު އަޣުލަބިއްޔަތަކުން ހުށަހެޅުނީމަ ދެން އަސްލުގައި އިތުބާރު ނެތް. އެހެންވީމާ އިތުބާރު ނެތި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަކީ އެންމެ އެކަށީގެންވާ ގޮތެއްވެސް ނޫން،" އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަންނަ ހޯމަ ދުވަހު މަޖިލީހުގެ ރިޔާސަތު އަދި ކޮމިޓީތައް މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކަނޑައެޅިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު