ޕީއެސްޖީގެ ކޯޗު ކްރިސްޓޯފް ގަލްޓިއޭ މަގާމުން ދުރުކުރާނެ ކަމަށް ކްލަބުން އަންގާފައިވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.

މިދިޔަ ސީޒަނުގައި ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވި ގަލްޓިއޭ މި ސީޒަން ނިންމާލީ ހަމައެކަނި ލީގު ތައްޓާއެކުގައެވެ. ފްރެންޗް ކަޕާއި ޗެމްޕިއަންސް ލީގުވެސް ޕީއެސްޖީއަށް ގެއްލިފައިވާ އިރު، ލީގުގައިވެސް އެ ޓީމުގެ ފަރާތުން އެންމެ އެކަށޭނެ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

ދުނިޔޭ ފުޓުބޯޅައިގެ އެންމެ ވަރުގަދަ އެއް ސްކޮޑު އޮތް ޕީއެސްޖީއަށް މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވި އޮތް އޮތުން އެއީ އެ ކްލަބުގެ އެންމެ ބޮޑު ފެއިލިއާއެވެ. ގަތަރު ސަރުކާރުގެ ޕީއެސްޖީން މިދިޔަ ދެ ސީޒަނުގައިވެސް ދުނިޔޭގެ ސުޕަ ސްޓާރުން އެޓީމަށް ގެންގޮސްފައި ވަނީ ޗެމްޕިއަންސް ލީގަށް ވަރަށް ބޮޑަށް ޓާގެޓް ކޮށްގެންނެވެ. ހާއްސަކޮށް ލިއޮނަލް މެސީއާއި ސާޖިއޯ ރާމޯސްގެ އިތުރުން ޖިއާންލުއީޖީ ޑޮނަރޫމާއާއި އަޝްރަފް ހަކީމީ ފަދަ ކުޅުންތެރިންވެސް ކްލަބަށް ގެންގޮސްފައިވާ އިރު، އެ ޓީމަށް އަދިވެސް އޮތީ ޗެމްޕިއަންސް ލީގު ނުހޯދިއެވެ.

މިދިޔަ ސީޒަނަށްފަހު މެސީއާއި ރާމޯސްވެސް ޕީއެސްޖީ ދޫކޮށްލާފައިވާ އިރު، އެ ޓީމުން އާ ކޯޗަކަށް މަސައްކަތް ކުރަމުންދަނީ އަންނަ ސީޒަނަށް އަމާޒުކޮށެވެ. މިހާރުވެސް ކުރިއަށް އޮތް ސީޒަނަށް ޓްރާންސްފާތައް ކުރަމުންދާ ޕީއެސްޖީން މި ހަފުތާ ތެރޭގައި ކޯޗު ފޮނުވާލުމަށް ނިންމާފައިވާކަށް އިތުބާރު ހުރި ރިޕޯޓުތައް ބުނެފައިވާ އިރު، މިހާރުވެސް ދަނީ އާ ކޯޗަކަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ލިސްޓްގެ އެންމެ ކުރީގައި އޮތީ ދާދިފަހުން ޗެލްސީއަށް ގެންދަން މަސައްކަތް ކުރި ޖަރުމަނުގެ ކޯޗު ޖުލިއަން ނާގެލްސްމަންއެވެ. ނާގެލްސްމަން މިދިޔަ ސީޒަނުގެ ބޮޑު ބައެއްގައި ބަޔާން މިއުނިކްގެ ކޯޗުކަން ކޮށްފައިވާ އިރު، އެ ކްލަބުން ސީޒަނުގެ ފަހުކޮޅުގައި އޭނާ ފޮނުވާލުމަށްފަހު ގެންދިޔައީ ތޯމަސް ޓުޗެލްއެވެ.