ޓޮޓެންހަމްގެ އާ ކޯޗުގެ މަގާމަށް ސެލްޓިކްގެ ކުރީގެ ކޯޗު އާންޖޭ ޕޮސްޓެކޮގްލޫ ހަމަޖައްސައިފިއެވެ.

ޕޮސްޓެކޮގްލޫ، ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އުމުރުން 57 އަހަރުގެ ޕޮސްޓެކޮގްލޫ ސެލްޓިކް ދޫކޮށް ޓޮޓެންހަމްއާ ހަވާލުވީ އެ ކްލަބާ ހަވާލުވެ ހުރި ދެ ސީޒަނުގައިވެސް ސްކޮޓިޝް ލީގުގެ ޗެމްޕިއަންކަން އެ ކްލަބަށް ހޯދައިދިނުމަށްފަހުއެވެ. ޕޮސްޓެކޮގްލޫއަކީ މައުރީޝިއޯ ޕޮޗެޓީނޯއަށްފަހު ކްލަބުގެ ދާއިމީ ކޯޗުކަމާ ހަވާލުވި ހަތަރު ވަނަ ކޯޗެވެ.

ޕޮސްޓެކޮގްލޫ ވެގެންދާނީ ޕްރިމިއާ ލީގުގައި ކޯޗުކަން ކޮށްދޭ ފުރަތަމަ އޮސްޓްރޭލިއާގެ ކޯޗަށެވެ. އޭނާ ސެލްޓިކްގައި ހޭދަކުރި މިދިޔަ ދެ ސީޒަނުގައި ނެގެން އޮތް ހަ ތަށީގެ ތެރެއިން ފަސް ތަށި ހޯދިއެވެ.

ޕޮޗެޓީނޯ، 2018-19 ވަނަ އަހަރު ޓޮޓެންހަމްއާއެކު ޗެމްޕިއަންސް ލީގު ފައިނަލަށް ގެންގޮސްދީފައިވާ އިރު، އޭގެފަހުން ޖޯސޭ މޮރީނިއޯއާއި ނޫނޯ އެސްޕިރިޓޯ ސަންޓޮސް އަދި އެންޓޯނިއޯ ކޮންޓޭވެސް ވަނީ ޓޮޓެންހަމްއަށް ކޯޗުކަން ކޮށްދީފައެވެ. އެ ހުރިހާ ކޯޗުންވެސް ނިންމާލީ ހުސް އަތާއެވެ.

ޕޮސްޓެކޮގްލޫ ކްލަބާ ގުޅުމާއެކު ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީ ވިދާޅުވީ "އަވަސް، ރީތި އެޓޭކިން ސްޓައިލެއްގެ ކުޅުމެއް ޓޮޓެންހަމްއިން ފެނިގެންދާނެ ކަމަށާއި، ޕޮސްޓެކޮގްލޫގެ ފަސްމަގަށް ބަލާއިރު ޒުވާން ކުޅުންތެރިން އުފެއްދުމާއި އެކަޑެމީ ކުޅުންތެރިންގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ހިފާފައިވާ މަންޒަރުވެސް ފެނިފައިވާ ކަމަށެވެ.

މިދިޔަ ސީޒަނުގެ މެދުތެރެއިން ޓޮޓެންހަމްގެ ކޯޗު ކޮންޓޭ ކްލަބު ދޫކޮށްލިފަހުން އެޓީމުން ދާއިމީ ކޯޗެއް ހޯދަން މަސައްކަތް ކުރަމުން ގޮސްފައިވާ އިރު، އޭގެ ފަހުން ވަގުތީ ދެ ކޯޗުންނާ ކްލަބު ހަވާލުކޮށްފައިވެއެވެ. އެ ކޯޗުންގެ ތެރޭގައި ހިމެނެނީ ކޮންޓޭގެ އެސިސްޓެންޓަކަށް ހުރި ކްރިސްޓިއަން ސްޓެލީނީއާއި ރަޔަން މޭސަންއެވެ.