ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މުހައްމަދު ނަޝީދު، ވަކިކުރަން ސޮއިކުރެއްވީ ކަންކަން ހައްދުން ނެއްޓި މަޖިލިސް ތަޅުއަޅުވާ ހިސާބަށް ކަންކަން ގެންދެވުމުން ކަމަށް އެމްޑީއޭގެ ރައީސް، ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ވިދާޅުވެއްޖެ އެވެ.
ސިޔާމް މިހެން ވިދާޅުވީ، މަޖިލިސް ރައީސްކަމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީ ޕީޖީ ގުރޫޕުން ފަށާފައިވާ މަސައްކަތަށް އެއްބާރުލުން ދެއްވައި، ފޯމުގައި ސޮއިކުރެއްވުމާ ގުޅިގެން "ވަން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މަޖިލިސް ރައީސްކަމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީ ޕީޖީ ގުރޫޕުން ފާސްކޮށް އެ މަސައްކަތް ފެށީ މިއަދު އެވެ.
ސިޔާމް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ނަޝީދު ކަންކަން ކުރައްވަނީ ގަވައިދާ ހިލާފަށް، އަމިއްލަ ޕްރޮމޯޝަނަށް ކަމަށެވެ.
ސިޔާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކީ ވަރަށް ބޮޑު ޒިންމާއަކާއި މަސްއޫލިއްޔަތެއް ކޮނޑުގައި އެޅިފައިވާ ބޭފުޅެއް ކަމަށެވެ. މަޖިލީހުގެ ރައީސްގެ ޒިންމާއަކީ، ރައްޔިތުންނަށް ފައިދާވާނެ ގޮތަށް، މަޖިލީހުގެ ގަވައިދާއި އެއްގޮތަށް މަޖިލީހުގެ އެންމެހައި ކަންކަން ގެންދިއުން ކަމަށެވެ. އެހެން ނަމަވެސް ނަޝީދުގެ އަމަލުތައް ހުރީ ދިމާ އިދިކޮޅަށް ކަމަށާއި އެއްވެސް ކަމެއްގައި ގަވައިދަށް ނުބައްލަވައި ނަޝީދު މަޖިލިސް ހިންގަވަނީ ހިތުހުރި ގޮތަކަށް ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
"މަޖިލީހުގެ ގަވައިދަށް ކަންކަން ކުރެއްވުމާއި އެ ގަވައިދު ފުރިހަމަޔަށް ތަންފީޒުކުރެއްވުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ މަޖިލީހުގެ ރައީސްގެ އިސްތަށިފުޅުގައި. އެކަމަކު މިހާރު މި ފެންނަނީ ވަރަށް ހިތާމަވެރި މަންޒަރުތަކެއް. އެކަން ކުރައްވަން ހުންނެވި ބޭފުޅާ އެންމެ ބޮޑަށް ގަވައިދަށް އަރައިމިގަންނަނީ. މަޖިލިސް ރައީސް މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެންވެސް ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަ. ހިންގަވަނީ އަމިއްލަ އެޖެންޑާއެއް." މަޖިލީހުގައި 4 ވަނަ ދައުރު ފުރިހަމަކުރައްވަމުން ގެންދަވާ، މަޖިލީހުގެ އެންމެ ދުވަސްވީ އެއް މެންބަރުކަމަށްވާ، ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ އެޓާނީ ޖެނެރަލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރި ފުރަތަމަ ދުވަހު، މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވެވެސް މަޖިލިސް ރައީސް ހެއްދެވީ އިތުރުފުޅެއް ކަމަށާއި އެ ދުވަހު އެމްޑީއޭއާވެސް މަޝްވަރާކުރައްވާފައި ނުވާ ކަމަށެވެ. ސިޔާމް ވިދާޅުވީ ވަޒީރުން މަޖިލީހަށް ހާޒިރުކުރުމާއި އިތުބާރު ނެތްކަމުގެ މައްސަލަތައް ގެންދިއުމަކީ މީގެ ކުރީންވެސް މަޖިލީހުގައި ކުރިޔަށް ގެންގޮސްފައިވާ ކަންކަން ކަމަށާއި އެހެން ނަމަވެސް އެ ބޭފުޅުން ހާޒިރުކޮށްގެން މިހާރު މިކުރާ ކަމަކީ އެބޭފުޅުންނަށް ވަގަށް ގޮވުމާއި އަގު ވައްޓާލުން ކަމަށެވެ. އެކަން އެ ގޮތަށް ނުކުރެވޭނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
ސިޔާމް އިތުރަށް ވިދާޅުވީ މީގެ ކުރީންވެސް މަޖިލިސް ރައީސުން ވަކިކުރުމުގެ މަރުހަލާތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށާއި އެހެން ނަމަވެސް ދުވަހަކުވެސް އެއިން ފޯމެއްގައި ސޮއިކުރައްވާފައި ނުވާނެ ކަމަށެވެ.
އެމްޑީޕީ ޕީޖީ ގުރޫޕުން ބުނެފައިވާ ގޮތުގައި، މަޖިލިސް ރައީސް ކަމުން ނަޝީދު ވަކިކުރުމަށް ބޭނުންވާ އަދަދަށްވުރެ އިތުރަށް ސޮއި މިހާރު ވަނީ ލިބިފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް