ހދ. ކުނބުރުދޫގައި ގާއިމުކުރި ކުނި ޖަމާކުރާ ޝެޑް އަދި އެކްސަސް ރޭމްޕް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެއެވެ.

ކުނބުރުދޫގައި ކުނި ޖަމާކުރާ ޝެޑް އަދި އެކްސަސް ރޭމްޕް ހެދުމުގެ މަޝްރޫއު، ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. ޖުމުލަ 10.64 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 140 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހެދުމުގެ މަސައްކަތްތަކުގެ ދަށުން ސައިޓް ކްލިއާ ކުރުމާއި ކޮންކްރީޓް މަސައްކަތްތަކާއި ފުރާޅެއް ހެދުމާއި ސްކްރީޑް އަދި ބްލޮކް މަސައްކަތްތަކާއި ޕެރިމީޓާ ޑްރެއިން ކުރުމާއި އެކްސަސް ރޭމްޕެއް ހެދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ކުނބުރުދޫ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ ކުނި ޖަމާކޮށް ނައްތާލުމުގެ ނިޒާމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ފެސިލިޓީއެއް ކަމަށާއި އެ ފެސިލިޓީ ވެގެންދާނީ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުން އުފެދޭ ކުނި ޖަމާކޮށް ނައްތާލުމުގެ ކަންކަން ކުރިއަށްގެންދާ ސްޓޭޝަނަކަށް ކަމަށް އެމްޓީސީސީން މީގެ ކުރިން ވަނީ ބުނެފައެވެ.