އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިފި ނަމަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމާ ހަވާލުވާން ތައްޔާރަށް ހުންނެވި ކަމަށް ޕީޖީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
އަސްލަމަކީ މަޖިލީހުގައި މެދުނުކެނޑި 19 އަހަރު ގުނަމުން ގެންދަވާ ބޭފުޅެކެވެ. މަޖިލީހުގެ އެންމެ ސީނިއާ މެންބަރުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމުން މިއަދު ނިންމާފައިވާތީ އެކަމުގެ ތަފްސީލްތައް ދެއްވުމަށް މަޖިލިސް އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސްކަމަށް އެ ބޭފުޅާ ގެނައުމަށް ޕީޖީ ގްރޫޕުން ނިންމައިފިނަމަ، އެކަން ގަބޫލުކުރައްވާނެ ކަމަށެވެ.
"އެކަމާ ގުޅޭ ގޮތުން އަދި ވަކި ގޮތަކަށް ނުވިސްނަން. ދެން ޕާލިމެންޓްރީ ގްރޫޕުން ނިންމަވާނެ. ޕާލިމެންޓްރީ ގްރޫޕުން އެފަދަ ނިންމުމެއް ނިންމަވައި އަޅުގަނޑާ (މަޖިލީހުގެ ރައީސްކަން) ހަވާލުކުރަން ނިންމަވައިފިއްޔާ ހަމަ ހިތުގެ އަޑިން އެކަން ގަބޫލުކޮށް، އެ މަސައްކަތް ކުރިއަށް ގެންދަވާނެ ވާހަކަ ދަންނަވަން،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، މަޖިލީސް ރައީސްކަމުގެ މަގާމަށް އަމިއްލަ ޝައުގުވެރިކަމެއް އޮތްނަމަ ފަހުން އެކަން ހިއްސާކުރައްވާނެ ކަމަށެވެ.
އަސްލަމް އިތުރަށް ވިދާޅުވީ، ނަޝީދު ރިޔާސަތުގައި އިންނަވައިގެން މަޖިލިސް ކުރިއަށް ގެންދަވަނީ "ޗަރުކޭހެއްގެ" ގޮތުގައި ކަމަށެވެ.
އަސްލަމް އަކީ މި ދައުރުގެ ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމަށް ގެނައުމަށް އެންމެ ފުރަތަމަ ރައީސް ނަޝީދު ހުށަހެޅުއްވި ނަމެވެ. ނަމަވެސް ފަހުން ރައީސް ނަޝީދު މަޖިލިސް ރައީސް ކަމަށް ގެނައުމަށް އެމްޑީޕީން ނިންމީއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު